ތުރުކީން އޮސްޓްރިއާ ބަލިކޮށް ދިގު އިންތިޒާރެއް ނިމުމަކަށް

Jul 2, 2024, 8:53 PM
އޮސްޓްރިއާ ކޮޅަށް ތުރުކީ ޓީމުގެ ދެ ގޯލު ވެސް ޖެހި ޑެމިރާލް އުފާފާޅުކުރަނީ.---

އޮސްޓްރިއާ ކޮޅަށް ތުރުކީ ޓީމުގެ ދެ ގޯލު ވެސް ޖެހި ޑެމިރާލް އުފާފާޅުކުރަނީ.---

ލައިޕްޒިގު (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުުރުގެ ފަހު މެޗުގައި، އޮސްޓްރިއާ 2-1 އިން ބަލިކޮށް ތުރުކީން މުބާރާތުގެ ކުއާޓާ ފައިނަަލަށް ދިއުމަށް ކުރި ދިގު އިންތިޒާރު ނިމުމަކަށް ގެނެސްފި އެވެ.

ތުރުކީން އެންމެ ފަހުން، ޔޫރޯ ކުއާޓާ އަށް ދަތުރުކުރީ 2008 ވަނަ އަހަރު އެެވެ. އެ ފަހަރު ތުރުކީ ކެޓީ ސެމީ ފައިނަލުގައި ޖަރުމަނު އަތުންނެވެ. ތުރުކީން މި ފަހަރުގެ މުބާރާތުގެ ކުއާޓާގައި ކުޅޭނީ ނެދަލެންޑްސްއާ އެވެ. ނެދަލެންޑްސް އިން ވެސް ކުއާޓާ ފައިނަލުގައި މި ކުޅެނީ 16 އަހަރަށް ފަހު އެވެ.

މި މެޗަށް ނުކުތްއިރު، ސަސްޕެންޝަންގެ މައްސަލަ ތުރުކީ އަށް ވަނީ ދިމާވެފަ އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަަމަ އެގާރައިގައި ހިމެނޭ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، ޓީމުގެ ކެޕްޓަން، ހަކަން ޗޮނޮނޯލޫ އާއި ޑިފެންޑަރު، ސާމިތު އަކައިދިން ވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.

ލައިޕްޒިގު ސްޓޭޑިއަމްގައި މިރޭ ކުުޅުނު މެޗު ފަށައިގެން 58 ސިކުންތުގެ ތެރޭގައި ތުރުކީން ވަނީ ލީޑުނަގައިފަ އެވެ. މިއީ ތުރުކީގެ ޑިފެންޑަރު، މެރީހް ޑެމިރާލް ޖެހި ލަނޑެކެވެ. ތުރުކީގެ އާޑާ ގުލާ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، އޮސްޓްރިއާ ކުޅުންތެރިން އަތުން ކުޑަ އޭރިއާތެރެއަށް ބޯޅަ ދޫވި ވަގުތު، ޑެމިރާލް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، ޔޫރޯގެ ނޮކައުޓް މެޗެއްގައި މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލެވެ.

ތުރުކީ ޓީމުގެ ގުލާ އަތުން ބޯޅަހޯދަން އޮސްޓްރިއާގެ ސަބިޓްޒާ މަސައްކަތްކުރަނީ.

ލީޑުފުޅާކުރަން، ހާފުގެ މެެދެއްހާ ހިސާބުން ތުރުކީގެ ގުލާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާވާގޮތެއްނުވި އެވެ. އަދި އޭފެ ފަހުން، އެ ޓީމުގެ ބަރިސް ޔިލްމާޒް، އޮސްޓްރިއާގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، އެ ޓީމުގެ ކެނާން ޔިލްޑިޒް އަށް ދޭން ހުރަސްކޮށްލި ބޯޅަ އޭނާ އަށް ލިބޭ ގޮތެއްނުވި އެވެ.

އޮސްޓްރިއާ އިން ވަނީ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ރަނގަޅު ފުރުސަތެއް ހޯދައިފަ އެވެ. އެ ގޮތުން، އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ޖަހަން އެރި އޮސްޓްރިއާގެ ކްރިސްޓޮފް ބޯމްގާޓްނާ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ކުރިން ވެސް، ބޯމްގާޓްނާ އޭރިއާ ބޭރުންޖެހި ޝޮޓެއް ވަނީ ބޭރަށް ގޮސްފަ އެވެ.

ކައުންޓަ އެޓޭކުގައި ފުރުސަތުތަކެއް ހޯދަން މަސައްކަތްކުރި، އޮސްޓްރިއާ އިން ފުރަތަމަ ހާފު ނިންމާލީ ތުރުކީގެ ގޯލަށް ޝޮޓެއް ނުޖެހި އެވެ.

އެކަމަކު، ދެ ވަނަ ހާފް ފަށައިގެން، އޮސްޓްރިއާ އިން ކުޅުން ރަނގަޅުކޮށް ތުރުކީގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ކުރީކޮޅުގައި އޭރިއާތެރެއިން ހުސްކޮށް އަރައި، އޮސްޓްރިއާގެ ކެޕްޓަން، މާކޯ އާނައުޓޮވިޗް ޖެހި ޝޮޓް ތުރުކީގެ ކީޕަރު، މާޓް ގޫނޮކް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، އޮސްޓްރިއާގެ ކޮންރަޑް ލައިމާ ޖެހި ބޯޅައެއް ވަނީ ދަނޑިކައިިރިން ބޭރަށް ގޮސްފަ އެވެ.

އޮސްްޓްރިއާ އިން ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުނުއިރު، ތުރުކީން މި ހާފުގައި ލިބުނު ފުރަތަމަ ކޯނަރުގެ ބޭނުންހިފައި ދެ ވަނަ ލަނޑު ޖަހައި، ލީޑުފުޅާކުރި އެވެ. މެޗުގެ 59 ވަނަ މިނިޓްގައި، މި ލަނޑު ޖެހީ، ފުރަތަމަ ގޯލު ވެސް ޖެހި ޑެމިރާލް އެވެ. މިއީ، ގުލާ ނެގި ކޯނަރަކުން ޑެމިރާލް ބޮލުން ޖެހި ގޯލެކެވެ.

ލަނޑު ޖެހުމަށް ފަހު ތުރުކީގެ ކުޅުންތެރިން އުފާފާޅުކުރަނީ.

އަވަހަށް އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި، އޮސްޓްރިއާ އިން ވަނީ، މެޗުގެ 66 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. މިއީ ކޯނަރަކުން، އޮސްޓްރިއާގެ މާސެލް ސަބިޓްޒާ ނެގި ހުރަހަކުން ސްޓެފަން ޕޮޝް ބޮލުން ޖައްސާލި ބޯޅައަކަށް އަރަައި، މައިކަލް ގްރެގޮރިޓްޒް ޖެހި ލަނޑެކެވެ.

މެޗުގެ 85 ވަނަ މިނިޓްގައި ޕޮޝް ނަގައިިދިން ހުރަހަކަށް އަރައި، ބޯމްގާޓްނާ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރަން އޮސްޓްރިއާ އިން ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލެއް ނުޖެހި ބަލިވީ އެވެ. އެ ގޮތުން، އެންމެ ރަނގަޅު ފުރުސަތު މެޗުގެ ފަހު ސިކުންތުގައި އޮސްޓްރިއާގެ ބޯމްގާޓްނާ އަށް ލިބުނެވެ. އޭރިއާތެރެއިން މުޅިން ހުސްކޮށް އަރައި، ބޯމްގާޓްނާ ބޮލުން ޖެހި ބޯޅަ ތުރުކީގެ ކީޕަރު ގުނޮކް ވަނީ މަތަކޮށްފަ އެވެ.

އޮސްޓްރިއާ މި މެޗުން ބަލިވިއިރު، ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގެ މެޗަކުން މޮޅުވުމަށް އެ ޓީމުން ކުރަމުން އަންނަ އިންތިޒާރު ވަނީ ދިގުލައިފަ އެވެ. އެންމެ ފަހުން، އޮސްޓްރިއާ އިން ބޮޑު މުބާރާތެއްގެ ނޮކައުޓް މެޗަކުން މޮޅުވެފައިވަނީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

މިއީ އޮސްޓްރިއާ އަތުން ތުރުކީ އަށް ރަނގަޅު ބަދަލު ހިފުމެކެވެ. ތުުރުކީ އާއި އޮސްޓްރިއާ ވަނީ މިދިޔަ މާޗް މަހު އެކުވެރިކަމުގެ މެޗެއްގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން އޮސްޓްރިއާ މޮޅުވީ 6-1 އިންނެވެ. އެކަމަކު، ބައިނަލްއަގުވާމީ މެޗެއްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗުން ތުރުކީ މި ވަނީ މޮޅެއް ހޯދައިފަ އެވެ.

ކުއާޓާ ފައިނަލް މެޗުތައް:

ސްޕެއިން - ޖަރުމަނު

ފްރާންސް - ޕޯޗުގަލް

ނެދަލެންޑްސް - ތުުރުކީ

ސްވިޒަލެންޑް - އިންގްލެންޑް

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox