ޕެރިސް (ޖުލައި 25) - އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި، މިރޭ، ހަމަނުޖެހުންތަކަކާ ހެދި ދެ ގަޑިއިރަށް މެޗު މެދުކަނޑާލަން ޖެހުނުއިރު، މޮރޮކޯ އަތުން 2-1 އިން އާޖެންޓީނާ ބަލިވެއްޖެ އެވެ.
މެޗު މެދުކަނޑާލަން ޖެހުނީ، ނިމެން މަދު ވަގުތުކޮޅަކަށް ވަނިކޮށް މޮރޮކޯ ސަޕޯޓަރުން ދަނޑަށް އެރުމާ ގުޅިގެންނެވެ. އެ ގޮތުން، ސަޕޯޓަރުން ދަނޑަށް އަރަން ޖެހުނީ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 15 ވަނަ މިނިޓްގެ ތެރެއިން ފަހު މިނިޓްތަކުގެ ތެރޭގައި، އާޖެންޓީނާ އިން ލަނޑެއް ޖަހައި، 2-2 އިިން އެއްވަރުކުރުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. ހަމަނުޖެހުމާ ހެދި މެޗު މެދުކަނޑާލަން ޖެހުނުއިރު، އާޖެންޓީނާ އިން އެއްވަރުކުރަން ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، އޮފްސައިޑް އެެވެ. އެެހެންވެ، އެ ގޯލު ބަލައިނުގަތެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފަހު، މެޗު ފުރިހަމަކުރީ ސަޕޯޓަރުން ނުވައްދައި، ހުސް ދަނޑެއްގަ އެވެ.
ހަތަރު ގަޑިއިރަށް ދިގުދެމިގެންދިޔަ މި މެޗު، ސޫފިއަން ރަހީމީގެ ދެ ގޯލުން މޮޮރޮކޯ އިން ދެ ގޯލުގެ ލީޑެއްނެގި އެވެ. ހަވިއޭ މަޝެރާނޯގެ ކޯޗުކަމުގައި ކުޅޭ އާޖެންޓީނާ އިން ބަދަލަކަށް ކުޅެން އެރި ޖިއުލިއާނޯ ސިމިއޯނީ ޖެހި ލަނޑުން މެޗުގެ ތެެރެއަށް އެނބުރި އަ އެވެ. އަދި އިތުރު ވަގުތުގެ 15 ވަނަ މިނިޓްގައި، ކްރިސްޓިއަން މެޑީނާ ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. އެ ލަނޑު ޖެހުމާ އެކު، މޮރޮކޯ ސަޕޯޓަރުން ހިތްހަަމަނުޖެހިގެން، ދަނޑަށް އެއްޗެހި އުކައި، ފަހުން ދަނޑަށް ގިނަ ސަޕޯޓަރުން އަރަން ފެށުމުން މެޗު ހުއްޓާލީ އެވެ. އޭގެ ކުރިން، ރެފްރީ ވަނީ، ވީއޭއާރް އިން އަންގައިގެން، ދަނޑު ކައިރީގައި ހުރި މޮނީޓަރުން ބަލައި، މެދީނާގެ ގޯލު ކެންސަލްކޮށްފަ އެވެ.
ސަޕޯޓަރުން ދަނޑުން ނެރުމަށް ފަހު، ބާކީ ތިން މިނިޓް ކުޅުނުއިރު، ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް އިތުރު ލަނޑެއް ނުޖެހި މޮރޮކޯ މޮޅުވީ އެވެ.

އާޖެންޓީނާ އިން ވަނީ، 2004 އާއި 2008 ވަނަ އަހަރު އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ދެން އާޖެންޓީނާ ކުޅެންް ޖެހޭނީ ޔޫކްރެއިން އާއި އިރާގާ އެެވެ. ގްރޫޕްގެ ގަދަ ދެ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ.












