ތިންކް އަދި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފުޑް ކާނިވަލް ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ ކާނިވަލް ބާއްވާނީ ބުދަ ދުވަހުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ކާނިވަލް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ރޭ 8:00 ޖަހާއިރެވެ.
ތަފާތު ކާބޯތަކެތީގެ ސްޓޯލްތައް ފެނިގެންދާ އެ ކާނިވަލްގެ ތެރެއިން ލަކީޑްރޯގެ އިތުރުން ހަދިޔާތައް ވެސް ދޭން ވަނީ ހަމަޖެހިފަ އެވެ. ލަކީޑްރޯއިން ހޮވޭ ފަރާތަކަށް މުނިހޯމްކެއާގެ ފަރާތުން ބެޑްރޫމް ސެޓެއް ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން ކާނިވަލުގައި ކުޑަކުދިންނަށް ހާއްސަ ފަން ޒޯންގައި އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންހެނުންނަށް ހާއްސަ ޒުމްބާ ސެޝަންތައް ވެސް ކުރިއަށްދާނެ އެވެ.
އެ ކާނިވަލުގެ ސަބަބުން ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަށް އެއްތަނަކަށް އައުމަށް ފުރުސަތު ލިބިގެންދާނެ އެވެ.
ކާނިވަލްގެ މެއިން ސްޕޮންސާއަކީ ބީއެޗްއެމް ޓްރޭޑާސް ޕަވާޑް ބައި ދިރާގެވެ. ޕްރިމިއަމް ޕާޓްނަރަކަށް އިވެންޓް މޯލްޑިވްސް އަދި ނޮވެލްޓީ ހިމެނޭއިރު، އިވެންޓް ޕާޓްނަރުންނަކީ ސްޓޯމް މޯލްޑިވްސް، އޯކޭޒިންކް އަދި ޕިއްޒާބޯނާ އެވެ.
މީގެއިތުރުން ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ވޯކްސްއާއި ބެވެރެޖް ޕާޓްނަރަކަށް ސްޕްރައިޓް މޯލްޑިވްސް ހިމެނޭއިރު، ކޭޓަރިން ޕާޓްނަރަކީ ބުރުޒު ކޭޓަރިން އެވެ. އަދި ގިވްއަވޭ ޕާޓްނަރަކަށް މުނިހޯމްކެއާ ހިމެނޭއިރު، މީޑިއާ ޕާޓްނަރަކީ އަދަދު އެވެ.
މިދިޔަ އަހަރު ވެސް މޯލްޑިވްސް ފުޑް ކާނިވަލް ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާފަ އެވެ. އެފަހަރު ވެސް މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނެވެ.











