މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް - ވިމެންސް އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގާއެކު ސޮއިކޮށްފި އެވެ.
މި ކޮންފަރެންސްއަކީ ޓޫރިޒަމް ސެކްޓާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކައި، ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރަން ބާއްވާ ކޮންފަރެންސްއެކެވެ.
"މިފަދަ ކޮންފަރެންސްއަކަށް އެއްބާރުލުން ދެވުމަކީ ދިރާގަށް ލިބޭ އުފަލެއް. ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ކޮންފަރެންސްއަށް ދެވެން އޮތް ހުރިހާ ސަޕޯޓެއް ދޭނަން،" ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް ނާއިޔާ ޝަރީފް ވިދާޅުވި އެވެ.
މާޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވަނީ ދިރާގުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
އެ ކޮންފަރެންސް އޮންނާނީ ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާގަ އެވެ.
ދިރާގުން އަންނަނީ މިފަދަ ކޮންފަރެންސްތަކަށް އަބަދުވެސް އެއްބާރުލުންދީ، މުޖުތަމައުއަށް އެކި ދާއިރާތަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.











