މިއުނިކް (ޖުލައި 4) - ޖަރުމަނުގެ ކުރީގެ ކީޕަރު ޔެންސް ލޭމަން، ސްޕެއިން ޓީމަކީ "ޔޫތު ޓީމެއް" ކަމަށް ބުނުމުން، އެ ވާހަކަތަކަށް ސްޕެއިންގެ 16 އަހަރުގެ ފޯވާޑް ލަމީން ޔަމާލް ރައްދުދީފި އެެވެ.
އަންނަ ހުކުރު ދުވަހު، މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ސްޕެއިނުން ކުޅޭނީ ޖަރުމަނާ ދެކޮޅަށެވެ.
މި މެޗުގެ ކުރިން ސްޕެއިނާއި ޖަރުމަނުގެ ކުރީގެ ކުޅުންތެރިން އަންނަނީ އަމިއްލަ ހިޔާލުގައި ގިނަ ވާހަކަތަކެއް ދައްކަމުންނެވެ.
އެ ގޮތުން، ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު، ލޭމަން ބުނެފައިވަނީ، ސްޕެއިނަކީ، "ކުޑަ ޓީމެއް" އަދި "ޔޫތު ޓީމެއް" ކަމަށެވެ. އަދި ޖަރުމަނު ކަހަލަ ޓީމަކާ ދެކޮޅަށް ސްޕެއިނުން ކުޅޭއިރު، އެ ޓީމުގެ ތަޖުރިބާ މައްސަލަ ވަރަށް ބޮޑަށް ދިމާވާނެ ކަމަށް ވެސް ލޭމަން ވަނީ ބުނެފަ އެވެ.
ލޭމަންގެ ވާހަކަ އަށް ޔަމާލް ވަނީ ވަރަށް ރަނގަޅަށް ރައްދު ދީފަ އެވެ.
"އެއީ އޭނަގެ ހިޔާލު. އެއީ ޖަރުމަނު މީހެއް. ދެން އޭނަގެ ވިސްނުން ވެސް ހުންނާނީ، އެ ގައުމަށް ރަނގަޅުވާ ގޮތަށް ވާހަކަ ދައްކަން. އަހަރެމެން މިއީ ކުޑަ ބަޔެއްގެ ގޮތުގައި ދައްކަން އެހެން ވާހަކަ ދެއްކިދާނެ. އެކަމަކު އަހަރެމެން މިއީ އެހެން ދައްކާ އެއްވެސް ވާހަކަ އަކަށް ފަރުވާލެއް ބަހައްޓާ ބައެއް ނޫން. އަހަރެމެން މިއީ ކޮން ބައެއް ކަން ދަނޑުމަތިން ދައްކަން ބޭނުމީ،" ޔަމާލް ބުންޏެވެ.
"އެ ދެއްކި ވާހަކައިން ޖަރުމަނަށް ވުރެ ބޮަޑަށް އަހަރެމެންނަށް ހިތްވަރު ލިބޭ ހަގީގަތުގައި، ހިނގާ ދެން މެޗުން ބަލަމާ ކޮން ބައެއްތޯ ކުޑައީ ނޫނީ ތަޖުރިބާ ނެތީ،"
ސްޕެއިނަކީ މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމެވެ.
ޔަމާލް ވެފައިވަނީ ޔޫރޯގެ ތާރީހުގައި ސްޕެއިނަށް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މި ފަހަރުގެ މުބާރާތުގައި ސްޕެއިން ކުޅުނު ހުރިހާ މެޗެއްގައި ވެސް އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.












