އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ މަސްރޭސް 2024 ކ. ހިންމަފުށީގައި އިއްޔެ ލޯންޗުކޮށްފި އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ބާއްވަނީ ތިން ރަށެއްގަ އެވެ. އެއީ ކ. ހިންމަފުއްޓާއި ޅ. ނައިފަރާއި ގދ. ތިނަދޫ ސިޓީގަ އެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސްރޭސް އޯގަސްޓް މަހު ބާއްވާ އެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށެވެ.
އުރީދޫ މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ޖުލައި، 24 ގެ ކުރިން ޓީމް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 - 12 މެމްބަރުން ތިބެންޖެހެ އެވެ.
މަސްރޭސްގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ، ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ.
"ފެށުނީއްސުރެ ވެސް އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެއް،" އުރީދޫއިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ މަސް ރޭސް އިންތިޒާމު ކުރުމުގައި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް ކަމަށާއި ތިން ސަރަހައްދެއްގައި މިފަހަރު މަސް ރޭސް ބާއްވަނީ އެކަމުގައި ގިނަ ބަޔަކު ބައިވެރިވާން ފުރުސަތު ދިނުމަށް ކަމަށެވެ.
މުބާރާތް ރަށްތަކުގައި ފެށުމަށް ހަމަޖެހިފައިވާ ތާރީހުތައް:
• ހިންމަފުށި: އޯގަސްޓް، 9 ގައި
• ތިނަދޫ ސިޓީ: އޯގަސްޓް، 23 ގައި
• ނައިފަރު: އޯގަސްޓް، 16 ގައި
މުބާރާތުގައި ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ގޮތް:
• އެއްވަނަ ޓީމް: 25،000ރ.
• ދެ ވަނަ ޓީމް: 10،000ރ.
• ތިން ވަނަ ޓީމް: 5,000ރ.
• އެންމެ މޮޅު މަސްވެރިޔާ: 1,000ރ.
• އެންމެ މޮޅު ފިޝަރވުމަން: 1,000ރ.










