ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ދުވަހު ހުޅުވާލަން ހާއްސަ އިނާމާއި ބެހޭ ކޮމެޓީން ނިންމައި އެކަން ހާމަކޮށްފި އެވެ.
އެ އިނާމަށް ނަން ހުށައެޅޭނީ ރައީސް އޮފީހުގެ "ފޯމް ހުށައެޅުން" ޕޯޓަލް މެދުވެރިކޮށެވެ. އޮގަސްޓު އެކަކުން ފެށިގެން ސެޕްޓެމްބަރު 16, އަށް އިނާމަށް ކުރިމަތިލެވޭނެ އެވެ. ހާއްސަ އިނާމު ދޭނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
މި އަހަރުގެ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ. އެއީ؛
- މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކުގެ ގިންތި,
- ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ގިންތި,
- ހުނަރުވެރި، ފަންނުވެރި ޒުވާނުން ގައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ގިންތި,
- ފަންނުވެރި ޒުވާނުން ގައުމުގެ ތަރައްގީއަށްކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމަށް ހިމަނާފައިވާ ގިންތި އެވެ.
ހާއްސަ އިނާމާއި ބެހޭ ކޮމެޓީއިން ބުނީ އިނާމަށް ނަން ހުށަހަޅާއިރު ފޯމާއެކީ ހުށައަޅަން ޖެހޭ ލިޔުންތައް ފޯމުގައިވާ ގޮތަށް ފުރިހަމަކުރަންވާނެ ކަމަށާއި، ލިޔުންތައް ދެފުށުގައި ލިޔެފައިވާ ނަމަ ދެފުށުގައި ވެސް އަސްލާ އެއްގޮތް ކަމަށް ބާ ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައިވާ ގާނޫނީ ވަކީލެއްގެ ސޮއި އާއި ތަތްގަނޑު އޮންނަންވާނެ ކަމަށެވެ.













