މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ކުލަބް ވެމްކޯ އާއި ޕޮލިސް ކުލަބުން ކުޅުނު ދެ ވަނަ މެޗު ވެސް ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފި އެވެ.
ވެމްކޯ އަކީ މި މުބާރާތުގެ އެންމެ ފަހުން ތިން ފަހަރު ވެސް ޗެމްޕިއަންކަން ހޯދި ޓީމެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ވެމްކޯ އިން މިއަދު ހަވީރު ކުޅުނު މެޗުގައި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 18-7, 18-12 އަދި 18-5 އިންނެވެ.
އިއްޔެ ހަވީރު ޕޮލިސް ކުލަބުން ކުޅުނު މެޗުވެސް އެ ޓީމުން ވަނީ ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފަ އެވެ. ގުޑީސް ސްޕޯޓްސް ކުލަބްގެ މައްޗަށް ޕޮލިހުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 18-12, 18-13 އަދި 18-08 އިންނެވެ.
އިއްޔެ އެންމެ ފޯރިގަދަކޮށް ދިޔަ މެޗަކީ އަސްދިގަ ސްޕޯޓްސް ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗެވެ. މި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު އަސްދިގަ އިން ކާމިޔާބުކުރީ 18-15 އިންނެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓުގައި އަސްދިގަ އަށް މާކަ އެދެވޭ ކުޅުމެއް ނުދެއްކި ސެޓުތައް އަތުން ދޫވީ އެވެ. ޖެހިގެން އައި ތިން ސެޓު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ކާމިޔާބުކުރީ 18-11, 18-13 އަދި 18-12 އިންނެވެ.













