ބާލިން (ޖުލައި 13) - އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން އަށް ތަށްޓެއް ލިބެން އޮތް ފަހަރެއްގައި މީގެ ކުރިން ވެސް ހުރަސް އެޅި އެއް ކުޅުންތެރިޔާ، ޑެނީ އޮލްމޯ، މާދަމާރޭގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވެސް އެކަން ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.
ޖަރުމަނުގެ ބަޔާން މިއުނިކަށް މިދިޔަ ސީޒަނުގައި ބޮޑުއަގުގައި ބަދަލުވި ކޭން އަށް މި ފަހަރު ވެސް ނިންމާލަން ޖެހުނީ ތަށްޓެއް ހޯދުމަށް ކުރަން ޖެހޭ އިންތިޒާރު ދިގުލައިދިޔަ ގޮތަށެވެ. އޭގެ ތެރެއިން، ބަޔާން އަށް ޖަރުމަނު ސުޕަ ކަޕް ގެއްލުނީ، އާރްބީ ލައިޕްޒިގު އަތުން 3-0 އިން ބަލިވުމުންނެވެ. އެ މެޗުގެ ތަރި އަކީ، ލައިޕްޒިގަށް ހެޓްރިކެއް ހަދައިދިން ފޯވާޑް، އޮލްމޯ އެވެ.
މާދަމާރޭގެ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޮލްމޯ އަށް އަމާޒުވި އެއް ސުވާލަކީ އަނެއްކާ ވެސް ކޭން ހުއްޓުވަން ލިބިފައި މި އޮތް ފުރުސަތުގެ ބޭނުންހިފަން ކިހާ ވަރަކަށް މަސައްކަތްކުރާނެތޯ އެވެ.
"ވަރަށް ބޮޑަށް، އަނެއްކާ ވެސް ހެޓްރިކެއް ހަދައިގެން މި ފައިނަލުން މޮޅުވެ މި ތަށި ހޯދުން ވެގެންދާނީ ހުވަފެނަކަށް. އެއީ ޔަގީންކަމެއް،" އޮލްމޯ ބުންޏެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަން ބޫޓު ރޭހުގައި، އޮލްމޯ އާއި ކޭން ވެސް އަންނަނީ ވާދަކުރަމުންނެވެ. އެ ގޮތުން، ކޭން އާއި އޮލްމޯ ހިމެނޭ ގޮތަށް ހަ ކުޅުންތެރިއަކު ވަނީ، ތިން ގޯލު ޖަހައިފަ އެވެ. ފައިނަލުގައި އޮލްމޯ އާއި ކޭން އަށް ލަނޑެއް ނުޖެހިއްޖެނަމަ، ހަ ކުޅުންތެރިންނަށް ވެސް ރަން ބޫޓު ދޭނެ އެވެ.
އޮލްމޯ ބުނީ، ޔޫރޯގެ ފައިނަލުގައި އޮތް ދެ ޓީމަކީ، މި ފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅަށް މަސައްކަތްކުރި ދެ ޓީމު ކަމަށެވެ.
"އެންމެ މޮޅު ދެ ޓީމު ފައިނަލުގައި އެ ކުޅެނީ، އެކަން ގަބޫލުކުރަން ޖެހޭ،" އޮލްމޯ ބުންޏެވެ.
މި މުބާރާތުގައި އޮލްްމޯ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގައި ވެސް އޮލްމޯ ހިމެނެ އެވެ. އަދި، އޮލްމޯ އަށް މި މުބާރާތަށް ފަހު، ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ވެސް ލިބޭނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.












