ހުޅުމާލޭ އާބަން އައިލްގައި މެދު ފަންތީގެ ތިން ހޮޓަލެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއްޔެ އިއުލާނުކުރިތާ 24 ގަޑިއިރު ނުވަނީސް، އެ އިއުލާން ބާތިލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އިއުލާން ބާތިލުކުރި ސަބަބާ ގުޅޭ ގޮތުން އެޗްޑީސީގެ ރަސްމީ ބަހެއް ނުލިބުނަސް، އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިއުލާން ބާތިލުކުރީ ވިޔަފާރިވެރިއެއްގެ ނުފޫޒުން، ސަރުކާރުން އަންގައިގެންނެވެ.
އެޗްޑީސީން ފުރަތަމަ ކުރި އިއުލާނުގައި އޮތީ ލޭންޑް ލީސް މޮޑެލްގެ ދަށުން ވިޔަސް އަދި އެ ނޫން މޮޑެލްއަކުން ވިޔަސް ބިންތައް ދޫކޮށްގެން، ބިން ނަގާ ފަރާތުން އެތަން ތަރައްގީކުރާ ގޮތަށެވެ. އަދި ޕްރޮޕޯސަލްތައް ހުށަހެޅުމުގައި ބަލާނީ ބިޒްނަސް މޮޑެލްއަށާއި އޮޕަރޭޓަރުގެ ތަޖުރިބާ އަދި ސީއެސްއާރަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބިންތައް ދޫކުރަން އުޅުނު ސަރަހައްދު: އާބަން އައިލްއަކީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯނެއް -- ޗާޓު: އެޗްޑީސީ
މި ނޫހަށް މައުލޫމަތު ދިން މީހާ ބުނި ގޮތުގައި ނުފޫޒުން އިއުލާން ބާތިލުކުރުވީ އެ ސަރަހައްދު އެއްކޮށް ތަރައްގީކުރަން ވިޔަފާރިވެރިޔާ ބޭނުންވެގެންނެވެ. މިހާރު އެ ސަރަހައްދުން ބިން ދޫކުރާ ގޮތަށް އޮތީ ތިން އޮޕަރޭޓަރުންނަށް ތިން ބިން ވަކިން ދޭ ގޮތަށެވެ.
އާބަން އައިލްގެ އަތިރިމައްޗާ ދިމާލަށް، ޝެރަޓަން ފުލް މޫން ރިސޯޓު ފެންނަ ގޮތަށް އޮންނަ މި ބިމަކީ ހުޅުމާލޭގެ އެންމެ ޕްރައިމް އެއް ބިމެވެ. ސަރުކާރުން މިހާރު ރާވާފައިވާ ގޮތަށް މުސްތަގުބަލުގައި އެތަނަށް ސީޕްލޭން ޓާމިނަލް ބަދަލުކޮށްފި ނަމަ އެ ބިމުގެ އަގު މިހާރަށް ވުރެ ވެސް މަތިވާނެ އެވެ.
މީގެ ކުރިން ވެސް އެޗްޑީސީން ވަނީ މި ސަރަހައްދުގައި ބުޓީކް ހޮޓަލާއި ގެސްޓުހައުސް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. މިއިން އެއްވެސް އިއުލާނެއްގެ ދަށުން ބަޔަކާ އެއްބަސްވުމަކަށް އައިސް، މަސައްކަތް ހަވާލުކުރިކަމަކަށް އެޗްޑީސީން އަދި ނުބުނެ އެވެ.










