ޕެރިސް (ޖުލައި 21) - އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގައި، ފްރާންސްގެ އެތުލީޓުންނަށް ބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުން އެ ގައުމުގެ ސަރުކާރުން ދަމަހައްޓައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު، އަމޭލިއާ އޮޑީއާ ކަސްޓީރާ ވިދާޅުވީ، ދީނީ ކަންތައްތައް ކުޅިވަރުގެ ތެރެއިން ކުރިއަށް ނުގެންދެވޭ ގޮތަށް އެ ގައުމުގައި އަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށް ޕެރިސް އޮލިމްޕިކްސްގައި ވެސް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ. އަމޭލިއާ ވިދާޅުވީ، ބުރުގާ ވެސް މި އުސޫލުގެ ތެެރެއިން އެތުލީޓުންނަށް މަނާވާނެ ކަމަށެވެ.
ފްރާންސް ސްޕޯޓްސް މިނިސްޓްރީގެ މި ވާހަކަތަކާ އެކު ޔުނައިޓެޑް ނޭޝަންސް އިން ބުނީ، އަންހެނަކު ލެވޭނެ އެއްޗެއް ނިންމުމުގައި ވަކި ގޮތްތަކެއް ކަނޑަނޭޅޭނެ ކަމަށެވެ. ޔުނައިޓެޑް ނޭޝަންސް އަށް މިކަން އޮތްގޮތް ސާފުކޮށްދިނުމުގެ ގޮތުން، ފްރާންސްގެ ސްޕޯޓްސް މިނިސްޓްރީން ބުނީ، އެތުލީޓްސް ވިލެޖުގައި، ބުރުގާ އަޅައިގެން އުޅެވޭނެ ކަމަށާއި އެކަމަކު، މުބާރާތުގައި ވާދަކުރާއިރު، ބުރުގާ އަޅައިގެން އެތުލީޓަކަށް ވާދަނުކުރެވޭނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން މި ކަމުގައި ފްރާންސްގެ އޮލިމްޕިކް ކޮމިޓީއާ ވާހަކަ ދައްކައިގެން ހައްލެއް ހޯދޭތޯ ބެލި ނަމަވެސް، އެކަށީގެންވާ ކުރިއެރުމެއް ނުލިބުނެވެ. ފްރާންސް ސަރުކާރުން ބުނެފައިވަނީ، އެހެން ގައުމުގެ އެތުލީޓުންނަށް ބުރުގާ އެޅުމަށް ހުރަހެއް ނެތް ކަމަށާއި ފްރާންސްގެ އެތުލީޓުން އެ ގައުުމުގެ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ.
ފްރާންސްގެ ޕަބްލިކް ސްކޫލްތަކުގައި، 2004 ވަނަ އަހަރުން ފެށިގެން ބުރުގާ ވަނީ މަނާކޮށްފަ އެވެ.
އޮލިމްޕިކްސްގައި ފްރާންސްގެ އެތުލީޓުންނަށް ބުރުގާ މަނާކުރުމާ ގުޅިގެން، އެކަން ބަދަލުކުރަން ކުރި މަސައްކަތް ވެސް ކާމިޔާބުނުވުމުން، އެކަމާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ގިނަ އެތުލީޓުންނާ މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފަހު ބުނީ، ބުރުގާ މަނާކުރުމަކީ، އޮލިމްޕިކް ޗާޓަރާ ވެސް ހިލާފު ނިންމުމެއް ކަމަށާއި މިއީ، މުޅި ކުޅިވަރު ދުނިޔެ އަށް ވެސް "ލަދުވެތި" ނިންމުމެއް ކަމަށެވެ.












