މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފި އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި މިފްކޯއިން ވަކިކުރީ ކިތައް މުވައްޒަފުން ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
ނަމަވެސް، އަދަދު ނޫހާ ވާހަކަ ދެއްކި މިފްކޯގެ ބައެއް މުވައްޒަފުން ބުނީ ވަކިކުރީ ކޫއްޑޫގައި ވަޒީފާ އަދާކުރާ މުވައްޒަފުން ކަމަށާއި، މިހާތަނަށް ވަކިކުރި މުވައްޒަފުންގެ އަދަދު 30 އަށް ވުރެ ގިނަ ވާނެ ކަމަށެވެ.
"ވަކިކުރަނީ ވަޒީފާއަށް ފަރުވާ ކުޑަކޮށްފިއޭ ކިޔާފައި. ނަމަވެސް ހާޒިރީއަށް ރަނގަޅު ބައެއް ސްޓާފުން ވެސް ވަކިކޮށްފައި އެބަ ހުރި،" އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) މިއަދު ވިދާޅުވީ މިހާތަނަށް ވަޒީފާއިން ވަކިކުރީ ކޫއްޑޫން އެކަނި ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި، ކުންފުނީގެ އެހެން ބައިތަކުން ވެސް މުވައްޒަފުން މަދުކުރާނެ ކަމަށެވެ.
ވަޒީފާއިން ވަކިކުރަނީ ހަޒިރީއަށް ފަރުވާ ކުޑަ، ވާނުވާ ނާންގައި ގިނަ ދުވަސްތަކެއް ވަންދެން ހާޒިރު ނުވާ މުވައްޒަފުން ކަމަށް އިބްރާހިމް ސައީދު ވިދާޅުވިވި އެވެ.
"ވަކިކޮށްފައިވާނީ އޮންނަ އުސޫލާއި ގަވާއިދުގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
މާލީ ތާށިކަމުގެ ސަބަބުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފެށުމަށް، ފިނޭންސް މިނިސްޓްރީން ކެބިނެޓަށް ކަރުދާހެއް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެ ކަރުދާސް ފާސްކޮށް، ތަންފީޒުކުރާކަން އިއުލާނެއް ނުކުރެ އެވެ.
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރާއިރު، އިންތިހާއަށް ގިނަވެފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު މަދެއް ނުވެ އެވެ.،










