ޑަސެލްޑޯފް (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން 2008 ވަނަ އަހަރު ހޯދިއިރު އޮތް ޓީމާއި މި ވަގުތު ސްޕެއިންގައި އޮތް ޓީމާ އަޅާނުކިޔަން ސްޕެއިންގެ ކޯޗު، ލުއިސް ޑެ ލާ ފުއެންޓޭ އެދިއްޖެ އެވެ.
ގްރޫޕް ބީގެ ތާވަލަށް ބަލާއިރު، ސްޕެއިން މި ވަގުތު ވެސް އޮތީ ހަ ޕޮއިންޓް ހޯދައިގެން އަނެއް ބުރު ޔަގީންކޮށްފަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް އިޓަލީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އަލްބޭނިއާ އާއި ހަތަރެއްގައި އޮތް ކްރޮއޭޝިއާ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ސްޕެއިނުން އެންމެ ފަހުން، ޔޫރޯއެއްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވީ 2008 ވަނަ ފަހަރު އެވެ. އެ ފަހަރު އެ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ފަދަ ކާމިޔާބެއް މި ފަހަރު އޮތް ޓީމަށް ހޯދޭނެ ކަަމަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން އައި ނަމަވެސް، ސްޕެއިންގެ ކޯޗު ޑެ ލަ ފުއެންޓޭ ހުރީ އެ ކަމާ ވިސްނާ ގޮތަކަށް ނޫނެވެ.
"އަހަރެމެން ވަރަށް ގިނަ ކަންކަން އެބަ ކުރަން ޖެހޭ ތި ބުނި ސްޕެއިން ޓީމާ (2008ގެ ސްޕެއިން ޓީމާ) އެއް ހަމަ އަށް ދާން. ހުރިހާ ދިމާލަކުން އަހަރެމެން ރަނގަޅުކުރަން ޖެހޭ، މި ބުނާ ވާހަަކައިން ނެގެޓިވް މާނައެއް ނެގިދާނެ، އެކަމަކު، މި ބުނަނީ ކަންކަން އިތުރަށް ރަނގަޅުކޮށް ފުރިހަމަ ކުރަން ޖެހޭ ވާހަަަަކަ. މީގެ އެންމެ ހިތްހަމަޖެހޭ ކަމަކީ، ރަނގަޅު ކުރެވޭނެ ބައިވަރު ކަންތައްތައް ހުރިކަން،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
ތަށީގެ ވާހަކަ އަދި ނުދައްކަނީ ޕްރެޝަރުން ސަލާމަތްވެގެން ތިބުމަށް ތޯ ސުވާލުކުރުމުން، ޑެ ލަ ފުއެންޓޭ ބުނީ، އެ ޓީމުން ބޭނުންވަނީ ކުޅޭ ކޮންމެ މެޗަކުން މޮޅުވާން ކަމަށާއި އެކަން ކުރެވިއްޖަނަމަ ތަށި ވެސް ލިބޭނެ ކަމަށެވެ.
މި ފަހަރުގެ ޔޫރޯގެ ފޭވަރިޓުންގެ ގޮތުގައި ގުނާ ބައެއް ޓީމުތަކުން ފުރަތަމަ މެޗުން ފެށިގެން ވެސް ތަފާތު ދައްކަމުން އަންނަ ކަމަށާއި އެކަމަކު، އަނެއް ބައި ޓީމުތައް އަދިވެސް އެންމެ ރަނގަޅު ފޯމަށް ނޭޅޭ ކަމަށް ވަނީ ޑެ ލަ ފުއެންޓޭ ވަނީ ބުނެފަ އެވެ.
ސްޕެއިނަށް މި ފަހަރުގެ ޔޫރޯގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ، 16 އަހަރުގެ ލަމީން ޔަމާލް އެވެ. ޑެ ލަ ފުއެންޓޭ ބުނީ، ކޮންމެ ދުވަހަކު ވެސް ޔަމާލްގެ ފަރާތުން ކުރިއެރުންތައް ފެންނަމުން އަންނަ ކަމަށެވެ.
އަލްބޭނިއާއާ ދެކޮޅަށް ސްޕެއިނުން މިރޭ ކުޅޭއިރު، މި ދެ ޓީމުގެ ކުރިމަތިލުންތަކުގައި ސްޕެއިންގެ 100 ޕަސެންޓް ރެކޯޑެއް އެބައޮތެވެ. ސްޕެއިނުން ވަނީ އަލްބޭނިއާއާ ދެކޮޅަށް ކުޅުނު އަށް މެޗުގައި، 31 ލަނޑު ޖަހައިފަ އެވެ. ކޮޅަށް ވަނީ އެންމެ ތިން ގޯލެވެ.
އެކަމަކު، މިރޭގެ މެޗު ތަފާތުވާނެ ކަމަށް ސްޕެއިނުގެ ކޯޗު ޑެ ލަ ފުއެންޓޭ ގަބޫލުކުރަނީ، މުބާރާތުގައި ކުރިއަށްދާން އަލްބޭނިއާ އަށް ނަތީޖާ ނެރުން މުހިންމު މެޗެއްގެ ގޮތުގައި އޮތުމުންނެވެ.
ސްޕެއިނާއި އަލްބޭނިއާ ކުޅޭ މެޗު ފަށާނީ 12 ޖަހާއިރު އެވެ. ހަމަ އެ ވަގުތުގައި މި ގްރޫޕްގެ އަނެއް މެޗުގައި ކްރޮއޭޝިއާ އިން އިޓަލީއާ ކުޅޭނެ އެވެ.












