ވުޖޫދުގައި ނެތް ކަމަށް ހައިދަރު ވިދާޅުވި ފުލެޓުތައް ކަސްޓަމްސްއަށް ދޭން އެންމެފަހުން ސަރުކާރުން އެއްބަސްވެއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ފުލެޓުތައް -- ފޮޓޯ: އަދަދު ފައިލް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ފުލެޓުތައް -- ފޮޓޯ: އަދަދު ފައިލް

ކުރީ ސަރުކާރުން ހުޅުވައިލި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޭން އިއުލާނު ކުރި 4000 ފުލެޓުގެ ތެރެއިން ކަސްޓަމްސްއަށް ހާއްސަކުރި 100 ފުލެޓަކީ ވުޖޫދުގައި ނެތް އެއްޗެއް ކަމަށް ހައުސިން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވެފައި އޮއްވައި އެ ފުލެޓުތައް ކަސްޓަމްސްއަށް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "ކަސްޓަމްސްއަށް 100 ފުލެޓު ދެއްވާނެ ކަމުގެ ޔަގީންކަން އަދުގެ ސަރުކާރުން ވަނީ ދެއްވާފައި،" ކަމަށެވެ.

އަދި، "އެ ނިންމެވުމާ އެއްގޮތަށް 100 ފުލެޓު ކަސްޓަމްސްއަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން" މިނިސްޓަރު ހައިދަރު ވެސް ދެއްވާފައިވާ ކަމަށް ކަސްޓަމްސްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފުލެޓު ދިނުމަކީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ގެދޮރުވެރިޔާގެ ދަށުން ފުރަތަމަ ދޫކުރަން ނިންމި 4000 ފުލެޓުން 100 ފުލެޓު ކަސްޓަމްސްއަށް ހާއްސަ ކުރިކަން އަންގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު، 19 ގައި ކަސްޓަމްސްއަށް ސިޓީއަކުން އެންގި އެވެ. އެއީ ތިން ކޮޓަރީގެ 85 ފްލެޓާއި، ދެ ކޮޓަރީގެ 15 ފްލެޓެވެ.

އެކަން އެހެން އޮއްވައި މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހައިދަރު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްއަށް ހާއްސަ ކުރި 100 ފުލެޓަކީ ވުޖޫދުގައި ވެސް ނެތް ފުލެޓުތަކެއް ކަމަށެވެ.

"ކަސްޓަމްސްގެ 100 ފުލެޓަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވުޖޫދުގައި ނެތް އެއްޗެއްހެން އަޅުގަނޑަށް ހީވަނީ، އެއީ ކުރީގައި 4000 ފުލެޓު ދޫކުރި އިރުގައި ވެސް ކަސްޓަމްސްއަށް ފުލެޓު އެލޮކޭޓު ކޮށްފައެއް ނެތް،" ހައިދަރު ވިދާޅުވި އެވެ.

މިހާރުގެ ހައުސިން މިނިސްޓަރީން ބަލަނީ 2022 ވަނަ އަހަރު އިއުލާނު ކޮށްގެން ފުލެޓަށް އެދި ހުށަހެޅި އެޕްލިކޭޝަންތަކަށް އެކަނި ކަމަށް ވެސް ހައިދަރު އެދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑު ބަލަނީ ކުރީ ސަރުކާރުން 2022 ވަނަ އަހަރު އިއުލާނު ކޮށްގެން އެޕްލިކޭޝަންސް އައިސްފައި ހުރި 4000 ފުލެޓަށް، އޭގެ ތެރޭގައި ކަސްޓަމްސްގެ ވާހަކައެއް ނެތް، އެއަށް އެޕްލައި ކުރި މީހުންގެ ތެރެއިން 4000 ފުލެޓު ކަނޑައަޅައިފައި މިއޮތީ،" ހައިދަރު ވިދާޅުވި އެވެ.

އަދި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ "4000 ފުލެޓުގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅައިފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިހައިތަނަކަށް ފެނިފައެއް ނެތް،" ކަމަށާއި ސަރުކާރާ ހަވާލުވުމަށް ފަހު ކަސްޓަމްސްގެ އިސްވެރިންނާ ބައްދަލު ކުރެއްވުމުން އެ 100 ފުލެޓު ކަސްޓަމްސްގެ މުވައްޒަފުންނަށް ހޯދުމުގެ "މާބޮޑު އިންޓްރެސްޓެއް" ނެތްކަން ފާހަގަވި ކަމަށް ހައިދަރު ވިދާޅުވި އެވެ.

ހައިދަރުގެ އެ ވާހަކަތަކާ ގުޅިގެން އިއްޔެ ކަސްޓަމްސްއިން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ ރައީސް އޮފީހުން އެދިގެން މާޗު، 18، ގައި މިނިސްޓަރު ހައިދަރު އާއެކު ކަސްޓަމްސްގެ އިސްވެރިން ބައްދަލުކުރުމުން ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް ދިނުމަށް ކުރީ ސަރުކާރުން ނިންމާފައިވާ 100 ފްލެޓު، އިތުރު ބަދަލެއް ނުގެނެސް ކުރިން ވެސް ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށާއި ކަސްޓަމްސްގެ އިތުރު މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން ހޯދުމަށް އެއްބަސްވެވުނު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox