ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ޑިވެލޮޕްމަންޓު ބޭންކު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް ބޭނުންވާ ލައިސެންސް ހޯދުމަށް މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިއަދު ހުށަހަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ލައިސަންސަށް އެދިފައިވާކަން އެކްސްގައި ކުރެއްވި ޕޯސްޓަކުން ހާމަކުރައްވާފަ އެވެ. މިއީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއް މެދުވެރިކޮށް އުފައްދާ ބޭންކެކެވެ.
މި ލައިސެންސް ހޯދުމަށް އެދި ހުށަހެޅެނީ ވެސް އެމްއެމްއޭއިން ކަނޑައަޅާ ގޮތަކަށް އެ ބޭންކުން އަންގާ މައުލޫމާތާ އެކީ ލިޔުމުންނެވެ. ލައިސެންސް ދޫކުރުމާއި ނުކުރުމުގެ އިހުތިޔާރު ބޭންކިން ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން އޮންނަނީ އެމްއެމްއޭއަށެވެ.
"އަންނަ މަހު މި ބޭންކް ހުޅުވިގެންދާނެ, މަސައްކަތް މިކުރަނީ. އެއްވެސް ގޮންޖެހުމެއް އައިސިއްޔާ ކުދިކުދި ޑިލޭ އައުން އެކަށީގެންވޭ. އަޅުގަނޑުމެން އަވަސް އަރުވާލާފައި މިކަން ނުކޮށް ފެންވަރު ރަނގަޅު ބޭފުޅުން ހޯދައިގެން މަސައްކަތް މިކުރަނީ," ސައީދު ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓު ބޭންކްގެ ބޯޑަށް ރާއްޖޭން ބޭރުގެ ބޮޑެތި ބޭންކްތައް ހިންގެވި ދެ ބޭފުޅުން އައްޔަނުކޮށްފައިވާ ކަމަށާއި އެކަމުގެ ދިރާސާތައް މިހާރު ނިމިފައިވާ ކަމަށް ސައީދު ވަނީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވެފަ އެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަކީ މި ބޭންކް އުފެއްދުމުގެ އަމާޒެއް ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.
އޭގެ އިތުރުން, އިތުރުން، ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުން ހިމެނޭ ކަމަށް ވެސް ސަރުކާރުން ހާމަކޮށްފައިވެ އެވެ.
ސަރުކާރުން ބުނާ ގޮތުގައި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމަންޓް ބޭންކެއް ވައްދަން ޖެހުނީ، މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގަ ނެތުމުންނެވެ. އަދި މި ބޭންކު ގާއިމުކުރެވުމުން، ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.










