ބާސެލޯނާ (ޖުލައި 13) - މާދަމާރޭ ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އިންގްލެންޑާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗަށް ސްޕެއިންގެ މިޑްފީލްޑަރު، ގަވީ އަށް ސްޕެއިނުގެ ރަސްގެފާން، ފެލީޕޭ ވަނީ ދައުވަތު ދީފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަނިޔާގެ ސަބަބުން ގަވީ، 19، އަށް މި ފަހަރުގެ ޔޫރޯގައި ނުކުޅެވެ އެވެ.
ގަވާއިދުން ސްޕެއިން ޓީމުން ޖާގަ ހޯދަމުން އައި ގަވީ އަށް އަނިޔާވީ، ޔޫރޯ ކޮލިފައިންގައި މިދިޔަ އަހަރު ނޮވެމްބަރުގައި، ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޖޯޖިއާގެ ކުޅުންތެރިއަކު ޖެހި ޓެކަލް އަކާ ހެދި، ގަވީގެ ކަނާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ހެދި މި ފަހަރުގެ ޔޫރޯ އާއި އޮލިމްޕިކްސްގެ ފުރުސަތު ގެއްލުނީ އެވެ.
ދާދި ފަހުން، ސްޕެއިނުގައި ކުރިއަށްދިޔަ ޕްރިންސަސް އޮފް ޖިރޯނާ ފައުންޑޭޝަންގެ އެވޯޑް ހަފްލާގެ ތެރެއިން ރަސްގެފާނު، ފެލީޕޭ އާއި ގަވީއާ ވަނީ ބައްދަލުވެފަ އެވެ. އަދި އެ ބައްދަލުވުމުގައި، ރަސްގެފާން ފެލީޕޭ ވަނީ މާދަމާރޭ ބާލިންގައި ކުޅޭ ޔޫރޯ ފައިނަލަށް ގަވީ އަށް ދައުވަތުދެއްވައިފަ އެވެ.

ސްޕެއިނުން އެންމެ ފަހުން ނޭޝަންސް ލީގު ކާމިޔާބުކުރިއިރު، ގަވީ އެ ތަށި ހިފައިގެން.
"ގަވީ އަކީ އެ ޓީމުގެ މެމްބަރެއް،" ރަސްގެފާން، ފެލީޕޭ ވިދާޅުވި އެވެ.
ގަވީ އެންމެ ފުރަތަމަ ސްޕެއިން ޓީމުން ޖާގަ ހޯދީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެއީ، ލުއިސް އެންރީކޭ ސްޕެއިނުގެ ކޯޗަކަށް ހުރިއިރު އެވެ. ގަވީ ވަނީ، އެންމެ ފަހުން، 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ.
އެންރީކޭ، ސްޕެއިންގެ ކޯޗުކަމުން ވަކިވި ފަހުން އެ މަގާމަށް އައި މިހާރުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭގެ ޕްލޭނުގައި ވެސް ގަވީ އަކީ މުހިންމު ކުޅުންތެރިއެެކެވެ. އަދި ސްޕެއިނުން އެންމެ ފަހުން ނޭޝަންސް ލީގު ކާމިޔާބުކުރިއިރު ވެސް ގަވީ ޓީމުގައި ހިމެނެ އެވެ.
ޔޫރޯގެ ޗެމްޕިއަންކަން، ތިން ފަަހަރު ހޯދާފައިވާ ސްޕެއިން މި ފަހަރު ތަށި އުފުލާލައިފިނަމަ އެ ޓީމު ވާނީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަށެވެ. މި ވަގުތު އެންމެ ގިނަ ފަހަރު ތަށި ހޯދާފައި އޮތީ، ތިން ފަހަރު ކާމިޔާބުކުރި ސްޕެއިނާއި ޖަރުމަނެވެ.












