ގައުމު ކުރިއަށް މިދާ މިސްރާބުގެ މަންޒިލަކީ 'ދެ ކޭމުގައި އެއް ބިސް'؟

ގައުމު ކުރިއަށް މިދާ މިސްރާބުގެ މަންޒިލަކީ 'ދެ ކޭމުގައި އެއް ބިސް'؟

ހަފަރާތުން އިވޭ ނުރައްކަލުގެ އިންޒާރުތަކަށް ދިވެހިންގެ ކަންފަތް ހުޅުވުނުހެން ހިއެއް ނުވެ އެވެ. އެ އަޑުގެ ގަދަފަދަކަމުން އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ކަންފަތް ބައްވާ ހިސާބަށް ދިޔައިރުވެސް ތަށަށް ކިޔަނީ މަރިޔަނބުހޭ އަހާލަނީވެސް މަދު ދިވެއްސެކެވެ. ދިވެހިން ތިބީ ދިވެހިންގެ ގޮތުގަ އެވެ. ދައުލަތުގެ އާމްދަނީއާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް ފަރުވާވެވޭ ތަނެއް ނުފެނެ އެވެ. އެހެން އެވަނީ ސިޔާސީންގެ ދުލަށް އޮތް އިތުބާރު ގެއްލިދިޔައިމާ ތޯއްޗެކެވެ.

ސިޔާސީންގެ ކަންތައްތައް ހުންނަ ގޮތް ދެކޭށެވެ. ބޮޑު ކެމްޕޭނަކާ ދިމާކޮށް ސިޔާސީއަކު ރަށަކަށް ދަތުރުކޮށް އެރަށު ރައްޔިތުންނާ ސުވާލުކުރެ އެވެ. މިރަށަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިހެއްޔެވެ. ކިޔައިދޭށެވެ. އަހަރެން މިހުރީ އެ މައްސަލަތައް ހައްލުކުރުމަށް އަޒުމު ކަނޑައަޅައިގެން އިހުލާސްތެރި ހިތަކާއެކު އައިހެވެ. ރައްޔިތުން ކިޔަ އެވެ. ވެރިޔާ އެވެ. ފުރަތަމަ މައްސަލައަކީ މިރަށުގެ ސިއްހީ ކަންކަމެވެ. ކުދި ބަލިތަކަށްވެސް ފަރުވާ ދެވޭނޭ ގޮތް ރަށުގައި ނެތުމަކީ އެންމެ ބޮޑު ތަކުލީފެވެ. މި މީހަކު ވަގުތުން އޭނާގެ މޮބައިލް ފޯނު ނަގަމުން ބުނެ އެވެ. ތިޔަ މައްސަލަ މި ހައްލުކުރަނީ އެވެ. ގުޅި ނަންބަރަކަށް ގުޅައި އަޑުހަރުކޮށް ފަށައިގަތެވެ. ބަލަގަ އަހަރުމެން ވެރިކަމާ ހަވާލުވީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ނޫންހެއްޔެވެ؟ ވީއިރު މިކަމާ އިހުމާލުކޮށްގެން ތިޔަތިބެނީ ކޮންފަދައަކުން ހެއްޔެވެ؟ މިރަށުގައި ރަނގަޅު ފެންވަރެއްގެ ސިއްހީ މަރުކަޒެއް އެޅުމުގެ ހުރިހާ ކަމެއް މިހިނދުން މިހިނދަށް ފަށާށެވެ. މިހާރުން މިހާރަށް މިރަށަށް ބޭނުންވާ ބޭސްތައް ފޮނުވާށެވެ. މި ބީދައިން ދިގުކޮށް ވަށިވަށިން ދިނުމަށްފަހު ފޯނު ބާއްވަމުން ބުނެ އެވެ. ކޮބާ ފުރަތަމަ މައްސަލަ ތިޔަ ހައްލުވީ ކަމަށް ބަލާށެވެ. ދެވަނަ މައްސަލައަކީ ކޮބައިހެއްޔެވެ؟ ރައްޔިތުން ބުނެ އެވެ. ދެވަނަ މައްސަލައަކީ މިރަށަށް އެއްވެސް މޮބައިލް ނެޓްވޯކެއް ނުލިބޭކަމެވެ. ތިޔަ ގުޅުއްވި ބޭކަލަކަށް ގުޅުއްވި ގޮތަކަށް އަލުން ގުޅުއްވައި އެވާހަކަވެސް ދަންނަވައިދޭށެވެ.

މިއީ ސިޔާސީންގެ ފިތުރަތެވެ. އެމީހުންގެ އެންމެންވެސް ދޮގު ހަދާނެ އެވެ. ތަފާތުވާނީ އެކަމުގައި އެކި މީހުން ގެންގުޅޭ މިންގަނޑެވެ. އެމީހުން ދައްކާ ހުރިހާ ވާހަކައެއް ގަބޫލުކުރުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާނޭ ބޮޑު ގެއްލުމެކެވެ. އަދި އެއްވެސް ވާހަކައެއް ގަބޫލުނުކުރުމަކީވެސް ހަމަ އެހާމެ ބޮޑު ގެއްލުމެކެވެ.

އަޅުގަނޑަށްވެސް އެނގެ އެވެ. މަހުގެ އަގާއި، ސިޔާސީ މުވައްޒަފުންގެ އަދަދާއި، ޕާޓީގެ އިސްމީހުންނާ އޮތް ގުޅުންތަކާއި، ސަރުކާރުން ޒިންމާ ނެގުމުގެ ވާހަކައާއި، ޖަވާބުދާރީވާނޭ ކަމުގެ ވައުދާއި، މައުލޫމާތު ހާމަކުރުމުގެ ވައުދާއި، ކަނޑުހިއްކައި 12 މާލެ ވަރުގެ ބޮޑު ރަށެއް އުފަންކުރުމުގެ ވާހަކައާއި، ގާތް ގައުމުތަކާ އޮތް ގުޅުމާމެދު ދެއްކި ވާހަކަތަކާއި، ހަމަޖެހިފައި ހުރިކަމަށް ބުނި ފައިސާތަކުގެ ވާހަކަ ފަދަ ދެއުޅިއެއްނުވާ އެތައް ވާހަކައެއް އަޅުގަނޑުމެންގެ އެންމެންނަށް ވެސް އަޑުއަހަން ޖެހުނެވެ. އެވާހަކަތަކުން ތެތަށް ކެނޑީމާ މިހާރު ބާކީ ހުރީ ބަރުދަން އެނގޭ މިންވަރަށްވުރެ ލުއި މިންވަރެއްކަންވެސް އެބަ ފެނެ އެވެ. އެކަމަކު ސިޔާސީ ވާހަކައަކީ އެއީ ނޫންހެއްޔެވެ؟ ސިޔާސީންނަކީ އެއީ އެވެ. އެކަހަލަ ބޮނޑި ދޭނެ އެވެ. އޭގެ މާނައަކީ އެވެރިން ދައްކާ ހަމަ އެއްވެސް ވާހަކައެއް އަޑުނާހާށެކޭ ނޫނެވެ.

ފީ ހޮވާލައި ދެއަތަށް އަޅާލީމާ، އަޅުގަނޑުމެން ވިސްނާންޖެހޭ މުހިންމު ހަގީގަތެއް ސަރުކާރުން އެގެންދަނީ ހާމަކުރަމުން ކަމަށް އެއްބަސްވާންޖެހެ އެވެ. އެއީ އިގުތިސާދުގެ ވާހަކަ އެވެ. ގައުމުގެ ހާލަތާމެދު ދިލާސާއެއް ދެވޭތޯ ހިއްމަތެއް ކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުންކަން އެއުރެންވެސް ދަންނާނެ އެވެ. އެހެންވެ، އެ ހަގީގަތުން ބައެއް ނަމަވެސް އެބަ ހާމަކުރަމުން ގެންދެ އެވެ. އެ ދައްކާ ވާހަކަތަކަކީ އަޅުގަނޑުމެން ހިނދުކޮޅަކަށް ހުއްޓިތިބެ ވިސްނައި ފިޔަވަޅު އަޅާންޖެހޭ ކަހަލަ ވާހަކަ ތަކެކެވެ.

ދިވެހިންގެ ޒަމާންވީ ދިރިއުޅުމުގައި އަށަގަނެފައިވާ ގިނަ އާދަތަކުގެ ތެރެއިން އެއް އާދައަކީ އާމްދަނީއާއި ހަރަދަށް ފަރުވާތެރި ނުވުމުގެ އާދަ އެވެ. އަޅުގަނޑުމެން ދިރިއުޅެނީ ވަޒީފާއަކުން ލިބޭ މުސާރައަށް ބަރޯސާވެގެންނެވެ. މަސް ނިމޭއިރަށް ނުވަތަ ފޮއިދުވަސް ވާއިރަށް އެ މުސާރަ ހުސްވެ އެވެ. ދަގަނޑު ވަހުތާން ޖެހޭ ހިސާބުގައި ތިބި މީހުންވެސް އެ ބުނެ އުޅެނީ އެމީހުންވެސް އުޅެނީ ނުފުދިގެން ކަމަށެވެ. އެހެންވީމާ އާންމުންގެ ހާލަތު ހުންނާނޭ ހިސާބު ވިސްނަވާށެވެ.

ހާލަތު މިގޮތުގައި ހުރިނަމަވެސް، އަޅުގަނޑުމެންގެ ހަރަދަކަށް ބަދަލެއް ނާދެ އެވެ. އާމްދަނީ އިތުރުވެއްޖެނަމަ ހަރަދު އިތުރުކުރާ ބީދައިން، އާމްދަނީ ދަށްވީމާ ހަރަދު ކުޑަކުރުން އެއީ އަޅުގަނޑުމެން ކުރާ ކަމެއް ނޫނެވެ. މިއީ އިހަށްވެސް މިކަން އޮތްގޮތެވެ.

'އެއްވަނަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމައިގައި ދިވެހިރާއްޖެ' މިނަމުގައި އަހުމަދު ޝާކިރު ފަތްތޫރައިގައި ލިޔުއްވި މަޒުމޫނުތަކުގެ ތެރެއިން މަޒުމޫނެއްގައި ލިޔުއްވާފައި އޮވެ އެވެ.

"ދައުލަތް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތާ މުހައްމަދު އަމީން ހަވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖޭގެ ކަންކޮޅުތަކުން ބަނޑުހައިހޫނުކަމުގެ އަސަރުތައް ވަނީ ފެންނާން ފަށާފަ އެވެ. އެހެން ވާންޖެހުނީ ހަމަ ރައްޔިތުންގެ ފަރުވާކުޑަކަމުން ކަމުގައި ބަލާނެ ތަން އެބަ އޮތެވެ. ސަބަބަކީ ހަނގުރާމައެއް ފެށިދާނޭ ކަމުގެ އިޝާރާތެއް ދައުލަތަށް ލިބިވަޑައިގަތުމާއެކު އެކަމަށް މީހުންނަށް އިންޒާރު ކުރައްވައި ކާބޯތަކެތި ލިބޭކަހަލަ ގަސް އިންދެވުމަށް ކުރައްވަމުން ގެންދެވި އިލްތިމާސްތަކަށް ބީރު ކަންފަތްތަކެއް ދިށްކޮށްފައިވާތީ އެވެ. ހަރަދު ކުޑަކޮށް ދިރިއުޅުން ކުޑަ ހަރަދަކުން ހަމަޖެއްސުމަށް ދެއްވަމުން ގެންދެވި ނަސޭހަތުގެ އަޑު ނޭހީތީ އެވެ."

ރައްޔިތުންގެ ހާލަތުހުރިގޮތާއި، އަންނާންއުޅޭ ރާޅާމެދު ފަރުވާލެއް ނެތްކަމުގެ މައްޗަށް ކަންބޮޑުވެވަޑައިގެން އަމީންދީދީ ރައްޔިތުންނަށް އާންމުކޮށް އިލްތިމާސެއް ކުރެއްވި އެވެ. ދިގު ސިޓީއެއް ލިޔުއްވި އެވެ. ސިޓީ ފަށްޓަވާފައި އޮތީވެސް މިހެންނެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަލާމަށްފަހު އަންގަމެވެ.

ކާބޯތަކެތީގެ ދަތިކަން އަނެއްކާވެސް ނުހަނު ބޮޑުވެއްޖެ އެވެ. މާލޭގައި އެއްވެފައި މިހާރު ހުރީ ވަރަށްވެސް މަދު އެތިކޮޅެކެވެ. އަދި ރާއްޖެއަށް ލިބިފައިހުރި ތަކެތި ސިލޯނުން ގެނައުން ހައްތަހާ ދަނީ ދަތިވަމުން އުނދަގޫވަމުންނެވެ. ކުރިއަށް އޮތީ ހުޅަނގު މޫސުމެވެ. ކަންމިހެން ހުރިއިރު ކާބޯތަކެތީގެ ދަތިކަން ބޮޑުވާނޭ މިންވަރު ނުވިސްނޭނީ ކާކަށްބާވައެވެ....... ރާއްޖޭގެ ހާލަތު ފެންނަނީ ވަރަށް އަނދިރިކޮށެވެ. ކާށި މުޅިން ހުސްވެއްޖެ އެވެ. އެއްގޮތަކަށްވެސް މަހެއް ނުބާނަ އެވެ. ކަންމިހެން ހުރިއިރު ތިޔައިން ކޮންމެ ކުއްޖެއްގެ މައްޗަށް ވާޖިބުވެ އެނގެން ވަނީ ވީވަރަކުން ހަރަދު ކުޑަކުޅައުމާއި އިތުރު އާމްދަނީއެއް އުފެއްދޭތޯ ރެޔާއި ދުވާލު މަސައްކަތް ކުރުމެވެ."

މި ސިޓީއާއި ސަރުކާރުގެ އާދޭހަށްފަހުވެސް ރައްޔިތުންގެ ހާލަތަކާއި އާދައަށް ބަދަލެއް ނައެވެ. ނަތީޖާ އެއޮތީ ތާރީހުން ފެންނާށެވެ. އެހާލަތު ތަޖުރިބާކުޅަ މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ.

'ދެ ކޭމުގައި އެއްބިސް' އެއީ ދިވެހިބަހުގެ މުހާވަރާއެކެވެ. މާނައަކީ ނުބެހޭ ވަރުގެ ކުޑަ އެއްޗެއް ދެބަޔަކަށް ބަހަންޖެހުމެވެ. އިގުތިސާދުގެ ހާލަތު ހުރި ގޮތް އަޅުގަނޑުމެންނަށް އެނގެމުން އެބަ ދޭ ނޫންތޯ އެވެ. ބައެއް ފަހަރު ސަރުކާރުން ކަންކުރާ ގޮތުން އެކަމުގައި ޝައްކެއް އުފެދުނު ނަމަވެސް އެ ވާހަކައަކީ ގޯސް ވާހަކައެއް ނޫނެވެ. ވީގޮތެއް ވެގެން، އަޅުގަނޑުމެންގެ ގައުމަށް ލިބޭ އާމްދަނީ މަދުވެއްޖެޔޯލަ އެވެ. ހަރަދުވެސް ބޮޑުވެއްޖެ އެވެ. އެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ފަސްޖެހޭތީ އޭގެ ގެއްލުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެބަ ކުރެ އެވެ. އެ ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބައްދަނީ މުދަލުގެ އަގު ޖައްސައިގެންނެވެ. އެކަމުގެ ތަކުލީފު ތަހައްމަލުކުރަނީ އަޅުގަނޑުމެން ކަހަލަ މުސާރަވެރިންނެވެ. އެހެންވީމާ ހަރަދުކުޑަކުރުމުގައި އެންމެ އަވަސް ފިޔަވަޅުތަކެއް އަޅާންޖެހޭ ބަޔަކީވެސް އަޅުގަނޑުމެންނެވެ.

މިހާރު މިކުރެވޭ ހަރަދުތަކުގެ ތެރެއިން މިހިނދަށް ހުއްޓާލެވޭނޭ ހަރަދުތަކަކީ ކޮބައިތޯ ދެނެގަނެ، އެ ހަރަދުތައް ހުއްޓާލުމަކީ އެންމެ ފުރަތަމަ ފިޔަވަޅަށް ހެދިދާނެ އެވެ. މިއީ ފިއްތާލަންޖެހޭ ދަނޑިވަޅެއްކަން ގަބޫލުކުރަންޖެހެ އެވެ. އިހަށް ވެއަތުވެދިޔަ ކޮންމެ ދުވަހަކީވެސް ތުންބުރި ކާޅަށްވެސް ކާން ލިބުނު ދުވަހެއް ކަމަށް ވެދާނެ އެވެ. އެހެންނަމަވެސް މިއަދު ހާލަތު ތަފާތުވެއްޖެ އެވެ. މިވަގުތު ފަރުވާކުޑަކޮށްފިނަމަ މިދާ މިސްރާބުގެ އަމާޒަކަށް އަދި އާހިރު މަންޒިލަކަށްވާނީ ދެ ކޭމަށް އެއް ބިސް ބަހަންޖެހުމެވެ.

މި ލިޔުމާ ގުޅޭ ރަދީފު

  • ދެ ކޭމުގައި އެއް ބިސް: ނުބެހޭވަރުގެ ކުޑައެއްޗެއް ދެ ބަޔަށް ބަހަންވީމާ ބުނާ ބަހެއް.
  • ތުންބުރި ކާޅަށް ވެސް ކާން ލިބޭ ދުވަސް: ރަބީއުލްއައްވަލު މަހުގެ ބާރަ ދުވަހާއި، ދެ އިދު ދެ ދުވަހާއި ބޮޑު މާލޫދު ދުވަސް ފަދަ ރަށުގައި އާންމުކޮށް ގިނައިން ކައްކައި އުޅޭ ދުވަސް ދުވަހު އެންމެ ނިކަމެތި މީހާއަށް ވެސް ކާންލިބޭނެކަން އެންގުމުގެ ގޮތުން ބުނެއުޅޭ ބަހެއް.
  • ހަފަރާތް: ހަތަރުފަރާތާއި މައްޗާއި ތިރި./ހުރިހާ ދިމާލަކުން
  • ފީހޮވާލުން: އެއްޗެހިތަކެއްގެ ތެރެއިން ހަލާކުވެފައިވާ ނުވަތަ ކަމުނުދާ އެއްޗެހި ވަކިކުރުން.
  • ދިލާސާ: ކަމަކާ ދެރަވެ ހިތްނުތަނަވަސްވެފައިވާ ވަގުތުގައި ލިބޭ/ދޭ ތަސައްލީ.
  • ބައްވުން: ކަންފަތް ހިސާބަކަށް ބަންދުވުން.
  • ދަގަނޑު ވަހުތާން ޖެހުން: މީހަކު މާބޮޑަށް މުދާވެރިވުމުން ބުނެއުޅޭ ބަހެއް.
  • ފޮއިދުވަސް: މަހެއްގެ ދެބައިކުޅަ އެއްބައި

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox