މިފަދަ ދަނޑިވަޅެއްގައި ގަވަރުނަރު ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ: އެމްޑީޕީ

އިގުތިސާދު ނުތަނަވަސްކަމެއްގެ ތެރޭގައި އޮއްވައި އެމްއެމްއޭގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުން ވަކި ކުރަން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސަރުކާރަށް މިއަދު ގޮވައިލައްވައިފި އެވެ.

އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލީ އިދާރާތައް ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓެނީ މި ސަރުކާރުން އަވަސް އަރުވާލައިގެން ނިންމާ ނިންމުންތަކުގެ ސަބަބުން ކަމަށެވެ.

"މާލީ އިދާރާތައް ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓެނީ މި ސަރުކާރުން ގެންގުޅޭ އަވަސް އަރުވާލައިގެން ކަންކަން ނިންމުމުގެ ސިޔާސަތުގެ ސަބަބުން، މިފަދަ ކަންކަމުގައި މިއަށްވުރެ ފަރުވާތެރި ވިސްނުމެއް ގެންގުޅެންޖެހޭ،" ފައްޔާޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެ ޕޯސްޓުގައި ފައްޔާޒު ވަނީ ހާޝިމް މަގާމުން ވަކި ކުރުމަކީ ރަނގަޅު މަގެއް ނޫން ކަމަށް ވިދާޅުވެ އެ މަގު ހިޔާރު ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އިލްތިމާސް ކުރައްވައިފަ އެވެ.

ގަވަރުނަރު ކަމުގެ މަގާމުން ހާޝިމު ވަކި ކުރަން ރައީސް މުއިއްޒުއަށް ލަފާ ދޭން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމީ އާލާސްކަންފުޅާ އުޅުއްވާތީ މިދިޔަ ތިން ދުވަހު ވެސް އެ ކޮމެޓީއަށް އޭނާ ހާޒިރުވެވަޑައިނުގެން، ލިޔުމުން ފޮނުވި ޖަވާބަށް ބަލައިފަ އެވެ.

ހާޝިމް މަޖިލީހަށް ފޮނުވި ލިޔުމުގައި ވިދާޅުވީ، އިގުތިސޯދީ ކާރިސާއެއް އައުމުގެ ކުރިން އެ ފަދަ ހާލަތަކުން ގައުމު ސަލާމަތްކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދު ދީ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަން އޭނާ އާއި އެމްއެމްއޭއިން ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

މި މައުލޫމާތުތައް މާލިއްޔަތު ކޮމިޓީއާ ވެސް ހިއްސާކުރައްވާފައިވާނެ ކަން ފާހަގަކުރައްވަމުން، ހާޝިމް އިތުރަށް ވިދާޅުވީ މިއަދު ބޯމަތިވެފައިވާ އިގުތިސޯދީ މުސްތަގުބަލާ މެދު އޮތް ބިރުވެރިކަމުގެ އަސްލަކީ އެމްއެމްއޭ އާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އިރުޝާދާއި ލަފާ، ސަރުކާރުން އަޑުނޭހުން ކަމަށެވެ.

އޭގެއިތުރުން ވެސް ހާޝިމް މަގާމުން ވަކިކުރަން ހުށަހެޅި އެހެން ސަބަބުތަކަށް ވެސް އޭނާ ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވި ޖަވާބުގައި އިންކާރުކުރައްވާފަ އެވެ.

އެއީ ބޭންކުތަކުން ލޯނު ދޫކުރާ މިންވަރު ބަހައްޓަން އެމްއެމްއޭގައި ބެހެއްޓުމަށް ބާރު އެޅުމާއި ޑޮމެސްޓިކް މާކެޓު ރެގިއުލޭޓު ނުކުރުމާއި ފައިސާގެ ކުށްތައް ހުއްޓުވަން ގަވާއިދުތައް އަދާހަމަ ނުކުރުމުގެ އިތުރުން މި ސަރުކާރަށް ލަފާ ދިނުމާއި އެމްއެމްއޭގެ ގާބޫނުގެ މަގުސަދުތައް ހާސިލުކުރަން މަސައްކަތް ނުކުރުމެވެ.

މި ހުރިހާ ނުކުތާއެއްގެ ރައްދުގައި ތަފުސީލުކޮށް އޭނާ ދެކެވަޑައިގަންނަވާ ގޮތާއި އޭނާގެ ދިފާއު ބަޔާންކުރައްވަމުން ހާޝިމް ވިދާޅުވީ މިވީހާ ތަނުގައި މަސައްކަތްކުރީ ގާނޫނުގެ ތެރެއިން އޭނާއާ މަތިކުރެވިފައިވާ ޒިންމާތައް އަދާކުރަށް ކަމަށެވެ. އަދި މި ހާލަތުން އަރައިގަންނަން އެ އޮތޯރިޓީ އާއި އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ ގަވަރުނަރު ވަޑައިގެންނެވިނަމަ އިތުރު ސުވާލު ކުރުމަށް ބޭނުންވާކަން ހާމަކުރައްވާފަ އެވެ. އެއީ, މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި ދައުލަތުގެ ބައެއް އިދާރާތަކުން ހިއްސާކުރި މައުލޫމާތުތަކާ ގުޅިގެން ގަވަރުނަރުގެ އަރިހުން ސާފުކުރަން ޖެހޭ އިތުރު ކަންކަން ހުރި ކަމަށް މެންބަރުން ވިދާޅުވި އެވެ.

އިތުރު ސުވާލުތަކެއް ލިޔުމުން ފޮނުވައިގެން އަނެއްކާ ވެސް ޖަވާބު ދިނުމަށް ގަވަރުނަރަށް ފުރުސަތު ދިނުމަށް މެންބަރުންގެ ހިޔާލު މުގައްރިރަކަށް އިންނެވި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހޯއްދެވި އެވެ. މެންބަރުންގެ އިއްތިފާގުން ފާސްކުރީ އިތުރު ފުރުސަތެއް ނުދިނުމަށެވެ.

ހާޝިމް މަގާމުން ވަކި ކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުالله އެވެ. އޭނާ ވަކިކުރަން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގައި މިއަދު ތިއްބެވީ އަށް މެންބަރުންނެވެ.

އެމްއެމްއޭ ގާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުމަކީ މަޖިލީހަށް ކުރެވޭނެ ކަމެކެވެ. މިކަމާ މެދު އެންމެ ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހަޅައިގެން ނަގާ ވޯޓަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox