ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކޮށްފައި ވަނިކޮށް މި އަހަރުގެ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފްރާންސްގެ ވެރިރަށް ޕެރިހަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސްގެ މި ދަތުރަކީ ފްރާންސްގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުގެ ހަރަދުތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާނެ ކަމަށް ބެލެވޭއިރު، ސަރުކާރުން ވަނީ ގައުމުގެ މާލީ ހާލަތު ގޯސްވެ ހަރަދުކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ބުނެފަ އެވެ.
އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ޖުލައި 26، ގަ އެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުުމުގެ ޝަރަފް، ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އާއި އެތުލެޓިކްސްގެ އިބާދުﷲ އާދަމް އެވެ.
މި ދަތުރުގައި މިހާރު ޕެރިހުގައި ތިބި އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓާ ހުސެއިން ބައްދަލުކުރައްވާނެ އެވެ. ރާއްޖޭގެ އެތްލީޓުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އާދިއްތަ ދުވަހު ބައްދަލުކުރައްވާފަ އެވެ.

މިފަހަރަކީ އެންމެ ގިނަ ކުޅިވަރު ހިމެނޭ ގޮތަށް ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރާ ފަހަރެވެ.
ފުރަތަމަ ފަހަރަށް މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.













