އެންމެ މީހެއް ވަށައިގެން ހިންގުމުގެ ބަދަލުގައި އެމްޑީޕީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވުމަކީ ފައިދާއެއް: ފަލާހު

އެންމެ މީހެއް ވަށައިގެން ހިންގުމުގެ ބަދަލުގައި އެމްޑީޕީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވުމަކީ ފައިދާއެއް: ފަލާހު

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން މިހާރުން ފެށިގެން ބޮޑު ކަމަށް ދެކޭ ކަމަށާއި އެއީ ޕާޓީ ތަސައްރުފު ފުދިފައިވާ ކަމުގެ ނިޝާނެއްގެ ގޮތުގައި، ޕާޓީގެ އެތެރޭގެ އިންތިހާބުގައި މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް ފަހު އެ ޕާޓީގެ ލީޑާޝިޕުން ދަނީ ހިންގުން ހަރުދަނާ ކުރުމަށް މަގުޗާޓެއް އެކުލަވާލައި ރަށްރަށުގައި ތިބި ޕާޓީގެ އާންމުން މެންބަރުންގެ ހިޔާލުތައް އެ މަގުޗާޓަށް ހޯދުމަށް ދަތުރުކުރަމުންނެވެ.

"އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން މި ގޮތަށް އޮތުމަކީ ޕާޓީ ދެބައިވެދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ޕާޓީގެ މެންބަރުން ވޯޓު ލައިގެން ކަންކަން ނިންމުމަށް އޮތް ފަލްސަފާއިން ޕާޓީއަށް ޕާޓީގެ އާންމު މެންބަރުންގެ ޔަގީންކަން އިތުރުވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ އެތެރެ ހެދި ބޮޑުވެ ފޯދިގެންދާ ތަން މި ފެންނަނީ، އަޅުގަނޑުމެންގެ ޕާޓީއަކީ އުސޫލުގައި ލިޔެގެން ވެސް ޕްރައިމަރީއެއް ބާއްވައިގެން، ޕްރައިމަރީއެއް ވިން ކޮށްގެން، ޕާޓީގެ ޓިކެޓު ދީގެން ކުރިއަށްދާ ޕާޓީއެއް،" ފަލާހު ވިދާޅުވި އެވެ.

މީގެ ކުރިން 2008، އަށް ފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ ނަޝީދުގެ އިތުރުން 2018، ގައި އެމަނިކުފާނަށް ވާދަނުކުރެވިގެން ޕާޓީގެ ރިޔާސީ ޓިކެޓު ދެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މާ ބޮޑު ވާދަވެރިކަމެއް ޕްރައިމަރީތަކުގައި ފެނިފައެއް ނުވެ އެވެ.

ނަމަވެސް 2028، ގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން މިހާރު ވެސް ޕާޓީގެ އެތެރޭގައި ކެމްޕެއިންކުރައްވާ ލީޑަރުން އެބަ އުޅުއްވަ އެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރައީސް ސޯލިހު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ނަން އިވެ އެވެ.

"އަޅުގަނޑުމެންނަށް އެބަ އަޑު އިވޭ، އެވެނި ބޭފުޅެއް، މިވެނި ބޭފުޅެއް، ހަމަ ގިނަ ބޭފުޅުންގެ ޝައުގުވެރިކަން އޮތް ކަން، އެއިން ދެން މޮޅުވާ ކެންޑިޑޭޓުގެ ފަހަތުން، އަޅުގަނޑުމެން ހަމަ ހަބޭހަށް ކެމްޕެއިން ކުރާނެ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މިއިން ދައްކައިދިނީ ޑިމޮކްރެޓިކް ހަމަތަކަށް ޕާޓީގެ މެންބަރުން ހޭނިފައިވާ ވަރު ކަމަށެވެ. ނަޝީދު ރިޔާސީ ޕްރައިމަރީން ބަލިވުމުން ޕާޓީން ވަކިވެގެން ބަޔަކު ދިޔަ ނަމަވެސް ގިނަ މެންބަރުން ޕާޓީގައި ދެމިތިބި ކަން ފަލާހު ފާހަގަ ކުރެއްވި އެވެ. ރިޔާސީ އިންތިހާބަށް ފަހު، ވަކިވެގެން ދިޔަ އާންމުންގެ ތެރެއިން ބައެއް މެންބަރުން ޕާޓީއަށް އަނބުރާ ގުޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް އިވޭ ވާހަކައެއް އެއީ، ޕްރައިމަރީއެއް ބާއްވައިފިއްޔާ ޕާޓީ ބައިބައިވާނޭ، ރޫޅިގެންނޭ ދާނީ، މިހާތަނަށް އައި އިރު ނެތް އެ ތަނެއް ފެނިފައެއް، މި ފަހުން ދިމާވި މައްސަލާގައި ވެސް ޕާޓީން ބަޔަކު ވަކިވެގެން ދިޔައަސް، މެންބާޝިޕް އެ ގޮތުގައި އެބަ ހިފަހައްޓާ، ވަކިވެގެން ދިޔަ މީހުނަށް އަދި މާ ބޮޑު ކާމިޔާބީއެއް ނުފެނޭ،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ލީޑާޝިޕުން މިހާރު ކުރަމުންދާ މަސައްކަތަކީ އެ ޕާޓީ "އިންސްޓިޓިއުޝަނަލައިޒު" ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތަކީ އެންމެ ލީޑަރަކަށް ނޫނީ ވަކި ލީޑަރަކަށް ބަރޯސާވެގެން ޕާޓީ ހިންގުމުގެ ބަދަލުގައި މުއައްސަސާއެއްގެ ގޮތުގައި ޕާޓީގެ އިދާރީ ހިންގުން ވަރުގަދަ ކުރުމެވެ.

އެ މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އޮތް މަސައްކަތަކީ ޕާޓީއަށް އާ ޒުވާން ލީޑަރުން ހޯދައި ސިޔާސީ މަސައްކަތަށް ތަމްރީނު ކުރުމުގެ މަސައްކަތް ކަން ވެސް ފަލާހު ފާހަގަ ކުރެއްވި އެވެ. 2028، ގެ ރިޔާސީ އިންތިހާބަށް ދާން ވާއިރު ޕާޓީގެ ސަފުތައް ވަރުގަދަކުރެވޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox