ބާލިން (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ އާއި ގްރޫޕް ބީގެ މެޗުތައް ނިމުނުއިރު، ނަތީޖާ ނުކުތް ގޮތުން، އިންގްލެންޑާއި ނެދަލެންޑްސް އަދި ފްރާންސް އަށް ގަދަ 16 ޓީމުގެ ބުރުގެ ޖާގަ ޔަގީންވެއްޖެ އެެވެ.
ޔޫރޯގެ ހަ ގްރޫޕް އޮތްއިރު، ކޮންމެ ގްރޫޕަކުން އެއް ވަނަ އާއި ދެ ވަނަ ޓީމަށް ގަދަ 16 ބުރުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އެ ގޮތުން، ގަދަ 16 ބުރުގެ 12 ޖާގައެއް ފުރިހަމަވީ އެވެ. ގަދަ 16 ބުރުގެ ބާކީ ހަތަރު ޖާގަ ލިބޭނީ، ހަ ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ރޭންކިން ހަދާއިރު، އެންމެ މަތިން ނިންމާ ހަތަރު ޓީމަކަށެވެ.
ރޭގެ މެޗުތަކާ އެކު، ޔޫރޯގެ ގްރޫޕް އޭ އާއި ގްރޫޕް ބީގެ މެޗުތައް ނިމުނީ އެވެ. ގްރޫޕް އޭ އިން ތިން ވަނަ ހޯދި ހަންގޭރީ އަށް ތިން ޕޮއިންޓް ލިބުނުއިރު، ގްރޫޕް ބީގެ ތިން ވަނަ ހޯދި ކްރޮއޭޝިއާ އަށް ލިބުނީ، ދެ ޕޮއިންޓެވެ.
މިއާ އެކު، އިންގްލެންޑާއި ފްރާންސް އަދި ނެދަލެންޑްސް އަށް ފުރަތަމަ ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާ އެކު، އެ ތިން ޓީމުން ވާދަކުރާ ގްރޫޕްގެ ތިން ވަނަ އަށް ދިޔަ ނަމަވެސް، އަނެއް ބުރުން ޖާގަ ޔަގީންވާނެ އެވެ.
މި ފަހަރުގެ ޔޫރޯގެ ގަދަ 16 އިން ޖާގަ ހޯދައިފައިވާ ޓީމުތަކަކީ، ޖަރުމަން، ސްވިޒަލެންޑް، ސްޕެއިން، އިޓަލީ، އިންގްލެންޑް، ފްރާންސް، ނެދަލެންޑްސް، އަދި ޕޯޗުގަލް އެވެ.












