ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި، ކުންފުންޏަށް އަގުހުރި ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެ އިވެންޓްގެ ޝަރަފުވެރި މެހެމާނުގެ ގޮތިގައި ބައިވެރިވެވަޑައިގަތީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ޗީފް އެގްޒެކްޓިވް، އިލްޔާސް އަހްމަދެވެ. އަދި ދިރާގުގެ މެނޭޖްމަންޓުން އިވެންޓުގައި ބައިވެރިވި އެވެ.
އެ ހަފްލާގައި ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 79 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.
އޭގެއިތުރުން، ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްދީފައިވާ 45 މުވައްޒަފުންނަށް އެވޯޑް ހަވާލުކުރި އެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށްވެސް އެވޯޑް ހަވާލުކުރި އެވެ.
އޭގެ ތެރޭގައި 15 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 5 އިނޮވޭޝަން އެވޯޑް އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނެ އެވެ.
އިވެންޓުގައި އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑް ލިބިފައިވަނީ ދިރާގުގެ އިންޖިނިއާ ކޯ ސިސްޓަމްސް، އިސްމާއިލް ސަމާހަށެވެ. އޭނާގެ ފަންނީ ތަޖުރިބާ އާއި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިރާގުގެ މައި ސިސްޓަމް ޕްރޮޖެކްޓްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.











