ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަން 3

ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަން 3

މިއީ ޝަރީއަތްތަކުގެ ތެރެއިން ދިމާވެފައިހުރި ބައެއް ހެއްވާ ކަންކަމުގެ ވާހަކަ ގެނެސްދޭން އަޅުގަނޑު ފެށި ސިލްސިލާގެ ދެވަނަ ބައެވެ. މި ވާހަކަތަކުގައި ހިމެނޭނީ ސީދާ އަޅުގަނޑު ތަޖުރިބާކުރި ބައެއް ކަންކަމާއި، އެކި ވަކީލުންގެ ފަރާތުން އަޑުއަހައި ތެދުކަން އެނގޭ ބައެއް ވާހަކަތަކެވެ. މި ސިލްސިލާގައި ކުރިން ލިޔުނު ލިޔުންތައް ތިރީގައިވާ ދެ ލިންކުން ފެނިވަޑައިގަންނަވާނެ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އަޅުގަނޑު އަދާކުރި ވަޒީފާއަށްފަހު ލޯފާމެއްގައި މަސައްކަތް ކުރީމެވެ. އެ ޗެމްބަރުގެ އިސް ވަކީލަކީ ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ވެސް ވަކާލާތުކުރައްވާ ތަޖުރިބާހުރި ވަކީލެކެވެ. އަޅުގަނޑަށް އޮންނަ މަސައްކަތަކީ މައްސަލަތައް ދިރާސާކުރުމާއި، މީހުންނާ ބައްދަލުކުރުމާއި، އިސް ވަކީލު ކޯޓަށް ވަޑައިގަންނަވަންވާއިރަށް ލިޔެކިޔުންތައް ތައްޔާރުކުރުމެވެ.

ވައްކަމުގެ މައްސަލައެއްގައި ދައުވާ އުފުލިފައިވާ މީހަކު އަޅުގަނޑުގެ ބޮސްއާ ބައްދަލުކުރަން އައެވެ. އޭނާގެ މައްޗަށް ދައުވާކުރެވިފައި އޮތީ، ދަންވަރުގެ ވަގުތުގައި އައިޖީއެމް ހޮސްޕިޓަލަށް ވަދެ، އެ ހޮސްޕިޓަލުގެ ކައުންޓަރެއްގެ މަތީގައި ހުރި ކޮމްޕިއުޓަ މޮނިޓަރަކާއި ކީބޯޑާއި މައުސް ވަގަށް ނަގާފައިވާ ކަމަށް ބުނެ އެވެ. މީނާ އަޅުގަނޑުމެންގެ އޮފީހުގައި އަޅުގަނޑުގެ ބޮސްއާ ބައްދަލުކުރިއިރު އެ ބައްދަލުވުމުގެ މުހިންމު ނުކުތާތައް ނޯޓުކުރުމަށް އަޅުގަނޑުވެސް އެ ބައްދަލުވުމުގައި ބައިވެރިވީމެވެ. އޭނާ ޔަގީންކަމާއެކު ބުނެ އެވެ. ދައުވާގައި ތިޔަ ބުނާ ތާރީހުގައި ތިމަން މާލެއަކުވެސް ނެތީމެވެ. އޭރު ހުންނާނީ ހިންމަފުށީގައި ހިންގާ ރިހެބިލިޓޭޝަން ސެންޓަރުގަ އެވެ. ފުރިހަމަ 6 މަސް ދުވަސް ވަންދެން އެތަނުގައި ހުރިއިރު ދައުވާގައި ތިޔަ ބުނާ ތާރީހު ދިމާވަނީ އެ ހަމަސް ދުވަހުގެ ތެރެއަށެވެ.

އެ ދުވަސްވަރު ދައުވާ ހުށަހެޅުމުގެ އުސޫލު އޮންނަ ގޮތުން، މައްސަލަ ސާބިތުކުރަން ހުށަހަޅާ ހުރިހާ ހެކިތަކަކީ ކޮބައިކަން މައްސަލައިގެ ލިޔުންތައް ލިބޭއިރު ދައުވާލިބޭ މީހާއަކަށް ނޭނގޭނެ އެވެ. އިސް ވަކީލު ބުންޏެވެ. ތިޔަ މަރުކަޒުގައި ހުރިކަމުގެ ލިޔުން އެ މަރުކަޒުން ހޯދޭނެ ނޫންހެއްޔެވެ؟ މީނާ ބުންޏެވެ. ޔަގީންތާ އެވެ. މިހާރުވެސް އެ ލިޔުން ހޯދަން ބުނެފީމެވެ. އަޅުގަނޑުމެން އެދުވަހުގެ ބައްދަލުވުން ނިންމާލީ، އެ ލިޔުން ހޯދުމަށް އެދިި ފޮނުވާނޭ ސިޓީއެއްވެސް އޭނާއަށް ލިޔެދީފަ އެވެ.

އަޑުއެހުން އޮންނަ ދުވަސް ޖެހުނުއިރުވެސް އެ ލިޔުމެއް ނުލިބެ އެވެ. އަޅުގަނޑުމެންގެ މުވައްކިލު ބުނާ ގޮތުން އެ ލިޔުން 2 ދުވަހެއްގެ ތެރޭގައި ލިބޭނެ އެވެ. އެހެންވީމާ އަޅުގަނޑުމެން ޝަރީއަތަށް ދިޔައީ އެ ލިޔުމާ ނުލަ އެވެ. އިސްވަކީލު އަޅުގަނޑުމެންގެ މުވައްކިލަށް ބުނި ހަނދާން ވެއެވެ. ދައުލަތުން މީސްމީހުންގެ މައްޗަށް ދައުވާކުރާއިރު ބައެއް ފަހަރު އޮޅުވާލުންތައް ހުންނަނީ އިންތިހާއަށެވެ. މިއީ ރަނގަޅަށް ތަހުގީގު ނުކުރާތީ ވާގޮތެކޭ ބުނި ހަނދާންވެސް ވެއެވެ.

ޝަރީއަތުގައި ދައުވާ އިއްވުމުން ދައުވާއަށް އިންކާރުކުރުމަށްފަހު އިންކާރު ކުރި ސަބަބު ކިޔައިދިނުމަށް ވަކީލު ތެދުވެއްޖެ އެވެ. މަލާމާތުގެ ގޮތަކަށް އެއްމިޔަކަނަށް ވާންކޮށްގެން ހުރެ ކިޔަ އެވެ. ދައުވާއެއް ކުރާއިރު މުޅި މައްސަލައިގެ ހަގީގަތް ބަލާލުމަކީ އޮންނަންވާނެ ކަމެކެވެ. އެއް ވަގުތެއްގައި ދެތަނެއްގައި ހުރުމަކީ މަގޭ މުވައްކިލަށް ލިބިގެންވާ ގާބިލުކަމެއް ނޫނެވެ. ތިޔަ ތާރީހުގައި އޭނާ ހުރީ ހިންމަފުށީ މަރުކަޒުގަ އެވެ. އެކަމުގެ ލިޔުން ޝަރީއަތަށް ހުށަހަޅާނަމެވެ. ދެން ދެއްވީ ދައުލަތުގެ ފަރުވާކުޑަކަމާއި ފަނޑިޔާރުން އެކަމަށް ސަމާލުވާންޖެހޭކަމުގެ މައްޗަށް ދިގު ދަރުސެކެވެ. ފަނޑިޔާރަކަށް އިންނެވީ މި ވަކީލާ އެއް ކިލާހަކުން ދަރިވަރުވި ބޭފުޅެކެވެ. ވަކީލުގެ ވާހަކަ ނިންމާލުމުން ފަނޑިޔާރު ވަކީލުގެ ނަމުން ގޮވާލާފައި ވިދާޅުވި އެވެ. ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯއެއް އެބައޮތެވެ. މި ވީޑިއޯ ވާނީ މިއަދު ބައްލަވާށެވެ. ވީޑިއޯ އަޅުވާލެވިއްޖެ އެވެ. އައިޖީއެމް ހޮސްޕިޓަލުގެ ކައުންޓަރެއްގެ މަތީގައި ހުރި މޮނިޓަރު ނަގައިގެން އެ ގެންދަނީ ދެވަނަ މީހެއް ނޫނެވެ. އަޅުގަނޑުމެންގެ މުވައްކިލެވެ. އެ މަންޒަރު ކެމެރާއަށް ރައްކާ ކުރެވިފައި އޮތީ ލޮލު ހާލު ދެރަ މީހަކަށްވެސް ރަނގަޅަށް ފިލާނޭހާ ސާފުކޮށެވެ. ފަނޑިޔާރު ނިކަން ހިނިއައިސްފައި ވިދާޅުވި އެވެ. ވަކީލު އިތުރު ވާހަކައެއް އެބައޮތްހެއްޔެވެ؟ "އާނނނ..އާނނނނ. އަނެއްމީ... އާދެ... އިތުރު ވާހަކައެއްނެތް ވަރަށްބޮޑަށް ޝުކުރިއްޔާ އިއްޒަތްތެރި ގާޒީ" އޭ ވިދާޅުވެ ވަކީލު އިށީންނެވީ އެވެ. ޝަރީއަތުން ބޭރަށް ނުކުމެވެންދެން އެއްވެސް މީހަކާ ހަތަރުކަޅި ހަމައެއް ނުކުރެ އެވެ. މުވައްކިލު ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފައިވާތީ ހަމަ އެދުވަހު މައްސަލައިން ތަނާޒުލުވެސް ވީ އެވެ. ތަނާޒުލުވާން އެދޭ ފޯމުގައި ސޮއިކުރެއްވިއިރު ވަރަށް ރުޅި އައިސްފައި "މިއިން ** އަކު ކިޔާ އެއްޗެއް ހަމަ އެއްގޮތަކަށް ގަބޫލުކުރަން ހެޔޮނުވާނެޔޭ" ބުނި ހަނދާން ވެއެވެ.

----

ޝަރީއަތުގައި ވާހަކަ ދައްކާއިރު، ކޮންމެ ފަރާތަކުން ވާހަކަ ދެއްކި ނަމަވެސް، 'އަޅުގަނޑު' އޭ ކިޔުމުގެ ބަދަލުގައި ބޭނުންކުރާނީ ހައިސިއްޔަތެވެ. ދައުލަތުގެ ވަކީލު ބުނާނީ 'ދައުލަތުން ދެކޭ ގޮތަކީ' ނުވަތަ 'ދައުލަތުން އެދެނީ' މިފަދަ ގޮތަކަށެވެ. ހަމަ އެގޮތަށް ފަނޑިޔާރު ވިދާޅުވާނީ 'ޝަރީއަތުން މި ކަނޑައަޅަނީ' ނުވަތަ 'ޝަރީއަތުގެ ނިންމުމަކީ' މިކަހަލަ ގޮތަކަށެވެ.

އަޅުގަނޑުމެން ޕީޖީ އޮފީހުގައި އުޅުނު ދުވަސްވަރު މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ވަކާލާތުކުރުމަށް ވަރަށް ގިނައިން ރާއްޖެތެރެއަށް ދަތުރުކުރަންޖެހެ އެވެ. މިއީ މިގޮތަށް ކުރި ދަތުރަކަށްފަހު އެ ދަތުރު ވަޑައިގެންނެވި ވަކީލު ކިޔައިދެއްވި ވާހަކައެކެވެ. ޝަރީއަތުގެ އަޑުއެހުމުގައި މި ވަކީލު 'ދައުލަތުގެ ދައުވާއާއި' 'ދައުލަތުން ހުށަހަޅާ ހެކިތަކާއި' 'ދައުލަތުން އެދޭ ގޮތް' ހުށަހަޅުއްވަނީ އެވެ. މެޖިސްޓްރޭޓުވެސް ސުވާލު ކުރައްވަނީ 'ދައުލަތުން ކީކޭތޯ ވިދާޅުވަނީ؟" ނުވަތަ 'ދައުލަތުން ކިހިނެއްތޯ ދެކެނީ' ފަދަ އިބާރާތްތަކުންނެވެ. އަޑުއެހުން ނިންމާލައި ހަވީރު ވަގުތު މި ވަކީލު ރަށުތެރެ ބަލާލަން ނުކުމެއްޖެ އެވެ. އިއްތިފާގަކުން އެއްކަލަ މައްސަލައިގެ ދައުވާ ލިބޭ މިހާއަށް ވަކީލު ފެނިއްޖެ އެވެ. މާ ދުރުގައި ހުރެގެން އަޑުހަރުކޮށް 'ދައުލަތް ފިނިބުރު ޖަހަނީތޯ' އޭ ގޮވާލި އެވެ. ޝަރީއަތުގައި ނަން ބޭނުންކުރިގޮތުން މި މީހަކަށް ވިސްނިފައި އޮތީ 'ދައުލަތް' އެއީ މި ވަކީލުގެ ނަން ކަމުގަ އެވެ. ވަކީލު އެނބުރި މާލެއައީވެސް އޭނާގެ އެ އޮޅުން ފިލުވައިނުދީ އެވެ.

----

މެދުރާއްޖޭތެރޭގެ ރަށެއްގެ ކޯޓުގައި އޮތް މައްސަލައެކެވެ. ދައުވާއަކީ ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ ބިނާކޮށްފައި އޮތީ މައްސަލައިގައި ހިމެނޭ ދެމީހުން ދީފައި އޮތް ބަޔާނުގެ މައްޗަށެވެ. އަންހެންކުއްޖާ އޭނާގެ މައިންބަފައިންގެ ގެއިން ނުކުމެގެން ގޮސް ދިރިއުޅެމުން ގެންދިޔައީ އޭރު ރައްޓެހިވެގެން އުޅުނު ފިރިހެން ކުއްޖާގެ ގޭގަ އެވެ. ބަޔަކު މި މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގެއް ހިންގައި ދައުވާކުރަން ފޮނުވީމާ އޭރު ބަންޑާރަނައިބުގެ އޮފީހުގެ ޖިނާއީ މައްސަލަތަކުގައި ދައުވާކުރާ ބަހާއިން ދައުވާ އުފުލީ އެވެ.

ޝަރީއަތް ކުރާ ކޮޓަރިއަށް ވަނުމުގެ ކުރިން އަޅުގަނޑުގެ ކަންފަތްދޮށުގައި ފަނޑިޔާރު ބުންޏެވެ. މި ދެމީހުންނަށް ވާންމިއުޅެނީ ހާދަހާ ދެރަގޮތެކެވެ. މިއީ ތިމަންނައާ ދުރުތާ ތިމާގެ ބަޔެކޭ މިހާރު އެ ދެކުދިން އުޅެނީ ކައިވެނިވެސް ކޮށްގެންނެވެ. އަންހެންމީހާ ބަނޑުބޮޑެވެ. ދައުވާގައި އެ ބުނާ ބަދުއަހުލާގީ އަމަލު ހިންގިއިރުވެސް އެ ދެމީހުންނަކީ އުމުރުން އަށާރަ ފުރިފައިތިބި ބޮޑެތި މީހުންނޭ މިއީ މި ދެމީހުންގެ ގުޅުން ކައިވެންޏާ ދިމާލަށް ދިޔަ މަގުމަތީގައި ހިނގާފައި އޮތް ކަމެކޭވެސް ބުނެލި އެވެ. އެހެންނޫނަސް މިއީ ދެން މިހާރު ރައްޓެހިވެގެން އުޅޭ ހުރިހާ ކުދިންވެސް ކޮށްއުޅޭ، އާދައިގެ ކަމެއް ނޫންހޭވެސް ބުނެލި އެވެ. އޭރުގެ ހާލަތުން އެ ވާހަކަ ދޮގު ކުރާކަށް އަޅުގަނޑަކަށް ނުކެރުނެވެ. އެކަމަކު އެއްބަހެއްވެސް ނުވަމެވެ.

ޝަރީއަތް ފެށުނުއިރަށް ފަނޑިޔާރު، އޭނާގެ ސެކްރެޓަރީއަށް ގޮވާލައި އެބަ ބުނެ އެވެ. އެކޮއި އިހަށް ބޭރަށް ނުކުމެލާށެވެ. އޭނާ ނުކުތުމުން އަޅުގަނޑު ގާތުގައި ބުންޏެވެ. އެއީ މަގޭ ދަރިއެކެވެ. ދަރިންގެ ކުރިމަތީގައި ތިޔަކަހަލަ ދައުވާއެއް އަޑުއަހަން ކެރޭ ހެއްޔެވެ. ދެން ޝަރީއަތް ފެށި އެވެ.

ފަނޑިޔާރުގެ އިޒުނަ ލިބި އަޅުގަނޑު ދައުވާ އިއްވުމުން ދެ މީހުންވެސް ދައުވާއަށް ކުރީ އިންކާރެވެ. ދޮގު ދައުވާއެއް ކަމަށްވެސް ބުނެފި އެވެ. އެ ދެމީހުން ތަހުގީގަށް ދީފައިވާ ބަޔާނުގެ އިތުރުން އިތުރު ހެއްކެއްް ނެތެވެ. ފަނޑިޔާރު ބުންޏެވެ. އެ ދެމީހުން ތަހުގީގަށް ދީފައިވާ ބަޔާން އިއްވާށެވެ. އަޅުގަނޑު ބަޔާން އިއްވަން ފެށީމެވެ. މި ބާވަތުގެ މައްސަލަތަކުގައި ފުލުހުންގެ ތަހުގީގުވެސް ހާދަހާ ފުރިހަމައޭ ހިތަށް އެރި އެވެ. ސިފަކުރުންތަކާއި ބުނެދިނުންތައް ތަފްސީލުވެފައި އިބާރާތްކުރުންވެސް ރީއްޗެވެ. ތަނުގެ އަލިކަން ހުރި މިންވަރާއި ދެމީހުން ކުރެ ކޮންމެ މީހެއްގެ އަތާއި ހަށިގަނޑުގެ ކުދިކުދި ހަރަކާތްތައްވެސް ބަޔާނަށް ތިރިކޮށްލެވިފައި އޮތީ ތަހުގީގު ކުރެއްވި ބޭކަލުން އެކަމަށް ލައްކަ ޝައުގަކާއި ސަމާލުކަންދީ ލައްކަ ވަގުތު ހޭދަކޮށްގެންނޭ ހިތަށް އެރި އެވެ.

ބަޔާން އަޑުއަހަން ފަނޑިޔާރުވެސް އިންނެވީ އެހާމެ ޝައުގުވެރިކަމާއެކުގަ އެވެ. އެއް ބަޔާން ނިމުނުއިރަށް ފަނޑިޔާރު ވިދާޅުވި އެވެ. އަނެއް ބަޔާންވެސް އިއްވާށެވެ. ދެ ބަޔާނުގައިވެސް ހުރީ ހަމަ އެއް ވާހަކަތަކެކޭ ބުނެ ދެވަނަ ބަޔާން ނުކިޔުމަށް އަޅުގަނޑު މަސައްކަތްކުރީމެވެ. ފަނޑިޔާރާއި ދައުވާލިބޭ މީހުން ބަޔާން އަޑުއަހަން ތިބެނީ އިށީނދެގެން، މޭޒާ ނިވާވެގެންނެވެ. އަޅުގަނޑު ހުންނަންޖެހެނީ މޭޒު ކައިރީގައި ކޮޅަށެވެ. އެގޮތަށް ހުރެ އަޑުހަރުކޮށް އެކަހަލަ ބަޔާނެއް އިއްވަންޖެހޭއިރު އަޅުގަނޑަކީވެސް ހެޔޮ ސިއްހަތުގައި ހުރި އިންސާނެކެވެ. ޝަރީއަތުގައި ދެން ތިބި މީހުންގެ ނަޒަރު ހިންގަފާނޭ ދިމާލެއް އެނގެނީއަކީއެއް ނޫނެވެ. އެހެންވެ ދެވަނަ ބަޔާން ނުއިއްވަން މަސައްކަތް ކުރީމެވެ. އެކަމަކުވެސް ފަނޑިޔާރުގެ އަމުރާއެކު އެ ބަޔާންވެސް ޖެހުނީ އިއްވާށެވެ.

ބަޔާން އިއްވައި ނިމުމުން އެ ބަޔާނުގައި ހުރި ވާހަކަތަކާ ގުޅޭގޮތުން ދެ މީހުންނާ ސުވާލުކުރި އެވެ. ދެ މީހުން ދިނީ އެއްޖަވާބެކެވެ. އެ ބަޔާނުގައި އެވަނީ ކަންހިނގައިދިޔަ ގޮތަށް ހަގީގަތަށެވެ. އަދި ބަޔާނުގައި އެވަނީ ދެމީހުންގެ ސޮޔާއި އިނގިލީގެ ނިޝާންކަމަށްވެސް ބުނެއްޕެވެ. ފަނޑިޔާރު ހައިރާންވެ ސުވާލުކުރި އެވެ. ބަލަގަ ބަޔާނުގައި ހުރި ވާހަކަތަކުގައި އެ ކިޔައިދެނީ ބަދުއަހުލާގީ އަމަލު ހިންގަން ކުރި ކަންކަމުގެ ވާހަކަ ނޫންހެއްޔެވެ؟ ދައުވާއަކީ ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް އިންކާރުކުރާއިރު އެ ބަޔާނަކީ ކަންހިނގައިދިޔަ ގޮތަށް ދިން ބަޔާނެއް ކަމަށް ބުނީމާ އެކަން ހަމަޖެހެނީ ކިހިނެއް ހެއްޔެވެ؟ އެކަމާ ބުނާނޭ އެއްޗެއް އެ މީހުންކުރެ މީހަކަށް ނޭނގުނެވެ.

އެ އަޑުއެހުމުގައި އެ މައްސަލަ ނުނިންމަ އެވެ. ފަހުން މައުލޫމާތު ލިބުނުގޮތުގައި ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ގެނައީ އެވެ. އެއީ އެ ދެމީހުން ކައިވެނިކޮށްގެން އުޅޭކަމާއި، އަންހެންމީހާ ބަނޑުބޮޑުކަމަށްވާތީ އެކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ކަމަށް ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox