ލަންޑަން (ޖޫން 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ އިނގިރޭސި ފުޓްބޯޅަ ޓީމުގެ ތަރި، ފިލް ފޯޑެން އަށް އާއިލީ ޒިންމާ އަދާކުރަން ބްރޭކެއް ދޭން ޓީމުގެ މެނޭޖްމަންޓުން ނިންމައިފި އެވެ.
އިންގްލެންްޑް ޓީމުން މި ގޮތަށް ނިންމީ، ފޯޑެން، 24، ގެ ލޯބިވެރިޔާ، ރެބެކާ ކުކް ތިން ވަނަ ދަރިއަކު ވިހާފައިވާތީ އެވެ. ފޯޑެން ވަނީ ޓީމުން ހުއްދަ ދިނުމުން، އިންގްލެންޑަށް އައިސްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، އާދިއްތަ ދުވަހުގެ ކުރިން ފޯޑެން އެނބުރި ޖަރުމަނަށް ގޮސް، ޓީމުގެ ކޭމްޕާ ގުޅޭނެ އެވެ. އާދިއްތަ ދުވަހު، އިންގްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި ސްލޮވާކިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.
ފޯޑެން އާއި ރެބެކާ އަށް މީގެ ކުރިން ވެސް ދެ ދަރިން ލިބިފައިވެ އެވެ. އެއީ، ފަސް އަހަރުގެ ފިރިހެން ދަރިފުޅު ރޮނީ އާއި ދެ އަހަރުގެ އަންހެން ދަރިފުޅު ޓްރޫ އެވެ.
އިންގްލެންޑުން މި ފަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވެސް ފޯޑެން ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އިންގްލެންޑް ގައުމީ ޓީމަށް 37 މެޗު ކުޅެދީފައިވާ ފޯޑެން އަށް އަދި މި ފަހަރުގެ ޔޫރޯގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ.
އިންގްލެންޑުން ޔޫރޯގައި ކުުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ގްރޫޕް ގެ އެއް ވަނައިގެ ގޮތުގައި ނޮކައުޓް ބުރަށް ދިޔަ އިންގްލެންޑުން ސްލޮވާކިއާއާ ދެކޮޅަށް ގަދަ 16 ގެ ފުރަަތަމަ މެޗުގައި ކުޅޭއިރު، މި މެޗު ފަށައިގެން ފޯޑެން ކުޅުމުގެ ފުރުސަތު ކުޑަ އެވެ.
މެންޗެސްޓާ ސިޓީން މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ފޯޑެން އަކީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.












