ރާއްޖޭގައި ޑޮލަރު އެކްސްޗޭންޖު ރޭޓު ނުވަތަ ޑޮލަރު ވިއްކުމުގެ ރޭޓުން ކޮންޓްރޯލް ދޫކޮށްލުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ނުވާނެ ކަމަށާއި ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ދައުރުކުރާނެ އިތުރު ގޮތްތައް ހޯދަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަނުކުރާ ޑރ. އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭއަށް އައްޔަންކުރުމަށް ޓަކައި މުނައްވަރަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ކުރި އިންޓަވިއުގައި ޑޮލަރު އެކްސްޗޭންޖު ރޭޓު މާކެޓަށް ދޫކޮށްލުމާ ގުޅޭގޮތުން ސުވާލު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ އެކަމާ ގުޅޭ ދިރާސާތަކެއް މިހާރު ވެސް ހަދާފައިވާ ކަމަށާއި ހާލަތާއި ގުޅޭގޮތުން ޑޮލަރު ރޭޓަށް ވެސް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށެވެ.
"މިވަގުތަށް ރާއްޖެއަށް އަދިވެސް މުހިންމު ފިކްސްޑް އެކްސްޗޭންޖު ރެޖީމް. އެއީ ރާއްޖެެއަށް ބޭރު ފައިސާ ވަންނަ މެކޭނިޒަމް މިއޮތީ ވަރަށް ބޮޑަށް ވަރަށް މަދު ބައެއްގެ އަތްމަތީގައި. ފްލޯޓް ކޮށްފި ކަމަށްވާނަމަ ރައްޔިތުންނަށް އޭގެ ފައިދާ, ހާއްސަކޮށް ޕްރައިސް ސްޓެބިލިޓީއަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ," މުނައްވަރުގެ ޖަވާބުގައި ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އޮތީ ފިސްކަލް ޕޮލިސީއަށް ބަރޯސާވެފައިވާ ކަމަށާއި އެ ސިޔާސަތު ދޫވެފައި އޮތް ދަނޑިވަޅެއްގައި އެފަދަ ބަދަލުތަކެއް ގެނައުމަކީ އެހާ އެދެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާާޅުވި އެވެ.
"ދެހާސް ނުވައެއް، ދެހާސް ދިހައެއް ގައި ވެސް ފެނިގެންދިޔަ އެކްސްޗޭންޖު ރޭޓަށް އައިއެމްއެފްއިން ލަފާ ދީގެން ބަދަލުތަކެއް ގެނައި. އޭގެއިން ނެތް ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ލިބިފައި. އެކަހަލަ ބަދަލުތަކެެއް ގެންނަން ޖެހެނީ މެކްރޯ ބެލެންސްތަކަށް ބަދަލުތަކެއް ގެނައުމަށް ފަހު," އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި ރާއްޖޭގެ ބޭންކްތަކުން ރިސޯޓުތައް ހެދޭނެ ވަރަށް ލޯނު ދޫކުރެވެން ޖެހޭ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. މިވަގުތު ބައެއް ވިޔަފާރިތަކުން ނަގާ ލޯނުތަކުގައި އެ ލޯނުތައް އަނބުރާ ދައްކައި އެއްކޮށް ނިމެންދެން އެކައުންޓުތައް ބޭރުގެ ބޭންކުތަކުގައި ބަހައްޓަން ޝަރުތުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގާނޫނުތަކުން ވިޔަފާރިތަކަށް މަޖުބޫރެއް ނުކުރެވޭނެ އެ ފައިސާ ގެންނަން. އެއީ ރާއްޖޭގައި ނެތް މި ހިދުމަތް ދެވޭނެ ފަދަ ބޭންކްތަކެއް. ޑިވެލޮޕްމަންޓު ބޭންކް އަދި އިންޓަނޭޝަނަލް ބޭންތަކެއް ގެނެސް މި ހިދުމަތް ދެވޭނަމަ އެ ބޭފުޅުން ފައިސާ ވެސް ބަހައްޓަން ބޭނުންވާނެ," މުނައްވަރު ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓު ކުރަން އިތުރުވެގެންދާނީ "މާކެޓް ޕްރޯ" ނުވަތަ ވިޔަފާރިތަކަށް ފަހި ގޮތްތަކެއްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކްރެޑިޓް ކާޑުން ފަތުރުވެރިން ހޭދަކުރާއިރު އެ ފައިސާގެ ބޮޑު ފައިދާއެއް ނަގަނީ އަވަށްްޓެރި ގައުމުތަކުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ކާޑުގެ އޮޕަރޭޝަނަކީ މިހާރު ވެސް ރާއްޖޭގައި ކުރެވިދާނެ ކަމެއް ކަމަށާއި, މިހާރު ވެސް އެމްއެމްއޭއިން "ފަވަރަ" މެދުވެރިކޮށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އަހަރަކު ބޭރު މީހުން ރެމިޓު އެބަ ކުރޭ 580 މިލިއަން ޑޮލަރު. މީގެތެރެއިން ވަރަށް ބޮޑު އެއްޗެއް ބޭރުކުރާ ފައިސާއަކީ. ބޭރު މީހުން ސިސްޓަމް ތެރެއަށް ރެގިއުލޭޓް ކުރެވެން އެބަ ޖެހޭ. އިގުތިސޯދު ފުޅާވެގެންދާއިރު ބޭރު މީހުން އެބަ ބޭނުންވޭ," މުނައްވަރު ވިދާޅުވި އެވެ.
ބޭރު މީހުން ޑޮލަރު މާކެޓުގައި ހަރަކާތްތެރިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބްލެކް މާކެޓަށް ޑޮލަރު ނެރެނީ ކޮންމެވެސް ރިސޯޓެއް ނުވަތަ ވިޔަފާރިއެއް މެދުވެރިކޮށް ކަމަށެވެ. އެކަން ހުއްޓެން ޖެހޭ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
"މަނީ އެކްސްޗޭންޖު ލައިސެންސްތައް އިތުރަށް ހަރުދަނާކޮށް, މިހާރު ދީފައި ހުރި ލައިސެންސްތައް އިތުރަށް ރިވިއު ކުރަން ޖެހޭ. އެމްއެމްއޭއިން މޮނިޓަރު ކުރެވޭ މިންވަރަށް މަނީ އެކްސްޗޭންޖުތައް ރަނގަޅަށް ބަލަހައްޓަން ޖެހޭ," މުނައްވަރު ވިދާޅުވި އެވެ.
ޑޮލަރު ތާށިކަމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ޑޮލަރު ވިއްކޭ އަގު ކޮންޓްރޯލް 15.42ރ. ގައި ކޮށްފައި އޮތް ނަމަވެސް ޑޮލަރު އެހެން ގޮތަކުން ނުލިބޭތީ ގިނަ މީހުންނަށް މަޖުބޫރު ވަނީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ. އާންމުކޮށް ކަޅު ބާޒާރުން ޑޮލަރު ލިބެނީ 16ރ. އާއި 19ރ. އާ ދެމެދުގެ އަގުތަކުގަ އެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވައި، ބޭންކަށް ޑޮލަރު ވަންނަ ގޮތަށް އުސޫލުތައް ކަނޑައެޅިގެން މެނުވީ ޑޮލަރު ތާށިކަން ނުފިލާނެ ކަމަށް ބޭންކުގެ ވެރިންނާއި އިގުތިސޯދީ މާހިރުން ބުނަމުން އަންނަތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ.
އިންޓަވިއުއަށް ފަހު މާލިއްޔަތު ކޮމިޓީން މިއަދު ނިންމީ މުނައްވަރަށް ރުހުން ދިނުމަށެވެ. އޭނާ މަގާމަށް އައްޔަން ކުރާނީ ކޮމިޓީގެ ނިންމުމާ މެދު މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް، ރުހުންދޭން ފެންނަ ކަމަށް ފާސްކުރުމުންނެވެ.












