ޕެރިސް (ޖުލައި 23) - ފްރާންސްގެ ޕެރިހުގައި އަންނަ ހުކުރު ދުވަހު ފަށާ އޮލިމްޕިކްސް އިން އިޒްރޭލް ވަކިކުރަން ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީން ހުށަހަޅާފައިވާ އެޕްލިކޭޝަނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ޖަވާބެއް ދީފައިނުވާ ކަމަށް ފަލަސްތީން އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
ފަލަސްތީން އޮލިމްޕިކް ކޮމިޓީގެ އިސް އޮފިޝަލް، ނާދިރު ޖަޔޫޝީ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އިޒްރޭލުގެ ގިނަ އެތުލީޓުން ފަލަސްތީނަށް އިޒްރޭލުގެ ސިފައިން އަރައި ހިންގަމުން އަންނަ ލާއިންސާނީ ހަރަކާތްތަކަށް ސަޕޯޓްކުރާ ހެކިތައް އައިއޯސީ އަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ކަންކަމަށް ބަލައި، މި ފަހަރުގެ އޮލިމްޕިކްސް އިން އިޒްރޭލް ވަކިކުރަން ފަލަސްތީންގެ އޮލިމްޕިކް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.
"އިޒްރޭލަށް އަދަބުދީ އެ މީހުން އޮލިމްޕިކްސް އިން ވަކިކުރަން އަހަރެމެން ހުށަހެޅީ، އެ މީހުންގެ އެތުލީޓުން ވެސް މި ކަންކަމަށް (ފަލަސްތީނަށް އަރައި ގަތުލުއާންމު ހިންގަން) ސަޕޯޓްކުރާތީ. މިއީ އޮލިމްޕިކްސްގެ ޗާޓަރާ ހިލާފު އަދި އިންސާނިއްޔަތާ ވެސް ދެކޮޅު ކަންކަން،" ޖަޔޫޝީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިޒްރޭލުގެ ބައެއް އެތުލީޓުން ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އިޒްރޭލުގެ މި ލާއިންސާނީ ކަންކަމަށް ސަޕޯޓްކުރާއިރު، އައިއޯސީން ފިޔަވަޅެއް ނާޅައި އޮތުމަކީ، ލަދުވެތި ކަމެއް ކަމަށެވެ.
އޮކްޓޫބަރު، 07، 2023 އިން ފެށިގެން ހުއްޓުމެއް ނެތް ގޮތަށް، ފަލަސްތީނަށް އަރައި، އިޒްރޭލުން ހިންގަމުން އަންނަ ކަންތައްތަކުގެ ސަބަބުން ފަލަސްތީނުގެ 400 އަށް ވުރެ ގިނަ ކޯޗުން/އެތުލީޓުން ވަނީ މަރުވެފަ އެވެ.
ފަލަސްތީނުގެ ދުރު ރާސްތާ ދުވުމުގެ ލެޖެންޑް، މަޖީދު އަބޫ މަރަހީލް މިިދިޔަ މަހު މަރުވީ، ކިޑްނީ ބަލީގައި އުޅެނިކޮށް، އޭނާ އަށް ދޭން ޖެހޭ ފަރުވާ ނުދެވިގެންނެވެ. ފަރުވާ ނުދެވުނީ، ފަލަސްތީނުގެ އެކި ސަރަހައްދުތަކުން، އިޒްރޭލުން ކަރަންޓް ކަނޑާލާފައިވާތީ އެވެ. މަޖީދު އަކީ ފަލަސްތީނުން އެންމެ ފުރަތަމަ އޮލިމްޕިކްސް އެއްގައި، 1996 ވަަނަ އަހަރު ވާދަކުރިއިރު، އެ ގައުމުގެ ދިދަ އުފުލި އެތުލީޓެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި ފަލަސްތީނުގެ އަށް އެތުލީޓަކު ވާދަކުރާނެ އެވެ. އެއީ، ސްވިމިން، ޖޫޑޯ އަދި ބޮކްސިންގަ އެވެ.
ޖަޔޫޝީ ވިދާޅުވީ، ފަލަސްތީނުގެ އެތުލީޓުން އޮލިމްޕިކްސްގައި ވާދަކުރުން އެއީ ދުނިޔެ އަށް ދެވޭ މެސެޖެއް ކަމަށެވެ.
"އަހަރެމެން ބޭނުންވަނީ ހަމައެކަނި ހެޔޮއެދޭ މީހުންގެ ހަމްދަރުދީއެއް ނޫން. އަހަރެމެންނާ އެކުގައިވުން، އަހަރެމެންނަށް ސަޕޯޓްދިނުން. އިންސާފުގެ ވާހަކަ އެންމެން ދެއްކުން. އަހަރެެެމެން އެދޭ ކަމަކީ، ފަލަސްތީނުގެ ކުދިންނަށް އުންމީދެއް ދިނުން. ފަލަސްތީނުގެ ދިދައިގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި ބައިވެރިވެވިދާނެކަން ދައްކުވައިދިނުން،" ޖަޔޫޝީ ވިދާޅުވި އެވެ.

ފްރާންސްގައި ހަރުކޮށްފައިވާ ބިލްބޯޑެއްގައި، ޕެރިސް އޮލިމްޕިކްސްގައި އިޒްރޭލް ބައިވެރިނުކުރަން ޝުއޫރުފާޅުކޮށްފައި.
އިޒްރޭލުގެ ޑެލިގޭޝަނަށް 24 ގަޑިއިރު ސެކިއުރިޓީ ހިދުމަތް ދޭނެ: ފްރާންސް ސަރުކާރު
މި ފަހަރު އޮލިމްޕިކްސް އަށް އިޒްރޭލުން ވަނީ 15 ކުޅިވަރަކުން 88 އެތުލީޓުން ފޮނުވައިފަ އެވެ.
ފްރާންސްގައި އުޅޭ ފަލަސްތީނަށް ސަޕޯޓްކުރާ، ސިޔާސީ ފަރާތްތަކުން އަންނަނީ، ޕެރިހަށް އިޒްރޭލަށް މަރުހަބާ ނުކިޔާނެ ކަމަށް ބުނެ، ހިޔާލު ފާޅުކުރަމުންނެވެ. އެކަމަކު، ފްރާންސް ސަރުކާރުން ވަނީ، އިޒްރޭލަށް ހުރިހާ ގޮތަކުން ސަޕޯޓް ދޭނެ ކަމަށް ހާމަކޮށްފަ އެވެ.
އެ ގޮތުން، ފްރާންސްގެ އިންޓީރިއާ މިނިސްޓަރު، ޖެރާލްޑް ޑަރްމަނީން ވިދާޅުވީ، އިޒްރޭލުގެ ޑެލިގޭޝަނަށް 24 ގަޑިއިރު ސެކިއުރިޓީ ދޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އޭނާ ވަނީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއިން، އިޒްރޭލްގެ އެތުލީޓުންނަށް ނުރައްކަލެއް އައުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ޖެރާލްޑް ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމެއްގައި، ވާހަކަ ދައްކަަވަމުން ފްރާންސްގެ ފޮރިން މިނިސްޓަރު، ސްޓެފާން ސެޖޯން ވިދާޅުވީ، އިޒްރޭލަށް ފުރިހަމަ މަރުހަބާއެއް ކިޔަން ފްރާންސް އިން އޮތީ ތައްޔާރަށް ކަމަށެވެ.
މި ފަހަރުގެ އޮލިމްޕިކްސް އިން އިޒްރޭލް ސަސްޕެންޑްކުރަން، ގައުމުތަކުން ގޮވާލަމުން އަންނާތީ، އޭގެ ޖަވާބެއްގެ ގޮތުން، މީގެ ކުރިން، އައިއޯސީން ބުނެފައިވަނީ، މީގެ ވަަކިވަކި ކުޅިވަރު ފެޑެރޭޝަނުން ނިންމަން ޖެހޭ ކަންތައްތަކެއް ވެސް އެބައޮތް ކަމަށެވެ.












