ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 29) - މެންޗެސްޓާ ޔުނައިޓެޑާ ދާދި ފަހުން ގުޅުނު 18 އަހަރުގެ ޑިފެންޑަރު، ލެނީ ޔޯރޯ އަށް ލިބުނު އަނިޔާގެ މައްސަލަ ސީރިއަސްވުމުގެ ބިރު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލިލް ދޫކޮށް، 62 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ޔޯރޯ ޔުނައިޓެޑަށް ސޮއިކުރީ މީގެ 10 ދުވަސް ކުރިންނެވެ. އާސެނަލާ ދެކޮޅަށް ކުޅެ، 2-1 އިން ޔުނައިޓެޑް ބަލިވި މެޗުގައި، ޔޯރޯ ފަޔަށް ލިބުނު އަނިޔާއަކާ ހެދި ގިނަ ވަގުތު ދަނޑުމަތީގައި އޭނާ އަށް ފަރުވާދިނެވެ. އަދި އޭގެ ފަހުން، އޭނާ ބަދަލުކުރަން ނިންމީ އެވެ.
މިދިޔަ ސީޒަނުގައި، ލިލް އަށް ގިނަ މެޗުތަކެއް ކުޅުނު ޔޯރޯ އަށް މާ ބޮޑު އަނިޔާގެ މައްސަލަތަކެއް ދިމައެއްނުވެ އެވެ. އެކަމަކު، ޔުނައިޓެޑާ ގުޅުނުތާ ދެ ވަނަ މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް މެޗަށް ފަހު ބުނީ، ޔޯރޯ އެންމެ ފަހުން ޓްރެއިނިން ސެޝަންގައި ވެސް 50 ޕަސެންޓް އެއްކޮށް ހުރިހާ ކަމެއް ފުރިހަމަކުރި ކަމަށެވެ.
"އެހެންވީމަ، މި ވީ ގޮތެއް ބަލަން ޖެހޭނީ ޓެސްޓްތަކުން. އެ އަށް ފަހު، އެނގޭނީ، ފަރުވާދޭން ޖެހުނު މުއްދަތާއި ޔޯރޯ އަށް ތަދުވެފައިވާ މިންވަރަށް ބަލާއިރު ފެންނަ މަންޒަރު އެހާ އެއް ނޫން،" ޓެން ހާގް ބުންޏެވެ.
ޔޯރޯގެ އިތުރުން އާސެނަލް މެޗުގައި، ޔުނައިޓެޑްގެ ޑެންމާކް ފޯވާޑް، ރަސްމުސް ހޮއިލުންޑަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ޔުނައިޓެޑުން ދެން ޕްރީ ސީޒަނުގައި ކުޅޭނީ ރެއާލް ބެޓިސްއާ އެވެ. ޔަގީނުން ވެސް އެ މެޗުގައި، ޔޯރޯ އާއި ހޮއިލުންޑް ނުފެންނާނެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޔޯރޯ އަށް ސީޒަނުގެ ކުރީކޮޅުގެ މެޗުތައް ގެއްލުމުގެ ބިރު އެބައޮތެވެ.












