ކްލޮޕާ އެކު ލިވަޕޫލް ހަރުފަތެއް މައްޗަށް: ސްލޮޓަށް ގޮންޖެހުން ބޮޑު ޒިންމާއެއް

Aug 17, 2024, 4:31 AM
ކްލޮޕާ އެކު ލިވަޕޫލް ހަރުފަތެއް މައްޗަށް: ސްލޮޓަށް ގޮންޖެހުން ބޮޑު ޒިންމާއެއް

ލިވަޕޫލްގެ ކޯޗުގެ މަގާމުގައި ނުވަ އަހަރު ހޭދަކުރި، ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕާ އެކު، އެ ޓީމު ހަރުފަތެއް މައްޗަށް ޖެހިލިއިރު، އަލަށް އެ ޓީމާ ހަވާލުވި ނެދަލެންޑްސްގެ ކޯޗު އާނޭ ސްލޮޓް ހަވާލުވެފައި މި ވަނީ ގޮންޖެހުން ބޮޑު ޒިންމާ އަކާ އެވެ.

ކްލޮޕްގެ ނުވަ އަހަރުގެ އުސްއަލިތަކަށް ބަލާއިރު، އޭނާ ވަނީ 30 އަހަރު ތެރޭ ލިވަޕޫލަށް ފުރަތަމަ ލީގު ތަށި ހޯދައިދީ، 14 އަހަރު ތެރޭ އެ ޓީމަށް ފުރަތަމަ ފަހަރަށް، ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދީ، ކްލަބްގެ ތާރީހުގައި ފުރަތަމަ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ.

ލިވަޕޫލްގެ އެކެޑަމީ ޕްލޭން މުޅިން އޯވަހޯލްކޮށް، އެކެޑަމީ އޮނިގަނޑު ހިންގާނެ އާ ނިޒާމެއް އެކުލަވާލީ، ކްލޮޕްގެ ކޯޗިން ޓީމުގެ ޕްލޭނެއްގެ ތެރެއިންނެވެ. ވިއްސަށް ވުރެ ގިނަ އެކެޑަމީ ކޯޗުން ކްލޮޕްގެ ނުވަ އަހަރު ތެރޭގައި، ލިވަޕޫލްގައި މަސައްކަތްކުރިއިރު، ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރުން ގެނެސް ތަފާތު، ސިސްޓަމްތަކަށް ލިވަޕޫލްގެ ޒުވާން ކުޅުންތެރިން ހޭނުވުމުގައި، ކްލޮޕް އިސް މަަސައްކަތްތަކެއް ކުރި އެވެ.

އޭގެ ނަތީޖާ އަކަށްވީ، ލިވަޕޫލްގެ ޔޫތު ކުޅުންތެރިންނެކޭ، ސީނިއާ ޓީމުގެ ކުޅުންތެރިންނެކޭ، އެއް ފިލޯސަފީއެއްގައި ކުޅޭ ކުޅުންތެރިންނަށް ވުމެވެ. ސީނިއާ ޓީމަށް ޔޫތު ކުޅުންތެރިއަކު ބޭނުންވާއިރު، އެ ބޭނުންވާ ލެވަލަކަށް އެ ކުޅުންތެރިން ތައްޔާރުވެފައި ހުރުމެވެ.

މިދިިޔަ ސީޒަނުގެ ފަހު މެޗަށް ފަހު ކްލޮޕް ސަޕޯޓަރުންނަށް ހާއްސަ ކުރި ވަގުތުކޮޅުގެ ތެރެއިން.-- ފޮޓޯ: ގެޓީއިމޭޖަސް

ލިވަޕޫލްގެ ޓްރެއިނިން ފެސިލިޓީ، ކާކްބީ އަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގައި ވެސް ކްލޮޕް އިސް ރޯލެއް ކުޅުނުއިރު، އޭނާ ބޭނުންވާ ފުޓްބޯޅަ ކުޅެން ލިވަޕޫލްގެ ދަނޑު، އެންފީލްޑްގެ ޕިޗު ވެސް ދެ ފަހަރެއްގެ މަތިން އަޕްގްރޭޑްކުރި އެވެ.

އެހެންކަމުން، މިދިޔަ ނުވަ އަހަރު، ލިވަޕޫލްގެ މުޅި ވިސްނުން ބައްޓަންވެފައި އޮތީ އެ ކަމުގައި ކްލޮޕްގެ ބައިވެރިވުން އޮންނަ ގޮތަށެވެ. ލިވަޕޫލް ދޫކޮށްލަމުން، އެ މަގާމުން ވަކިވަނީ، "ހަކަތަ ހުސްވެގެން" ކަމަށް ކްލޮޕް ބުނެފައިވާ މާނަ އަކީ ހަގީގަތުގައި، މި ހުރިހާ ޒިންމާއެއްގެ ބޮލުގެ ރިހުމާ އެކު، އެތައް އަހަރެއް ގުނަން ޖެހުން ކަމަށް ވުން އެކަށީގެންވެ އެވެ.

ފެޔަނޫޑްގެ ކުރީގެ ކޯޗު، ސްލޮޓް، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ލިވަޕޫލާ ހަވާލުވެ، ވަނީ މިހާތަނަށް ވެސް ކަންތައްތަކެއް ކޮށްފަ އެވެ. ރަސްމީކޮށް މަގާމުގައި ހުރެ، ސްލޮޓް މި ހޭދަކުރި ދޮޅު މަހެއްހާ ދުވަސްތެރޭގައި ވެސް އޭނާގެ ވައްޓަފާޅި އަށް ލިވަޕޫލްގައި ގިނަ ބަދަލުތަކެއް ގެންނަން ވަނީ މަސައްކަތް ފަށައިފަ އެވެ.

އެ ގޮތުން، ލިވަޕޫލްގެ ކޮންމެ ކުޅުންތެރިއަކު، ޓީމު އެކުގައި ނަގާ ހެދުނުގެ ނާސްތާގައި ބައިވެރިވާން ސްލޮޓް ވަނީ ލާޒިމްކޮށްފަ އެވެ. ބައިވެރިނުވެވޭ ކުޅުންތެރިއަކުގެ އެ ސަބަބެއް ސްލޮޓް ހަދާފައިވާ މިންގަނޑުގެ ތެރޭގައި ހިމެނެން ޖެހޭނެ އެވެ. މީގެ އިތުރުން، ޓީމު އެކުގައި، ކޮންމެ ދުވަަހަކު ކަހަލަ ގޮތަކަށް އޮންނަ ބައްދަލުވުމުގައި، ވާހަކަ ދެއްކުމުގެ ފުރުސަތު ބޭނުންވާ ހުރިހާ ކުޅުންތެރިއަކަށް ދޭން ސްލޮޓް ވަނީ ޝެޑިއުލެއް ހަދައިފަ އެވެ. އަދި ހަފްތާއެއް ނިމޭއިރު، ޓީމުގެ ކޮންމެ ކުޅުންތެރިއަކު ވެސް މި ބައްދަލުވުމުގައި ވާހަކަ ދައްކަން ޖެހެ އެވެ.

ކުޅުންތެރިންގެ ހިޔާލު ހޯދުމަށް، ސްލޮޓްގެ އުކުޅަކީ، ފީޑްބެކް ސެޝަންތަކެއް ބޭއްވުމެވެ. އެއީ، ސްލޮޓްގެ ފުޓްބޯޅައިގައި، ކޮމިއުނިކޭޓް ކުރުމަކީ އެންމެ މުހިންމު ކަންތައްކަމުގައި އޭނާ ބަލާތީ އެެވެ.

ލިވަޕޫލްގައި ކްލޮޕް މަސައްކަތްކުރި، ނުވަ އަހަރު ތެރޭގައި، އެ ކްލަބްގައި މަސައްކަތްކުރި އެކި ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކުގެ، ރިޕޯޓްތައް ސްލޮޓް ވަނީ ދިރާސާކޮށްފަ އެވެ. އަދި ދިރާސާތަކުން ރަނގަޅަށް ސާފުނުވާ މައުލޫމާތުތައް ސްލޮޓް ވަނީ ކްލޮޕަށް ގުޅައިގެން ވެސް ހޯދައިފަ އެވެ. އެކަން، ސްލޮޓާ ހަވާލާދީ ނެދަލެންޑްސް މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ލިވަޕޫލުން، ޕްރީ ސީޒަނުގެ ފަހު މެޗުތައް ކުޅުނީ، އެއް ދުވަހެއްގައި ދެ ގްރޫޕަކަށް/ސްކޮޑަކަށް ބަހާލައިގެންނެވެ. އެއް ސްކޮޑުން ސެވިއްޔާއާ ކުޅެ، 4-1 އިން މޮޅުވި އެވެ. އަނެއް ސްކޮޑުން، ލަސް ޕަލްމާސްއާ ކުޅެ 0-0 އިން އެއްވަރުވީ އެވެ. ލިވަޕޫލްގެ ދެ ސްކޮޑުގެ ދެ މެޗު ދެމެދުގައި، ބްރޭކަކަށް ނެގީ، ދެގަޑިއިރާއިބައި ގެ ވަގުތެކެވެ. އެ ދެގަޑިއިރާއި ބައި ތެރޭގައި ސްލޮޓް ވަނީ ދެ ސްކޮޑަށް ވެސް ބައްދަލުވުމެއް ބާއްވައިފަަ އެވެ. އެއީ، ދެ ސްކޮޑު ވެސް އެއް ސިސްޓަމެއްގެ ތެރެއިން ކުޅުވަން މުޅި މެޗެއްގެ ސިފައިގައި ކުޅުންތެރިންނަށް ވިސްނައިދިނުމަށެވެ.

ކްލޮޕް، ލިވަޕޫލްގައި މައިގަނޑު ގޮތެއްގައި ކުޅުވި، ސިސްޓަމަކީ، 4-3-3 ފޯމޭޝަނަށެވެ. އެކަމަކު، ސްލޮޓްގެ ޕްރީ ސީޒަން ތެރޭގައި ލިވަޕޫލްގެ މައިގަނޑު ފޯމޭޝަަނަކީ، 4-2-3-1 އެވެ. ސްލޮޓްގެ ޕްލޭނުގައި، އެންމެ މުހިންމު ކަމަކީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމެވެ. ލިވަޕޫލްގެ ޕްރީ ސީޒަން ބައެއް މެޗުތަކުގައި، ސްލޮޓް ވަނީ، އިދިކޮޅު ހާފުގެ ތެރޭގައި ޕްރެސްކޮށްގެން ބޯޅަ ހޯދުމަށްޓަކައި، 4-2-4 ފޯމޭޝަނަށް ވެސް ބައެއް ވަގުތުތަކުގައި ކުޅެފަ އެވެ.

ލިވަޕޫލާ ހަވާލުވުމަށް ފަހު ސްލޮޓް، އެ ކްލަބްގެ މީޑިއާ އަށް ދިން އިންޓަވިއުގެ ތެރެއިން.

ސްލޮޓް ވަނީ އޭނާއާ އެކު ފެޔަނޫޑްގައި މަސައްކަތްކުރި، ކޯޗިން ޓީމުގެ ގިނަ މެމްބަރުން ލިވަޕޫލަށް ގެނެސްފަ އެވެ. އޭނާ ލިވަޕޫލާ އެކު، މަސައްކަތްތައް ފެށުން ކުޑަކޮށް ލަސްވުމުގެ އެއް ސަބަބަކީ، ވެސް ބޭނުންވާ ހުރިހާ ކޯޗިން ސްޓާފުންގެ ޑީލް ހަމަޖެހެންދެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ގޮތުން، ސްލޮޓްއާ އެކު، ލިވަޕޫލަށް ބަދަލުވި އެއް ކޯޗަކީ، ފިޒިކަލް ޕާފޯމަންސް ކޯޗު، ރުބެން ޕީޓާސް އެވެ. އޭނާ އަންނަނީ، ލިވަޕޫލްގެ ސްކޮޑުގެ މައުލޫމާތު ތަފްސީލީ ގޮތެއްގައި ސްލޮޓަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލުން އާ ކުޅުންތެރިއަކު ސޮއިނުކޮށް، ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިއަދު އިސްޕްވިޗް ޓައުންއާ ބައްދަލުކުރާނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ 20 ޓީމުގެ ތެރެއިން ލިވަޕޫލަކީ ސީޒަން ފަށާއިރު، ކުޅުންތެރިއަކު ނުގަންނަ ހަމައެކަނި ކްލަބަކީ ލިވަޕޫލް އެވެ. އެކަމަކު، ސްލޮޓަށް އެކަމާ މެދު ކަންބޮޑުވުމެއް ނެތެވެ. އެއީ، ލިވަޕޫލްގައި، މި ވަގުތު އޮތް ސްކޮޑާ ބެހޭ މައުލޫމާތު އޭނާ އަށް ފުރިހަމަ އަށް ލިބިފައިވުމެވެ.

"އަހަރެން ސީޒަނަށް ތައްޔާރު، ޓީމު ވަރުގަދަ ކުރަން ކުރަން ޖެހޭ މަސައްކަތް އެބަކުރެވޭ،" ސްލޮޓް ބުންޏެވެ.

ޓީމު ވަރުގަދަ ކުރަން ކުޅުންތެރިއަކު ގަތުމުގެ ގޮތުން، ލިވަޕޫލުން ކުރާ މަސައްކަތުގައި، އެ ޓީމުން ވަނީ ރެއާލް ސޮސިއެޑާޑްގެ މާޓިން ޒުބިމެންޑީ ގެންނަން ވާހަކަ ދައްކައިފަ އެވެ. އެކަަމަކު، ފަހު ވަގުތު ޒުބިމެންޑީ ނިންމީ ސޮސިއެޑާޑްގައި މަޑުކުރާށެވެ.

ލިވަޕޫލުން އޮތީ، ޒުބިމެންޑީގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ދޭން ތައްޔާރަށެެވެ. އެކަމަކު، ސްޕެއިނުގެ ފުޓްބޯޅަ ގަަވާއިދު ބުނާގޮތުން، ކުޅުންތެރިއަކުގެ ކޮންޓްރެކްޓް ގަންނަނަމަ އެ ކުޅުންތެރިޔާ ވެސް ރަސްމީކޮށް ކްލަބަށް އެ ފީ އާ ގުޅޭގޮތުން މުއާމަލާތު ކުރަން ޖެހެ އެވެ. އެ ހުރިހާ ކަމެއް ކޮށް، އުފަން ސަރަހައްދަށް ނިސްބަތްވާ ކްލަބް ދޫކޮށްލަން މި ވަގުތު ޒުބިމެންޑީ ބޭނުމެއް ނުވީ އެވެ.

ލިވަޕޫލުން މިހާރު މަޝްވަރާކުރަމުން އަންނަ ޑީލަކީ ވެލެންސިއާ އަށް ކުޅޭ ޖޯޖިއާގެ ކީޕަރު ޖިއޯޖީ މަމަޑާޝްވިލީ ގަތުމަށެވެ. އޭނާ ގަންނަން ލިވަޕޫލުން 35 މިލިއަން ޑޮލަރު ދޭއިރު، އޭގެއިން ފަސް މިލިއަން ޑޮލަރަކީ، މި ސީޒަނުގައި، މަމަޑާޝްވިލީ ލޯނަކަށް، އިނގިރޭސި ޕްރިމިއާ ލީގުގެ ބޯންމައުތަށް ދޫކޮށްލަން އެއްބަސްވެ، ހޯދާ ފީ އެކެވެ. އެކަަމަކު، ޕްރިމިއާ ލީގުގެ ގަވާއިދު ބުނާގޮތުން، ކުޅުންތެރިއަކު ގަނެފައި، ފީއެއް ދޭ ގޮތަށް އެހެން ޕްރިމިއާ ލީގުގެ ޓީމަކަށް ލޯނަކަށް ނުދެވޭނެ އެވެ. އެހެންވެ، މި ކަމުގައި، ލިވަޕޫލާއި ވެލެންސިއާ އަދި ބޯންމައުތަށް ވަނީ ހައްލެއް ހޯދަން ޖެހިފަ އެވެ.

އެކާވީސް ވަނަ ގަރުނު ފެށި ފަހުން، ލިވަޕޫލާ ހަވާލުވެ، އާ ކޯޗެއް ފުރަތަމަ ނުކުތް ޕްރިމިއާ ލީގުގެ މެޗަކުން މޮޅެއްނުވެ އެވެ. ލިވަޕޫލާ ހަވާލުވި ފަސް ކޯޗުން ވެސް މޮޅެއް ހޯދަން އިންތިޒާރެއް ކުރަން ޖެހުނެވެ.

ސްޕެއިނުގެ ރަފައެލް ބެނިޓޭޒް، ލިވަޕޫލާ 2004 ވަނަ އަހަރު ހަވާލުވެ ފުރަތަމަ މެޗުގައި 1-1 އިން ޓޮޓެންހަމް ހޮޓްސްޕާސްއާ ވީ އެއްވަރެވެ. ރޯއީ ހޮޖްސަން، 2010 ވަނަ އަހަރު ލިވަޕޫލާ ހަވާލުވެ، ފުރަތަމަ މެޗުގައި އާސެނަލާ 1-1 އިން އެއްވަރުވި އެވެ. އޭގެ އެއް އަހަރު ފަހުން، ކެނީ ޑަލްގީޝް ލިވަޕޫލާ ހަވާލުވެ، ފުރަތަމަ މެޗުން ބްލެކްޕޫލް އަތުން 2-1 އިން ބަލިވި އެވެ. ބްރެންޑަން ރޮޖާސް، 2012 ވަނަ އަހަރު ލިވަޕޫލާ ހަވާލުވެ، ލީގުގެ ފުރަތަމަ މެޗުން ވެސްޓް ބްރޮމް އަތުން 3-0 އިން ބަލިވި އެވެ. އޭގެ ފަހުން، 2015 ވަަަނަ އަހަރު ކްލޮޕް، ލިވަޕޫލާ ހަވާލުވެ، ފުރަތަމަ މެޗުން ޓޮޓެންހަމާ 0-0 އިން އެއްވަރުވި އެވެ.

ލިވަޕޫލުން މިއަދު ހަވީރު، ސްލޮޓްގެ ފުރަތަމަ މެޗުގައި އިޕްސްވިޗްއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭއިރު، މިއީ، 22 އަހަރަށް ފަހު، އެ ސްޓޭޑިއަމްގައި ކުޅޭނެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox