ހުއްދަ ހަދިޔާ އަދި ހައްގު މުސާރަ އާއި އިނާޔަތް ދެނެގަތުން

އާޓްވޯކް: ރައްޔާނު/ އަދަދު

އާޓްވޯކް: ރައްޔާނު/ އަދަދު

މަގާމާއި ހަދިޔާގެ ވާހަކަ ދެކެވޭ ދުވަސްވަރެކެވެ. މިވެނި މީހަކަށް މިވެނި މަގާމެއް ދިނީ އެވެނި މީހެއްގެ މީހަކަށްވާތީ އެވެ. މިވެނި ކަހަލަ މަގާމުތަކެއްގައި ތިބޭ ބަޔަކަށް އެތަނުން މީހަކު މިތަނުން މީހަކު ހަދިޔާގެ ގޮތުގައި ބައެއް ތަކެތި އެބަދީއުޅޭ ވާހަކަ އެވެ. އަޅުގަނޑަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ބަތާނައިގައި އުޅޭ މީހަކަށް ނުވާތީ މިބާވަތުގެ ހަބަރުތަކުގެ ދޮގުތެދު އަޅުގަނޑަކަށް ކަށަވަރެއް ނޫނެވެ. އެހެންވީމާ އެއިން ވާހަކައަކުން މިސާލެއް ނެގުމަކީ ހުއްދަވާނެ ކަމެއް ކަމުގައި އަޅުގަނޑަކަށް ނުފެނެ އެވެ. ނަމަވެސް އެބާވަތުގެ ކަންކަމުގެ ވާހަކަ އިންތިހާއަށް ދެކެވޭނަމަ، އެކަމުގައި އިސްލާމީ ނަޒަރަކުން ފިކުރު ހިންގާލުމަކީ ދީނީ އިލްމު ލިބިހުރި މީހެއްގެ ހައިސިއްޔަތުން ވާޖިބަކަށްވުރެ ދުރުކަމެއްގެ ގޮތުގައި ނުފެންނާތީ، އެމައުލޫގައި ފިކުރު ހިންގާލުމަށް މިދަނޑިވަޅި އިންތިހާއަށް މުނާސަބުކަމުގައި ދެކެމެވެ.

މާތް ނަބިއްޔާ ޒަކާތް ނެގުމަށްޓަކައި ފޮނުއްވި އާމިލެއްގެ ހާދިސާއަކީ މި މައުލޫގައި މުހިންމު ފިލާވަޅެއް މާތް ނަބިއްޔާ ނަގައިދެއްވާފައިވާ ހާދިސާއެކެވެ. ޒަކާތް ނެގުމަށްޓަކައި ރަށަކަށް ފޮނުއްވުނު އާމިލަކު އޭނާ ޒަކާތުގެ ގޮތުގައި ތަކެތި ހިފައިގެން އައިއިރު އޭނާއަށް ހަދިޔާ ލިބިފައިވެ އެވެ. މާތް ނަބިއްޔާ އެކަމާ ގުޅިގެން ހަދީސްކުރެއްވި އެވެ. ތިމަންކަލޭގެފާނު މަސައްކަތަކަށް ފޮނުއްވި މީހަކު އެނބުރި އައިސްފައި މިހުރީ ތިޔަބައި މީހުންނަށް ހުރި ތަކެއްޗޭ އަދި މިހުރީ އަހުރެންނަށް ހަދިޔާގެ ގޮތުގައި ލިބުނު ތަކެއްޗޭ ބުނާ މީހާގެ ކަންތައް އެހުރީ ކިހިނަކުން ހެއްޔެވެ؟ އަޅެ އޭނާގެ ބައްޕަގެ ގޭގައި އެހެންނާ މަންމަގެ ގޭގައި އިށީނދެގެން އިނދެ ބަލާބަލާށޭ، އެތަކެތި އޭނާއަށް ހަދިޔާވަމުންދޭތޯ ނުވަތަ ނޫންތޯ އެވެ. މުޙައްމަދުގެފާނުގެ ނަފުސު އެކަލާނގެ އަތްޕުޅުގައިވާ ކަލާނގެ ގަންދެމެވެ. ޤިޔާމަތް ދުވަހުން ކަނދުރާމަތީގައި އެ އެއްޗެއް އުފުލަން ނުޖެހޭނޭ ގޮތަކަށް، ތިޔަބައިމީހުންކުރެ މީހަކަށް އޭގެ ތެރެއިން ހަމަ އެކައްޗެއްވެސް ލިބިނުގަނެވޭނެ އެވެ.

ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ މި ހަދީސްގައި ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ހަދިޔާއާ ގުޅިގެން އެއީ ތިމާއަށް ހައްގު ހަދިޔާކަން ނުވަތަ ނޫންކަން ދެނެގަންނާނެ ވަރަށް ހާއްސަ އުސޫލެއް މިވަނީ ކަނޑައަޅުއްވާފައެވެ. އާދޭހެވެ! އެއީ ތިމާގެ ވަޒީފާގެ ސަބަބުގައި އެ ހަދިޔާ އަޅުވާފައި ބެލުމެވެ. ވަޒީފާގައި ނެތް ނަމަވެސް އެ ހަދިޔާ ލިބޭނެތޯ ނޫންތޯ ވިސްނައިގެން ނަތީޖާއެއް ނެރުމެވެ. މާތް ނަބިއްޔާގެ ސާދާސީދާ ބަސްފުޅުގައި ވާރިދުވެގެން އައިސްފައިވާ ފަދައިން އަމިއްލަ މައިބަފައިންގެ ގޭގައި، ހިމޭނުން ހުއްޓާ ވެސް އަތުވެދާނެ ހަދިޔާއެއްތޯ ނޫންތޯ ހަމަ އެންމެ ފަހަރަކުވެސް ހިތަށް އަރުވާލުމެވެ.

މި ހަދީސްގެ ދޭހައަށް ރަނގަޅަށް ނަޒަރުކުރީމާ މި ހަދީސުން މީހެއްގެ މީހަކަށް ވެގެން ނުވަތަ އެހެން މީހެއްގެ ތައްޕާހުން ލިބޭ ވަޒީފާގެ ކަންތަކުގައި ވެސް އިސްލާމީ އުސޫލަކީ ކޮބައިކަން ދެނެގަނެވިދާނެ އެވެ. އެއީ ތިމާގެ އެވެނި މީހާގެ ނުފޫޒު ނެތް ނަމަވެސް މި ވަޒީފާއަކީ ތިމާއަށް ލިބިދާނެ ވަޒީފާއެއްތޯ ނޫންތޯ ބެލުމެވެ. އަދި މާދަމާ އެމީހާގެ ނުފޫޒު ފިލައިދިޔަސް މި ވަޒީފާއަކީ ތިމާއަށް ދެމިހުރެވިދާނެ ވަޒީފާއެއްތޯ ނޫންތޯ ވިސްނުން ހިންގުމެވެ. ތިމާއަކީ ވަކި ވަޒީފާއެއްގެ ގާބިލުކަމާއި އެކަމަށް ބޭނުންވާ އިލްމު ލިބިހުރި މީހެއް ނަމަވެސް، ވަޒީފާ ލިބުނު ސަބަބާއި ވަކި މީހެއްގެ ނުފޫޒު އޮތުމާއި ނެތުން، ނުވަތަ ވަކި މީހަކާ ތިމާގެ އޮންނަ ގުޅުމެއް އޮންނަ އޮތުމާއި ނެތުން ގުޅިފައިވާނަމަ، އެއީ ހަދީސްގައި ބަޔާންވެގެންވާ ފަދައިން ހައްގު ނޫން އެއްޗެއް ބަލައިގަތުމުގެ އުޚްރަވީ ޢުޤޫބާތާ ކުރިމަތިލާންޖެހޭނެ ކަމެއްކަމާމެދު ޝައްކެތް ނެތެވެ.

ދައުލަތުގެ މަގާމެއް ފުރަމުންދާ ހަމަ ކޮންމެ މީހަކަށް މުސާރަ ދެވެނީ ދައުލަތުގެ ބައިތުލްމާލުންނެވެ. އަދި ދައުލަތުގެ މަގާމެއްގައި ހުންނަ މީހަކަށް ހަދިޔާ ލިބޭ ހިނދު އެ ހަދިޔާއަކީ، ހުއްދަ ނޫން އެއްޗެއް ކަމުގައިވާ ގިނަ ހާލަތްތަކުގައި އެ އެއްޗެއް އައިސްފައި އޮންނަނީ ވެސް ދައުލަތުގެ ކޮންމެވެސް އެހެން މުދަލަކަށް ޚިޔާނާތްތެރިވެގެން ހަދިޔާދޭ މީހާ ހޯދާ މަންފާއަކުންނެނެވެ. ފެނިފައި އޮތްތަނުގައި ކަންވެފައި އޮތީ އެހެންނެވެ. މިކަމަކީ ނުރައްކާތެރި މައްސަލައަކަށްވެ ބުއްދި އެކަމަށް ތަންދީގެން ވިސްނާފިކުރު ކުރާންޖެހެނީ އެހެންވެގެންނެވެ.

ރައްޔިތުންގެ ފައިސާއާއި ރައްޔިތުންގެ މަސްލަހަތު އެކުލެވިފައިވާ މުދަލާއި ފައިސާއިން ދެވޭ މުސާރައިގެ ކަންކަމަކީ ހީކުރާވަރަށްވުރެ ސީރިއަސްކޮށް ދީނީގޮތުން އޮތް ކަމެކެވެ. އަލްބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތް ވިދާޅުވާށެވެ! "އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާތިލުގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް ވެރިންނަށް ނުދޭށެވެ!"

ތިމާއަށް ލިބޭ ހަދިޔާއަކީ ނުހައްގު ހަދިޔާތޯ ނޫންތޯ މި ލިޔުމުގެ އިސްވެ ދިޔަ ހަދީސްގައި ބަޔާންކުރި އުސޫލުތަކުގެ މަތީން ކިރާ ވަޒަންކުރުން ދައުލަތުގެ ހަމަ ކޮންމެ މަގާމެއްގައި ހުރި މީހެއްގެ މައްޗަށް ޝަރުޢީ ގޮތުން ވާޖިބެވެ. އެހެނީ ބަލައިގަންނަ އެއްވެސް ހަދިޔާއަކީ ތިމާއަށް ހުއްދަނޫން އެއްޗެއްކަމުގައި ވަނީނަމަ، އޭގެ ހައްގު އަހުލުވެރިއަކު ހުންނާނެއެވެ. އަދި ހަމަ އެހެންމެ ދައުލަތުގެ ވަކި މަގާމެއް ހުސްވެފައި އޮއްވައި، ނުވަތަ ހުސްވެފައި ނެތަސް ތިމާއާއި ނުފޫޒުދާރަކާ އޮތް ހާއްސަ ގުޅުމެއްގެ ތައްޕާހުން ލިބޭ ވަޒީފާ ބަލައިގަތުމާއި އެވަޒީފާގެ މުސާރައާއި އިނާޔަތްތައް ނަގަމުންދިއުމުގައި ވެސް އޭގެ ހަގީގީ ހައްގުވެރިންގެ ކިބައިން ހައްގުތަކެއް ނިގުޅައިގަތުން ހިމެނިފައިވެއެވެ. އަންނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި ހަތްއުޑުމަތީން ބާވާލެއްވުނު މާތް ﷲ ގެ އަމުރުފުޅާ އެކަން ހިލާފުވެދާނެކަމަށް މުސްލިމަކު ނަމަ ވިސްނާފިކުރު ހިންގަންވާނެއެވެ. "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ ހައްގުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ގޮތްކަނޑައަޅާނަމަ، އަދުލުވެރިކަމާއެކު ގޮތްކަނޑައެޅުމަށްވެސް އަމުރުކުރައްވައެވެ. ހަމަކަށަވަރުން ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވައުޒުއިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."

އައްޝޫރާ ސޫރަތުގެ ވިހި ވަނަ އާޔަތުގައިވެއެވެ. "އާޚިރަތްދުވަހުގެ ދަރުމައަށްއެދި މަސައްކަތްކުރާ މީހާއަށް އޭނާގެ ސަވާބު ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އަދި ދުނިޔޭގެ މަންފާތަކަށް އެދޭމީހާއަށް، ތިމަންރަސްކަލާނގެ އެއިން ދެއްވާހުށީމެވެ. އަދި އާޚިރަތުގައި އޭނާޔަށް އެއްވެސް އެއްޗެއް ނެތެވެ."

އަލްޙަޝްރު ސޫރަތުގެ ނުވަވަނަ އާޔަތް ވެސް ވިދާޅުވާށެވެ! "... އެމީހެއްގެ އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox