ސްޓުޓްގާޓް (ޖުލައި 6) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ސްޕެއިން އަތުން 2-1 އިން ބަލިވެ، ޖަރުމަނު މުބާރާތުން ކެޓުމާ އެކު، ޓޯނީ ކްރޫސް ފުޓްބޯޅައިން ރިޓަޔާކޮށްފައިވާއިރު، ފަހު މެސެޖެއްގެ ގޮތުގައި ޖަރުމަނުގައި މިހާރު އޮތް ޓީމާ މެދު އުންމީދު ކަނޑައިނުލުމަށް އެދިއްޖެ އެވެ.
ކްލަބް ކެރިއަރުގެ ފަހު މެޗުގައި، ކްރޫސް ވަނީ ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ގައުމީ ޓީމުގެ ކެރިއަރު ނިންމާލަން އޭނާ އަމާޒުހިފާފައި އޮތީ، ޔޫރޯ ކާމިޔާބުކޮށްގެންނެވެ. އެކަމަކު، އެ ހުވަފެން ނިމުމަކަށް އައީ ކުއާޓާ ފައިނަލުން ކެޓުމުންނެވެ.
"މި ވަގުތު ކުރެވޭ އިހުސާސަކީ މި މުބާރާތް އަހަރެމެންނަށް މި އޮތީ ނިމިފައޭ. އަހަރެމެން ކާމިޔާބު ހޯދަން ދެކުނު ހުވަފެނާއި އުންމީދުތައް ފުނޑުފުނޑުވެއްޖެ،" ކްރޫސް ބުންޏެވެ.
"އަހަރެންގެ އުފަަލަކީ މި ޓީމާ މެދު މީހުންގެ އިތުބާރު އޮތުން. އަހަރެން ދޭން ބޭނުންވާ މެސެޖަކީ، ޖަރުމަނުގެ ފުޓްބޯޅައާ މެދު އުންމީދު ދޫކޮށްނުލާށޭ،"
ރޭގެ މެޗުގައި އިނގިރޭސި ރެފްރީ، އެންތަނީ ޓޭލާ ވަނީ 16 ރީނދޫ ކާޑު ދައްކައިފަ އެވެ. ސްޕެއިނުގެ ޑެނީ ކާވަހާލް އަށް ދެ ރީނދޫ ކާޑު ދެއްކުމަށް ފަހު ރަތް ކާޑެއް ދެއްކިއިރު، ކްރޫސް އަށް ވެސް ދެ ރީނދޫ ކާޑު ދައްކާހާ ގިނަ ފައުލު އޭނާކޮށްފައިވެ އެވެ.
ކްރޫސް ބުނީ، މިއީ އެންމެ ހޫނުވެގެންދިޔަ މެޗު ކަމަށް ނުދެކޭ ކަމަށެވެ.
ޖަރުމަނުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި، ކްރޫސް ޖަރުމަނު ޓީމުން ރިޓަޔާ މި ކުރީ ދެ ވަނަ ފަހަރަށެެވެ، މީގެ ކުރިން، އެއް ފަހަރު ރިޓަޔާކުރުމަށް ފަހު، މި ފަހަރުގެ ޔޫރޯއާ ދިމާކޮށް އެނބުރި ޓީމަށް އައީ ކާމިޔާބު ހޯދޭތޯ އެވެ.
ބަޔާން މިއުނިކާއި ބަޔާ ލެވަކޫސަނަށް ކުޅުނު ކްރޫސް، މިހާރުގެ ކްލަބް، ރެއާލަށް ބަދަލުވީ، 2014 ވަނަ އަހަރު ޖުލައި މަހުގަ އެވެ. ބަޔާނާ އެކު، 10 ތަށި އުފުލާލި ކްރޫސް ވަނީ ރެއާލަށް ބަދަލުވުމަށް ފަހު އެ ޓީމާ އެކު، 21 ތަށި ކާމިޔާބުކޮށްފަ އެެވެ. އޭގެ ތެރޭގައި، ޗެމްޕިއަންސް ލީގު، ފަސް ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކުރުން ހިމެނެ އެވެ.
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ، އޭނާގެ ޓީމުން ކުރި ހިތްވަރަށް ބަލާއިރު އެ ގޮތަށް ކަޓައިގެންދިއުމަކީ އެންމެ ރަނގަޅަށް ހިނގި ކަމެއް ނޫން ކަމަށެވެ. އަދި ކަންތައްތައް ދިޔަ ގޮތުން، ލޮލުން ކަރުނަ އައުން އަވަހަކަށް ނުހުއްޓޭނެ ކަމަށް ވެސް ޔޫރޯގެ ތާރީހުގައި ފެނިގެންދިޔަ އެންމެ ޒުވާން ކޯޗު، 36 އަހަރުގެ ނާގަލްސްމަން ވަނީ ބުނެފަ އެވެ.












