ޔާނު ހިއްސާކުރީ ފުޓްބޯޅައިގެ ހާލަތަށް ބެލުމެއްނެތި ދިރިދިރި އޮތް އުންމީދުތައް

ޔާނު ހިއްސާކުރީ ފުޓްބޯޅައިގެ ހާލަތަށް ބެލުމެއްނެތި ދިރިދިރި އޮތް އުންމީދުތައް

"ދެން (ފުޓްބޯޅަ) ސީޒަން ނެތުމަކީ އަސްލު ކެރިއަރުގައި ގެއްލޭ ބައިވަރު ދުވަސްތަކެއް. ދެން ކޮވިޑުގަ ގެއްލުމާ ކީކޭ ބުނާނީ، މިދިޔަ ސީޒަން ވެސް ފެށީ ހީވާ ގޮތުން ލަހުން، އަނެއްކާ މިހާރު ގާތް ގަނޑަކަށް ނުވަ މަސްވީ މި. ޔަންގް އިރު ގެއްލޭ ބައިވަރު ދުވަސްތަކެއް މިއީ،"

މިއީ, މީގެ ފަސްވަރަކަށް އަހަރު ކުރިން ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ކުލަބް ގްރީން ސްޓްރީޓްސް އިން ވިދާލި، ހއ. ހޯރަފުށްޓަށް އުފަން، އަބްދުالله ޔާމީން (ޔާނު) "އަދަދު" އަށް ދިން ހާއްސަ އިންޓަވިއު ފަށަމުން ބުނި ވާހަކަ އެވެ.

ހއ. އަތޮޅު ސްކޫލުގައި ތައުލީމު ހާސިލް ކުރަމުން އައިއިރު, ސްކޫލް ލެވަލްގައި ބޭއްވި މުބާރާތްތަކުގައި ވެސް ޔާނު ވަނީ ތަފާތު ދައްކައިފަ އެވެ. ކޮށްޓުމާއި ނެއްޓުމުގެ ހުނަރާ އެއްވަރަށް އޭނާ އަކީ އޭރުވެސް ގޯލާ ރަށްޓެހި ކުޅުންތެރި އެކެވެ.

ކްލަބް ގްރީން ސްޓްރީޓްސްގެ މެޗެއްގެ ތެރެއިން ޔާނު ބޯޅަ ހިފައިގެން.--- ފޮޓޯ: އަދަދު

އެންމެ ކުޑައިރުން ފެށިގެން ވެސް ޔާނު ދެކެމުން އައި ހުވަފެނަކީ ކެރިޔަރެއްގެ ގޮތުގައި ފުޓުބޯޅަ ކުޅުމެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ބޭނުމުގައި ރަށު ސްކޫލުން ގްރޭޑް 10 ނިމުމާ އެކު, އިތުރަށް ކިޔަވަން ބޭނުންނުވާ ކަމަށް އޭނާގެ މައިންބަފައިންގާތު ބުންޏެވެ. އަދި ކިޔެވުމުގެ ބަދަލުގައި ކުޅެން މާލެ ފޮނުވުމަށް އެދުނެވެ.

ސްކޫލް ނިމުމާއެކު, ޔާނުގެ އަތުގައި ހިފީ އެ ރަށު ޒުވާނުންނެވެ. އެއީ އޭރު ކުލަބް ގްރީން ސްޓްރީޓްސްގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި, ހުސެއިން ފަޔާޒް (ޕައްޓޯލް) އަދި މިހާރު ބުރު ސްޕޯޓްސް ކުލަބްގެ މެނޭޖަރު އަރުޝަދު އަޝްރަފް (އަރޫ) އެވެ.

"އަސްލު ސްކޫލު ނިންމާފައި މަންމަމެން ކައިރީ ބުނިން ދެން އިތުރަށް ނުކިޔެވޭނެ އޭ. 11,12 ނުކިޔެވޭނެ އޭ މާލެ ބަދަލުވާށޭ ޖެހޭނީ ކުޅެން. މިހާރު ދެން ގާތް ގަނޑަކަށް އަށެއްކަ އަހަރުވީ މި ދެން." ޔާނު ބުންޏެވެ.

އެންމެ ފުރަތަމަ މާލެ ބަދަލުވެ, ނުދަންނަ މީހުންގެ ތެރޭ އުޅުން ޔާނު އަށްވީ އާ ކަމަކަށެވެ. އެކަމަކު، އެންމެންގެ ފަރާތުން ލިބުނު އެއްބާރުލުމާ އެކު, ކުޅެން އޮތް ލޯތްބެއްގެ ބޮޑުކަމުން ގަދައަޅާ މަސައްކަތް ކުރީ އެވެ. ހާއްސަކޮށް ފުރަތަމަ ޑިވިޝަނުގެ ކުލަބަކުން ފުރުސަތު ހޯދުން އެއީ ޔާނުގެ އޭރުގެ އެންމެ ބޮޑު އަމާޒެވެ.

2022 ވަނަ އަހަރު މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން ޔާނު ބޯޅަ ހިފައިގެން.-- ފޮޓޯ: އަދަދު

ކުލަބް ގްރީން ސްޓްރީޓްސްއާ އެކު ޔާނުގެ އެންމެ ފުރަތަމަ ނުކުތް މުބާރާތަކީ, ޔޫތު މުބާރާތެވެ. އެއީ 2018 ވަނަ އަހަރެވެ. އެއީ ޔާނުގެ ކެރިޔަރަށް ބޮޑު "ބޫސްޓެއް" އައި މުބާރާތެކެވެ. ކުލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ބޭންޑް އަޅައިގެން، އެ ޒިންމާއާ ހަވާލުވެ، ނުކުތް ޔާނު ވަނީ އެ މުބާރާތް ގްރީން ސްޓްރީޓްސްއާއެކު ކާމިޔާބު ކޮށްފަ އެވެ.

"އެއީ ދެން ވަރަށް ކާމިޔާބު މުބާރާތެއް އަސްލު, ރަނގަޅު ގޯލްޑް މެޑަލް އަކާ އެކު, އެ މުބާރާތް ނިންމާލެވުނީ." ޔާނު ބުންޏެވެ.

އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމާ އެކު, ޔާނު އަށް ވަނީ ގައުމީ ސީނިއާ ޓީމުން ފުރުސަތު ލިބިފަ އެވެ. އަދި ސިންގަޕޫރާ ދެކޮޅަށް ކުޅެން އަރައި، ޔާނު ވަނީ، އެހާތަނަށް، ގައުމީ ޖާޒީގައި އެންމެ ހަގު އުމުރުގައި މެޗެއް ކުޅުނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފަ އެވެ.

"ދެން ނެޝަނަލް ޓީމަށް އެންމެ ޔަންގް ޕްލޭޔަރުގެ ގޮތުގައި, ދެން ވަގުތު ކޮޅަކަށް އެރުނީ އޭރު, ދެން ޓޮޕް ޕްލޭޔަރުންނާ އެކު, ކޭމްޕްތަކަށް ގޮސްގެން ވަގުތުކޮޅަކަށް އެރުނަސް ހަގީގަތުގައި ވަރަށް ބޮޑު ކޮންފިޑެންސެއް ލިބުނު" އެ ތަޖުރިބާ ފާހަގަ ކުރަމުން ޔާނު ބުންޏެވެ.

އެންމެ ކުޑައިރުން ފެށިގެން ޔާނުގެ އައިޑޮލް އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭއާ އެކު ކުޅުމުގެ ފުރުސަތު ގްރީން ސްޓްރީޓްސްގައި ޔާނު އަށް ވަނީ ލިބިފަ އެވެ. އެއީ ޔާނުގެ ހުވަފެން ހަގީގަތަކަށް ވުމެވެ.

"ހުރިހާ އެންމެން އަށް ވެސް އެނގޭނެ އެއްޗެއް އެއީ އަލީ އަޝްފާގު ދޯ އައިޑަލް އަކަށް އިންނާނީ. އަސްލު ދުވަހަކުވެސް ހިޔެއް ނުކުރަން ދަގޭއާ އެކު ކުޅެން ލިބޭނެ ކަމަކަށް. ވަރަށް ހެލްޕްފުލް (އެހީތެރިވެދޭ) މީހެއް އެއީ ހުރިހާ ކަމެއް ކިޔާދީ" ދަގަނޑޭއާ އެކު ކުޅެން ލިބުނު ފުރުސަތުގެ ތަޖުރިބާ ހިއްސާ ކުރަމުން ޔާނު ބުންޏެވެ.

ޔާނު (ކ) އާއި ދަގަނޑޭ ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަދަދު

ޔާނު ކެރިއަރުގައި މި ފަހުން އެޅި އެންމެ ބޮޑު ފިޔަވަޅަކީ, ގްރީން ދޫކޮށް ވެލެންސިއާ އަށް ބަދަލުވުމެވެ. ޔާނު ދެކޭ ގޮތުގައި އެއީ ކެރިޔަރުގައި ނިންމުނު ރަނގަޅު ނިންމުމެއް ވެސް މެ އެވެ. ހާއްސަކޮށް ފުރަތަމަ ސީޒަނުގައި ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށް ޔާނު ބުންޏެވެ.

ޔާނުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅުމާ އެކު, ސާފް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދުން ކަމަށް އޭނާ ބުނެ އެވެ.

ދެން ގައުމީ ޓީމަށް ކުޅުމާއި, ސާފްގެ ތަށި ބޭނުންވަނީ އެއީ ދެން އަބަދުވެސް ގޯލެއް -- ޔާނު

ކެރިއަރުގެ ޕީކުގައި ގިނަ ދުވަސްތައް ނުކުޅެ ހުންނަންވުން އެއީ "ބޮޑު ކަންބޮޑުވުމެއް"

ބޮޑު ފުޓުބޯޅައިގެ މިހާރުގެ ހާލަތަކީ ފުޓުބޯޅަ އަށް ލޯބިކުރާ އެންމެންގެ ކަންބޮޑުވުމެކެވެ. އެކަންބޮޑުވުން ޔާނުގެ ވެސް އެބައޮތެވެ. ހާއްސަކޮށް ކެރިޔަރުގެ ގިނަ ދުވަސްތަކެއް ނުކުޅެ ހުންނަން ޖެހުމުން އެކަމުގެ ކަންބޮޑުވުން ޔާނުގެ އިންތިހާ އަށް އެބައޮތެވެ. މީގެ އިތުރުން، ފަރިތަކުރުންތައް ނެތުމުން ކުޅުންތެރިންގެ ފިޓްނަސް ދަށްވެ, އަނިޔާގެ މައްސަލަތައް ބޮޑު ކަމަށް ޔާނު ބުންޏެވެ.

"މިހާރު އަސްލު ސެމީ ޕްރޮފެޝަނަލްކޮށް ރާއްޖޭގެ ކުޅުންތެރިން ފުޓުބޯޅަ ކުޅުނަސް ކުލަބްގެ ސެލަރީ އަށް ކުޅުންތެރިން ވަރަަށް ބޮޑަށް ޑިޕެންޑްވޭ. އަނެއްކޮޅުން ޕްރެކްޓިސް އެއީ ވެސް, ރަނގަޅު ޕްރެކްޓިސް އެއް ވެސް ނުޖެހޭ, ކުރީގަ ވެއްޖެއާ 10 މަހަށް ޕްރެކްޓިސް ޖަހާލާއިރު, މީހާ ހުންނާނީ ފިޓުވެފައި, މިހާރު ދެން ޕްރެކްޓިސް ވެސް ނުޖެހޭތީ އަނިޔާގެ މައްސަލަ ބޮޑު" ޔާނު ބުންޏެވެ.

ގައުމީ ޓީމުގެ ފެންވަރު މަތިކުރަން ރަނގަޅު ލީގެއް ބޭނުންވޭ

ޔާނު ދެކޭ ގޮތުގައި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅެވެ. އެކަމަކު ގައުމީ ޓީމުގެ ކުޅުން ދަށްވަނީ ރަނގަޅު ލީގެއް ނެތުމުންކަން ޔާނު ފާހަގަކުރި އެވެ. މީގެ އިތުރުން ގައުމީ ޓީމާ އެކު, ކާމިޔާބީއަށް ވާސިލުވާން މިހާރުން މިހާރަށް ރަނގަޅު ކުރަން ޖެހޭ އެންމެ ބޮޑު ކަމަކީ ލީގުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް ޔާނު ދެކެ އެވެ.

ލީގުގެ މެޗެއްގެ ތެރެއިން، ޔާނު އީގަލްސްގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.---

"އަސްލު ލީގެއް ނެތިއްޔާ ގައުމީ ޓީމުވެސް ދާނީ ދަށަށް. ވަރުގަދަ ލީގެއް އޮތުން ވަރަށް މުހިންމު. ކުލަބްތަކުން ރަނގަޅަށް މުސާރަދީ ކޮމްޕެޓެޓިވް މެޗުތަކެއް ކުޅެން ލިބެން ޖެހޭ" ޔާނު ބުންޏެވެ.

ޔާނުގެ ކާމިޔާބީގެ ސިއްރު, އާއިލާގެ ސަޕޯޓާއި ލޯބި

ޔާނު ދެކޭ ގޮތުގައި އޭނާގެ ކުޅިވަރު ހަޔާތުގައި ހޯދި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވެސް ވަނީ އޭނާގެ އާއިލާ އެވެ. މަންމަ އާއި ބައްޕަގެ އިތުރުން ބޭބެ އާއި ދައްތަމެންގެ ސަޕޯޓެވެ.

"އަބަދު ވެސް ހެއްދެވި ފަރާތައް ޝުކުރުކުރަން މިހާ ހިސާބައް އާދެވުނީމަ. ދެން އެންމެ ބޮޑު ސަޕޯޓެއް ލިބުނީ މަންމަ އާއި ބައްޕަ ދެން އެއްބަނޑު މީހުން, ބޭބެ އާއި ދައްތަ މެން ހާއްސަކޮށް ދޮންތަ. އަބަދުވެސް ޔާނު ކުޅޭ މެޗުތައް ބަލާނެ. ރަށް ރަށުގައި ކުޅޭ މެޗުތައް ވެސް ޓީވީން އަޅުވައިގެން ބަލާނެ"

ޔާނު އަކީ ފުޓުބޯޅައިގެ އިތުރުން ފުޓްސަލް ވެސް ކުޅޭ ކުޅުންތެރިޔެކެވެ. ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގައި ޔާނު ވިދާލީ މިދިޔަ އަހަރުގެ ކުލަބް މޯލްޑިވްސް ކަޕުގައި އާރުޑީސީ ޓީމުންނެވެ. އެކަމަކު، ޔާނު ގަބޫލުކުރާ ގޮތުގައި އޭނާ އަދިވެސް ކުޅެން ބޭނުންވަނީ ފުޓުބޯޅަ އެވެ.

އަރަމުން އަންނަ ކުޅުންތެރިންނަށް ޔާނުގެ މެސެޖެއް އެބައޮތެވެ. އެއީ ކުރާ ހިތުން ކުރާ ކޮންމެ ކަމެއް ވެސް ފަސޭހައިން ވާނެ ކަމަށް ދެކުމެވެ. މީގެ އިތުރުން ފުޓުބޯޅަ ކުޅެވޭނީ ކެތްތެރިވެގެންކަން ދަތުން އެއީ ޔާނު ދޭން ބޭނުންވާ ނަސޭހަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox