މަޖިލިސް ކެމްޕޭނާ ދިމާކޮށް ރައީސް ކުރެއްވި "ރަސްމީ" ދަތުރުތަކަށް ދައުލަތުން 4 މިލިއަން ރުފިޔާ ހަރަދުކުރި

ރައީސް މުއިއްޒު ގައުމުން ބޭރަށް ކުރެއްވި ދަތުރަކަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި: އެމަނިކުފާނު މަޖިލިސް ކެމްޕޭނާ ދިމާކޮށް ކުރެއްވި ރަސްމީ ދަތުރުތަކަށް ހަތަރު މިލިއަން ހަރަދުވި - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ގައުމުން ބޭރަށް ކުރެއްވި ދަތުރަކަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި: އެމަނިކުފާނު މަޖިލިސް ކެމްޕޭނާ ދިމާކޮށް ކުރެއްވި ރަސްމީ ދަތުރުތަކަށް ހަތަރު މިލިއަން ހަރަދުވި - ފޮޓޯ: ރައީސް އޮފީސް

މި އަހަރު އެޕްރީލް 21، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައްޔިތުންގެ ހާލު ބެލުމަށް ކަމަށް ބުނެ ރައީސް އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވި މި ދަތުރުތައް ފެށީ ފެބްރުއަރީ 6، ގަ އެވެ. ރައީސްގެ އެންމެ ފަހު ދަތުރު ކުރެއްވީ މަޖިލިސް އިންތިހާބަށް ހަފުތާއަކަށް ވެފައި ވަނިކޮށް އެޕްރީލް 14، ގަ އެވެ.

މި ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" އިން ވާނީ އެދިފަ އެވެ. މެއި 14، ގައި ހުށަހެޅި މި އާރުޓީއައި ރިކުއެސްޓަށް ރައީސް އޮފީހުން ޖަވާބުދީފައިވަނީ އޭގެ ދެ މަސް ފަހުން އިއްޔެ އެވެ.

Advertisement

ތިން މަހެއްހާ ދުވަސް ތެރޭގައި އއ. އަދި އދ. އަތޮޅު ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ރައީސް މި ދަތުރުތަކުގައި ވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ދިން ޖަވާބުގައި ބުނީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަކޮށް ހަރަދުކޮށްފައިވަނީ 4،170،695ރ. (ހަތަރު މިލިއަން އެއް ލައްކަ ހަތްދިހަ ހާސް ހަ ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ކަމަށެވެ.

އޭގެ ތެރޭގައި އެކި ރަށްރަށުގައި ރައީސް އަދި ޓީމުގެ އެކޮމޮޑޭޝަނާއި ފްލައިޓު އަދި ލޯންޗު ހަރަދުގެ އިތުރުން ސައުންޑާއި ލައިޓިން އަދި ބެނާތަކަށް ކުރި ހަރަދުތައް ހިމެނެ އެވެ.

"ރަސްމީ" ދަތުރުތަކަށް ދިޔަ ހަރަދު

  • ފެބްރުއަރީ 6، އިން 8، އަށް ތ. އަތޮޅަށް ކުރެއްވި ދަތުރު - 422،090ރ.
  • ފެބްރުއަރީ 18، އިން 19، އަށް އައްޑޫއަށް ކުރެއްވި ދަތުރު - 435،479ރ.
  • ފެބްރުއަރީ 19، އިން 20، އަށް ފުވައްމުލަކަށް ކުރެއްވި ދަތުރު - 509،407ރ.
  • ފެބްރުއަރީ 20، އިން 21، އަށް ގދ. އަދި ގއ. އަތޮޅަށް ކުރެއްވި ދަތުރު - 373،873ރ.
  • ފެބްރުއަރީ 24، އިން 29، އަށް ހއ. އަތޮޅަށް ކުރެއްވި ދަތުރު - 243،718ރ.
  • ފެބްރުއަރީ 24، އިން 29، އަށް ހދ. އަތޮޅަށް ކުރެއްވި ދަތުރު - 184،755ރ.
  • ފެބްރުއަރީ 24، އިން 29، އަށް ށ. އަތޮޅަށް ކުރެއްވި ދަތުރު - 110،664ރ.
  • ފެބްރުއަރީ 24، އިން 29، އަށް ނ. އަތޮޅަށް ކުރެއްވި ދަތުރު - 184،802ރ.
  • މާޗު 2، އިން 4، އަށް ރ. އަދި ބ. އަތޮޅަށް ކުރެއްވި ދަތުރު - 373،628ރ.
  • މާޗު 5، އިން 7، އަށް ދ. އަދި މ. އަދި ކ. އަތޮޅަށް ކުރެއްވި ދަތުރު - 204،694ރ.
  • މާޗު 9، ގައި ޅ. އަތޮޅަށް ކުރެއްވި ދަތުރު - 287،784ރ.
  • މާޗު 15، ގައި ނ. މާފަރަށް ކުރެއްވި ދަތުރު - 198،999ރ.
  • އެޕްރީލް 11، އިން 13، އަށް ލ. އަތޮޅާއި އައްޑޫއަށް ކުރެއްވި ދަތުރު - 335،432ރ.
  • މާޗު 13، އިން 14، އަށް ފ. އަތޮޅަށް ކުރެއްވި ދަތުރު - 305،366ރ.

ރައީސް އާއެކު މި ދަތުރުތަކުގައި އެކި ވަޒީރުންނާއި 19 ވަނަ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެއިތުރުން ގިނަ ދާއިރާތަކުން ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ނުވަތަ ރައީސްގެ ތާއީދާއެކު ވާދަކުރެއްވި ކެންޑިޑޭޓުންވެސް އެ ދަތުރުތަކުގައި އަރިހުގައި ވަޑައިގެން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބޔކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. އިންތިހާބަށްފަހު ޕީއެންސީއާ ގުޅުނު މެންބަރުންނާއެކު މަޖިލީހުގައި މިވަގުތު އެ ޕާޓީގެ 77 މެންބަރުން ތިއްބަވަ އެވެ.

މި ދަތުރުތަކާ ގުޅިގެން އެކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ މަޖިލިސް އިންތިހާބު ކައިރިވެފައި ވީނަމަވެސް، އެ ދަތުރުތަކަކީ ރައްޔިތުންގެ އަރިހަށް ކުރެއްވި ދަތުރުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، ރައީސްގެ "ރަސްމީ" ދަތުރުތައް ކުރެއްވި ދުވަސްވަރު، މަޖިލީސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އިލްތިމާސް ކުރި އެވެ.

އެ ކޮމިޝަނުން ފެބްރުއަރީ 28، ގައި ނެރުނު ނޫސްބަޔާނުގައި ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ކުރަމުންދާއިރު, ކޮރަޕްޝަނަށް މަގުފަހި ނުވާނެހެން ކެމްޕޭން ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން, ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރަން އެ ބަޔާނުގައި އެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox