އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް މިއަދު ފުރައިފި އެވެ.
މިއީ، 1988 ވަނަ އަހަރުން ފެށިގެން ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރަން ފެށި ފަހުން، އެންމެ ގިނަ ކުޅިވަރު ހިމެނޭ ގޮތަށް ރާއްޖޭން އޮލިމްޕިކްސްގައި ފެންނާނެ ފަހަރެވެ.
އިއްޔެ، ރާއްޖޭގެ ކޮންޓިންޖެންޓްގެ އެޑްވާންސް ޓީމު ޕެރިހަށް ގޮސްފައިވާއިރު، ހިމެނެނީ، ޗެފް ޑި މިޝަން، ޓީޓީ އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު (އައްޔަ) އާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) އެވެ.
ފުރަތަމަ ފަހަރަށް މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.

އޮލިމްޕިކްސްގައި މި ފަހަރު ވާދަކުރާ ދިވެހި އެތުލީޓުން (ކ.ވ): ނަބާހާ، ދީމާ، އުލްޔާ، އިބާދުﷲ، އާން.-- ފޮޓޯ: އިސްމާއިލް ތޯރިގު / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ. ނަބާހާ އަކީ ބެޑްމިންޓަން އިން ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އަދި އެއް އޮލިމްޕިކްސް އަށް ވުރެ ގިނަ އޮލިމްޕިކްސްގައި ބެޑްމިންޓަނުން ވާދަކުރާނެ ހަމައެކަނި ދިވެހި ފުރަތަމަ އެތުލީޓަކީ ވެސް ނަބާހާ އެވެ. އެތުލެޓިކްސް އިން މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އެވެ. އޭނާ އެ ޖާގަ ހޯދީ، ގައުމީ އެތުލީޓުންގެ މެދުގައި ކުރިއަށްދިޔަ ޓައިމް ޓްރަޔަލްގައި ރަނގަޅު ކުރިއެރުމެއް ހޯދައިގެންނެވެ. މި ފަަހަރުގެ އޮލިމްޕިކްސް އަށް އެންމެ ފަހުން، އެތުލީޓުން ކަނޑައެޅީ ސްވިމިން އެވެ. އެ ގޮތުން، ސްވިމިން އިން އޮލިމްޕިކްސް އަށް ދާ އެތުލީޓުންނަކީ، މުހައްމަދު އާން ހުސައިން އަދި ޢާއިޝަތު އުލްޔާ ޝާއިގް އެވެ.
އެތުލީޓުންގެ އިތުރުން ކޮންޓިންޖެންޓުން ކޮންމެ ކުޅިވަަރަކަށް ކޯޗުން ވެސް ހިމެނެ އެވެ. މީގެ އިތުރުން، މިއަދު ވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ) ވެސް ކޮންޓިންޖެންޓާ އެކު، ފުރާވަޑައިގެންފަ އެވެ.
މި ފަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ޕެރިހުގެ ރިވާ ސިއެންގަަ އެވެ. މިއީ، އޮލިމްޕިކްސް ތާރީހުގައި ވެސް މެއިން ސްޓޭޑިއަމުން ބޭރުގައި ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ފުރަތަމަ ފަހަރެެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ، ދީމާ އާއި އިބާދުﷲ އެެވެ.












