ބާލިން (ޖުލައި 8) - ޓޯނީ ކްރޫސްގެ ޓެކަލް އަކުން ލިބުނު އަނިޔާއަކާ ހެދި ޔޫރޯ ފުޓްބޯޅަ މުބާރާތް އޭނާ އަށް ނިމުނު ކަމުގައި ވިޔަސް ކްރޫސާ މެދު ހިތްބުރަ ކަމަށް ސްޕެއިނުގެ މިޑްފީލްޑަރު، ޕެޑްރީ ގޮންޒާލޭޒް ހާމަކޮށްފި އެވެ.
އަނިޔާގެ ސަބަބުން ނުކުޅެވުނަސް، ޕެޑްރީ، 21، ޓީމާ އެކު މަޑުކުރަން ވަނީ ނިންމައިފަ އެވެ.
ޕެޑްރީ އަށް ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ކުރި ފައުލަކަށް ރެފްރީ، އެންތަނީ ޓޭލާ ރީނދޫ ކާޑެއް ނުދެއްކުމުން، ސްޕެއިނުގެ ކުޅުންތެރިންނާއި ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ، ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ. ކްރޫސްގެ އެ ފައުލުން، ލިބުނު އަނިޔާއާ ހެދި ޕެޑްރީ ވަނީ އަށް ވަނަ މިނިޓްގައި ބަދަލުކޮށްފަ އެވެ.
އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްގެ ނަތީޖާ އިން އެނގޭގޮތުގައި ޕެޑްރީގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ހެދި މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެެވެ.
ކްރޫސް ވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ޕެޑްރީ ކިބައިން މައާފަށް އެދިފަ އެވެ. އެ އަށް ޖަވާބު ދެމުން ޕެޑްރީ ބުނެފައިވަނީ، ކްރޫސްގެ މެސެޖަށް ޝުކުރު އަދާކުރާ ކަމަށާއި ފުޓްބޯޅައިގައި މި ކަހަލަ ކަންތައްތައް ކުރިމަތިވާ ކަމަށެވެ. އަދި ކްރޫސްގެ ކާމިޔާބު ކެރިއަރާއި ރެކޯޑްތައް އަބަދަށް ދެމި އޮންނާނެ ކަމަށެވެ.
ޕެޑްރީ ބުނީ، އޭނާ ޖަރުމަނަށް އައީ ސްޕެއިން ޓީމާ އެކުގައި ކަމަށާއި އެއީ ބޮޑު އުންމީދަކާ އެކުގައި ކަމަށެވެ. އަދި ކޮންމެ ކަމެއް މެދުވެރިވިޔަސް ޓީމާ އެކު ހުންނަން ބޭނުންވާ ކަމަށް ޕެޑްރީ ވަނީ ބުނެފަ އެވެ.
"މި ޓީމަކީ އެއް އާއިލާއެއް. އަހަރެންނަށް ކުރެވުނު ގޮތަކަށް ޓީމަށް އެހީތެރިވެދޭން ހުންނަން ބޭނުން. އަހަންނަށް މި ދިމާވި ކަންތަކުގައި ވެސް ސްޕެއިނުގެ އެންމެންގެ ސަޕޯޓް ލިބުނު، އުނދަގޫ ކަންތައް މިހާރު ތަހައްމަލު ކޮށްފިން، ދެން އޮތީ ފިޓްވެގެން އެނބުރި އައުން، މި ވަގުތު ހުރިހާ ފޯކަސް އަކީ ދަނޑުބޭރުގައި ހުރެގެން ޓާގެޓަށް ދާން ސްޕެއިނަށް އެހީވުން،" ޕެޑްރީ ބުންޏެވެ.
ސެމީ ފައިނަލުގައި މާދަމާރޭ ސްޕެއިން ކުޅޭނީ ފްރާންސާ ދެކޮޅަށެވެ.












