މިއުނިކް (ޖުލައި 10) - ސޯޅަ އަހަރުގެ ލަމީން ޔަމާލް ޖެހި ތާރީހީ ގޯލާ އެކު، ސްޕެއިނުން 2-1 އިން ފްރާންސް ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަަތަަމަ ޖާގަ ހޯދައިފި އެވެ.
ސްޕެއިނުން މި ފަހަރުގެ ޔޫރޯގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެފައިވާއިރު، މިއީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، މި މުބާރާތުގެ ފައިނަލަށް ޓީމެއް ދާ ފުރަތަމަ ފަހަރެެވެ. ފައިނަލުގައި ސްޕެއިން ކުޅޭނީ ސެމީގައި ނެދަލެންޑްސް އާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެެވެ.
ތިން ފަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދާފައިވާ ސްޕެއިން މި ފަހަރު ފައިނަލަށް ދަތުރުކޮށްފައި މި ވަނީ 12 އަހަރަށް ފަހު އެވެ. ސްޕެއިން ވަނީ 2012 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ އިޓަލީ ބަލިކޮށްފަ އެވެ.
މިއުނިކްގެ އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނަށް ލީޑުނަގައިދޭން ފަބިއަން ރުއީޒް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ޔަމާލް ނަގައިިދިން ހުރަހަކަށް އޭރިއާތެރެއިން އަރައި ރުއީޒް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ސްޕެއިނުން ފުރުސަތު ނަގާލުމުގެ ނަތީޖާ ފެނުނީ ހިތިކޮށެވެ. އެއީ، ފްރާންސުން ވަނީ ލިބުނު ފުރުސަތުގައި ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި މި ލަނޑު ޖެހީ، ރަންޑަލް ކޯލޯ މުއާނީ އެވެ. މިއީ، ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ނެގި ހުރަހަކުން މުއާނީ ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، އެމްބާޕޭ ޖެހި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ.

ސްޕެއިންގެ ޔަމާލް (މ) ފްރާންސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--
އަލުން މެޗުގެ ތެރެއަށް ވަންނަން ސްޕެއިނަށް ބޮޑު ހިތްވަރެއް ލިބުނީ، 21 ވަނަ މިނިޓްގައި ޔަމާލް ޖެހި ހިތްގައިމު ގޯލުންނެވެ. އޭރިއާބޭރުން ޔަމާލް ޖެހި ޝޮޓް ގޯލަށް ވަނީ ފްރާންސްގެ ކީޕަރު މައިކް މައިންގްނޯން އަތްމަތިން ގޮސް ދަނޑީގައި ޖެހިފަ އެވެ.
މިއީ، 16 އަހަރުގެ ޔަމާލް ޔޫރޯގައި ޖެހި ފުރަތަމަ ގޯލެވެ. އޭނާ އަކީ ޔޫރޯގެ ތާރީހުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ. އަދި ޕެލޭ އަށް ފަހު، ބައިނަލްއަގުވާމީ މުބާރާތެއްގެ ސެމީގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ ވެސް މެ އެވެ.
ނަތީޖާ ހަމަހަމަކުރުމަށް ފަހު ސްޕެއިނުން މަޑެއް ނުކުރެ އެވެ. އެޓޭކް އިތުރަށް ރަނގަޅުކޮށް ހަތަރު މިނިޓް ތެރޭ އިތުރު ގޯލެއް ޖަހައި ނަތީޖާ އަނބުރާލި އެވެ. މިއީ، މެޗުގެ 24 ވަނަ މިނިޓްގައި، ޑެނީ އޮލްމޯ ޖެހި ގޯލެކެވެ. އޮލްމޯ ޖެހި ބޯޅަ ގޯލަށް ވަނީ ފްރާންސްގެ ފުލްބެކް ޖޫލްސް ކޫންޑޭ ފައިގައި ޖެހިފަ އެވެ.
އޮލްމޯ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ، އެންމެ ފަހުން ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ޕެޑްރީ ގޮންޒާލޭޒަށް ޔޫރޯ ނިމިފައިވާތީ އެވެ. އޮލްމޯ އަކީ 2012 ވަނަ އަހަރުގެ ޔޫރޯގައި ޑޭވިޑް ސިލްވާ އަށް ފަހު، އެއް މުބާރާތުގައި ތިން ގޯލު ޖަހައި، ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރި ކުޅުންތެރިޔާ އެވެ.

ލަނޑު ޖެހުމަށް ފަހު އޮލްމޯ އުފާފާޅުކުރަނީ.
ފްރާންސުން ދެ ވަނަ ހާފުގައި ކުރިއަށް ޖެހިގެން ކުޅެ ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެ ގޮތުން، ފްރާންސްގެ އޮސްމާން ޑެމްބެލޭ ނެގި ހުރަހެއް، ސްޕެއިނުގެ ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ.
ނަތީޖާ ހަމަހަމަކުރަން ފްރާންސުން އެންމެ ހުސް ފުރުސަތު ލިބުނީ ތެއޯ ހެނާންޑޭޒް އަށެވެ. ސްޕެއިން އޭރިއާތެރޭގައި ހުސްކޮށް ހުރުމަށް ފަހު ހެނާންޑޭޒް ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ސްޕެއިނަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ޔަމާލް، އޭރިއާބޭރުން މި ފަހަރު ޖެހި ބޯޅަ ގޯލާާ ސީދާވާގޮތެއްނުވި އެވެ.
އޭގެ ފަހުން، ސްޕެއިންގެ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި، އެމްބާޕޭ އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.
މިރޭގެ މެޗުގެ ކުރިން، އެންމެ ފަހުން މި ދެ ޓީމު ކުޅުނީ 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގަ އެވެ. އެ މެޗުން، ފްރާންސް ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. ސްޕެއިން މި ވަނީ، މިރޭ ފްރާންސް އަތުން ފަހަތުން އަރައި މޮޅުވެ، ބަދަލުހިފައިފަ އެވެ. މިއީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސްޕެއިނުން ފްރާންސް ބަލިކުރި 17 ވަނަ މެޗެވެ.












