ސްޓުޓްގާޓް (ޖުލައި 5) - އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން، 2-1 އިން ޖަރުމަނު ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ސްޕެއިނުން ތާރީހީ ކާމިޔާބެއް ހޯދައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ، ސްޕެއިނުން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ފީފާ ވޯލްޑް ކަޕްގައި މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މުބާރާތް ބާއްވާ ގައުމެއް ކުއާޓާ ފައިނަލުން ކެޓި ފުރަތަމަ ފަހަރެވެ.
ސްޓުޓްގާޓް އެރީނާގައި މިރޭ ކުޅުނު މެޗު ފަށައިގެން 53 ސިކުންތު ތެރޭގައި، ސްޕެއިނުން ލަނޑު ޖަަަހަން ރަނގަޅު ފުރުސަތެއް ހޯދި އެެވެ. އެ ގޮތުން، ޖަރުމަނުގެ އޭރިއާތެރެއިން ސްޕެއިނުގެ ކެޕްޓަން، އަލްވާރޯ މޮރާޓާ އެ ޓީމުގެ މިޑްފީލްޑަރު، ޕެޑްރީ ގޮންޒާލޭޒަށް ދިން ބޯޅަ އޭނާ އެއް ފަަހަރުން ފޮނުވާލިއިރު، ޖަރުމަނުގެ ކީޕަރު، މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.
އެ ފުރުސަތު ގެއްލުނުތާ އިރުކޮޅެއް ފަހުން، ޕެޑްރީ އަށް ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ކުރި ފައުލަކަށް ރެފްރީ، އެންތަނީ ޓޭލާ ރީނދޫ ކާޑެއް ނުދެއްކުމުން، ސްޕެއިނުގެ ކުޅުންތެރިންނާއި ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ، ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ.
ކްރޫސްގެ އެ ފައުލުން، ލިބުނު އަނިޔާއާ ހެދި ޕެޑްރީ ވަނީ އަށް ވަނަ މިނިޓްގައި ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ޑެނީ އޮލްމޯ އެވެ.

ކްރޫސް (ވ) މިރޭގެ މެޗުގެ ތެރެއިން ޕެޑްރީ އަށް ކުރި ފައުލާ ގުޅިގެން އޭނާ ވެއްޓެނީ: ޕެޑްރީ ވަނީ މި ފައުލުން ލިބުނު އަނިޔާއަކާ ހެދި ބަދަލުކޮށްފައި.
އޭގެ ފަހުން، ގިނަ ފައުލުތަކަށް ރެފްރީ ޓޭލާ ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.
ފުރަތަމަ ހާފުގައި ސްޕެއިނުގެ އެޓޭކަރުން ދުރުން ޝޮޓް ޖަހައިގެން ގޯލެއް ޖެހޭތޯ ބެލިއިރު، ސްޕެއިނުގެ ނީކޯ ވިލިއަމްސް އާއި ފަބިއަން ރުއީޒް އަދި އޮލްމޯ ޖެހި ޝޮޓްތައް ކީޕަރު ނޯޔާ ހިފެހެއްޓި އެވެ.
ޖަރުމަނުން ވެސް ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި ކައި ހަވާޓްޒް އަށް ރަނުގެ ދެ ފުރުސަތު ލިބުނެވެ. އެ ގޮތުން، ޖަރުމަނުގެ ފުލްބެކް، ޔޯސުއާ ކިމިކް ނެގި ހުރަހަކަށް އޭރިއާތެރެއިން ހުސްކޮށް އަރައި، ހަވާޓްޒް ބޮލުން ޖެހި ބޯޅަ ސްޕެއިނުގެ ކީޕަރު، އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ ފަހުން، ޖަރުމަނުގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ މަތިން، ސްޕެއިންގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައަކަށް އަރައި ހަވާޓްޒް، ކޮންޓްރޯލް ކުރުމަށް ފަހު ޖެހި ޝޮޓް ކީޕަރު ސިމޯން ވަނީ އަތަށް ނަގައިފަ އެވެ.
ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ސްޕެއިނަށް ނުހިފެނުނު ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން، ހަ މިނިޓް ތެރޭ ލަނޑު ޖަހައި ލީޑުނެގި އެެވެ. މި ގޯލު ޖެހީ މެޗުގެ 51 ވަނަ މިނިޓްގައި، ސްޕެއިންގެ 16 އަަހަރުގެ ވިންގް، ލަމީން ޔަމާލް ދިން ބޯޅައަކުން އޮލްމޯ އެވެ. އޮލްމޯ އަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.
މިއީ މި ފަަހަރުގެ ޔޫރޯގައި ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ސްޕެއިނުން ޖެހި ތިން ވަނަ ލަނޑެވެ.

ސްޕެއިނުގެ ޔަމާލް (ވ) ޖަރުމަނުގެ މުސިއާލާ ކައިރިން ބޯޅަ ހިފައިގެންދަނީ.
ބަދަލަކަށް ކުޅެން އެރި ޖަރުމަނުގެ ފޯވާޑް، ނިކްލަސް ފުލްކްރޫގް މެޗުގެ 76 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. ބަދަލަކަށް ކުޅެން އެރި، ޖަރުމަނުގެ ވިންގް، ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން ވެއްޓިގެންފައި ފުލްކްރޫގް ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 81 ވަނަ މިނިޓްގައި، ސްޕެއިންގެ ކީޕަރު ސިމޯން ހެދި ގޯހެއްގެ ފައިދާނަގައި، ހަވާޓްޒް އަށް ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ސިމޯން ގޯލު ކުރިމަތިން ފޮނުވާލި ބޯޅަ ހަވާޓްޒް ހޯދުމަށް ފަހު، ސިމޯން ކުރިއަށް އެރި ވަގުތު ބޯމަތިން ގޯލަށް ބޯޅަ ފޮނުވާލަން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ނަތީޖާ ހަމަހަމަކުރަން ފުލުފުލުގައި ޖަރުމަނުން ކުރަމުން އައި މަސައްކަތް ކާމިޔާބުކުރީ މެޗު ފުރިހަމަ ވަގުތު ހަމަވާން އެއް މިނިޓަށް ވެފައި ވަނިކޮށެވެ. މިއީ، 89 ވަަނަ މިނިޓްގައި ވާޓްޒް ޖެހި ގޯލެކެވެ. އޭރިއާތެރެއަށް ދިޔަ ހުރަހަކަށް އަރައި ކިމިކް ބޮލުން ޖައްސާލި ބޯޅަ ވާޓްޒް ވަނީ ގޯލުގެ ދުރު ކަަނަށް ފޮނުވާލައިފަ އެވެ.

ޖަރުމަނުގެ ވާޓްޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިނުގެ މިކޭލް އޮޔާޒަބާލް އޭރިއާބޭރުން ޖެހި ޝޮޓެއް ދަނޑިކައިރިން ދިޔައިރު، ޖަރުމަނުގެ ވާޓްޒް ޖެހި ބޯޅަ ވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި، މުސިއާލާ ޖެހި ޝޮޓެއްގައި ސްޕެއިނުގެ ފުލްބެކް، މާކް ކުކުރޭލާ އަތުގައި ބޯޅަ ޖެހި، ޕެނަލްޓީ އަކަށް ޖަރުމަނުން އެޕީލް ކުރި ނަމަވެސް، ރެފްރީ ޓޭލާ ނިންމީ ޕެނަލްޓީ އެއް ދޭން ނުޖެހޭ ކަމަށެވެ.
އޭގެ ފަހުން، ކިމިކް ހުރަސްކޮށްލި ބޯޅައަކަށް ފުލްކްރޫގް އަރައި، ބޮލުން ގޯލަށް ފޮނުވާލި ހަަަމަލާ ކީޕަރު ސިމޯން ވަނީ މަތަކޮށްފަ އެވެ.
ސްޕެއިން މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ނިމެން ދެ މިނިޓަށް ވަނިކޮށެވެ. މިއީ، 118 ވަނަ މިނިޓްގައި، އޮލްމޯ ނަގައިދިން ހުރަހަކުން މިކޭލް މެރީނޯ ބޮލުން ޖެހި ގޯލެކެވެ.

ސްޕެއިނުގެ މެރީނޯ (ވ) ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ: މިއީ ގައުމީ ޓީމަށް މެރީނޯ ޖަހައިދިން ދެ ވަނަ ގޯލު
އޭގެ އިރުކޮޅެއް ފަހުން، ސްޕެއިނުގެ ފެރާން ޓޮރޭޒަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތުގައި އޭނާ ގޯލު ނުޖެހުނުއިރު، ޖަރުމަނަށް އެއްވަރުކޮށްދީ ޕެނަލްޓީ އަށް ގެންދަން، ފުލްކްރޫގް ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ކުޅުނު އިތުރު ވަގުތުގައި، މުސިއާލާ އެޓޭކަކަށް އަރަނިކޮށް އޭނާ ހުއްޓުވުމުން، ސްޕެއިނުގެ ކާވަހާލް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
ތިން ފަހަރުގެ ޔޫރޯ ތަށި އުފުލާލައިފައިވާ، ސްޕެއިނުން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަަލަށް ގޮސްފައި މި ވަނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ކުޅުނު ފަސް މެޗުން މޮޅުވެގެންނެވެ. ސެމީގައި ސްޕެއިން ކުޅޭނީ ކުއާޓާ ފައިނަލުގައި، ޕޯޗުގަލް އާއި ފްރާންސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.












