ޕެރިސް (ޖުލައި 26) - ފްރާންސްގެ ޕެރިހުގައި މިރޭ ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްގެ މި ފަހަރުގެ މުބާރާތް އެންމެ ހާއްސަވާ ސަބަބަކީ، މި ފަހަރުގެ އޮލިމްޕިކްސް އަކީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް 5250 އަންހެން އަދި ފިރިހެން އެތުލީޓުން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވުމެވެ.
މިއީ، އޮލިމްޕިކްސްގެ ދިގު ތާރީހުގައި ވެސް ދެ ޖިންސުން އެއް ހަމަ އަކަށް އޮލިމްޕިކްސްގައި ފެންނާނެ ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ކުރިއަށްދާނީ ޕެރިހުގެ ރިވާ ސިއެންގަަ އެވެ. މިއީ، އޮލިމްޕިކްސް ތާރީހުގައި ވެސް މެއިން ސްޓޭޑިއަމުން ބޭރުގައި ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ ފުރަތަމަ ފަހަރެެވެ. ކޮންމެ ޓީމެއްގެ ދިދަ އުފުލާ އެތުލީޓުން ހިމެނޭ ގޮތަށް، ވަކި އަދަދަކަށް އެތުލީޓުން ރިވާ ސިއެންގައި ދުއްވާ ބޯޓަކަށް އަރުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އޮލިމްޕިކްސްގައި މި ފަހަރު ކުޅިވަރު އިވެންޓްތައް ބެހިފައިވާ ގޮތަށް ބަލާއިރު، އަންހެނުންގެ 152 އިވެންޓާއި ފިރިހެނުންގެ 157 އިވެންޓް އަދި ދެ ޖިންސުގެ އެތުލީޓުން އެކުގައި ވާދަކުރާ، 20 އިވެންޓް ހިމެނެ އެވެ.
"މިއީ އޮލިމްޕިޒަމް ކުރިއެރުވުމުގައި ވަރަށް ތާރީހީ އޮލިމްޕިިކްސް އެއް. އަންހެން އެތުލީޓުންގެ ކުރިއެރުމަށް ތައުރީފު ހައްގު،" އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ރައީސް ތޯމަސް ބަކް ވިދާޅުވި އެވެ.
އޮލިމްޕިކްސްގައި އެންމެ ފުރަތަމަ އަންހެން އެތުލީޓުން ވާދަކުރީ 1900 ވަނަ އަހަރު ޕެރިހުގައި ބޭއްވި ފަހަރު އެވެ. އެ ފަަހަރު، އޮލިމްޕިކްސް އިން ފެނުނު ޖުމްލަ އެތުލީޓުންގެ ތެރެއިން އަންހެން އެތުލީޓުންނަކީ 2.2 ޕަސެންޓް އެވެ.
ނެދަލެންޑްސްގެ އަމްސްޓެޑަމްގައި 1928 ގައި ބޭއްވި އޮލިމްޕިކްސްގައި، އަންހެން އެތުލީޓުން ފިޒިކަލީ ބަލިކަށި ކަމަށް ބުނެ، ބައެއް ކުޅިވަރުތަކުގައި ބައިިވެރިވުން އޮތީ މަނާކޮށްފަ އެވެ.
އެކަމަކު، ފަހުން، ހުރިހާ ކުޅިވަރެއްގައި ވެސް އަންހެން އަދި ފިރިހެން އެތުލީޓުންނަށް، ތަފާތު ކުރުމެއް ނެތި ފުރުސަތު ދޭން އައިއޯސީން ވަނީ ނިންމައިފަ އެވެ.
އޭގެ ފަހުން، އޮލިމްޕިކްސްތަކުގައި އަންހެން އެތުލީޓުންގެ ނިސްބަތް ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް އިތުރުވަމުންނެވެ. އެ ގޮތުން، 1984 ވަނަ އަހަރު ލޮސް އެންޖެލްސްގައި ބޭއްވި އޮލިމްޕިކްސްގައި އަންހެން އެތުލީޓުންގެ އިންސައްތަ އަކީ، 23 ޕަސެންޓް އެވެ. އަދި، 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސްގައި، 44 ޕަސެންޓަކީ އަންހެން އެތުލީޓުން ކަމަށްވީއިރު، އެ ގޭމްސް އަކީ، "ވިމެންސް ގޭމްސް" އެއް ގޮތަށް ވެސް މީޑިއާ އިން ސިފަކުރި އެވެ.












