ޖޯޖިއާ އާއި ޗެކް ފަރުޖައްސާލަން ޖެހުނީ ޕޮއިންޓަކުން

Jun 22, 2024, 2:58 PM
ޗެކް ރިޕަބްލިކްގެ ޝިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޗެކް ރިޕަބްލިކްގެ ޝިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ހެމްބާގް (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖޯޖިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، މޮޅުވުން މަޖުބޫރު މެޗަކުން ދެ ޓީމުން ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ފުރަތަމަ މެޗުން ދެ ޓީމު ވެސް ބަލިވެފައި އޮތުމުން، ޖޯޖިއާ އާއި ޗެކް ރިޕަބްލިކުން މި މެޗަށް ނުކުތީ ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެންނެވެ. އެކަމަކު، ދެ ޓީމަށް ވެސް ލިބުނު ޕޮއިންޓާ އެކު މި ވަނީ ފަހު މެޗުގެ ނަތީޖާ އަށް ބަލާށެވެ. މި ގްރޫޕްގައި މިރޭ ތުރުކީ އާއި ޕޯޗުގަލް ކުޅޭނެ އެވެ. ފަހު މެޗުތަކަށް ބަލާއިރު، ޖޯޖިއާ އިން ޕޯޗުގަލްއާ ކުޅޭއިރު، ޗެކް ރިޕަބްލިކް ބައްދަލުކުރާނީ ތުރުކީއާ އެވެ.

އެ ގޮތުން، މެޗުގެ 22 ވަނަ މިނިޓްގައި ޗެކް ރިޕަބްލިކުން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެ ގޮތުން އޭރިއާތެރެއަށް ޗެކް ރިޕަބްލިކްގެ ފުލްބެކް، ވްލަޑިމީރް ސޯފާލް އެއްލި ބޯޅައެއް އެ ޓީމުގެ ފޯވާޑް، އެޑަމް ހްލޯޒެކަށް ލިބި އޭނާ ފޮނުވާލި ބޯޅަ ކީޕަރު، ޖިއޯޖީ މަަމަޑާޝްވިލީ ގައިގައި ޖެހިފައި އަލުން ހްލޯޒެކް ގައިގައި ޖެހިފައި ގޯލަށް ވަނެވެ. ޗެކް ރިޕަބްލިކް ކުޅުންތެރިން އުފާފާޅުކުރި ފަހުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ނިންމީ ބޯޅަ ގޯލަށް ވަނީ ހްލޯޒެކް އަތުގައި ޖެހިފައި ކަމަށްވާތީ އެ ގޯލު ބަލައިނުގަންނާށެވެ.

އޭގެ ފަހުން، ޗެކް ރިޕަބްލިކުން ކުރި އެޓޭކްތަކެއްގައި ވެސް ޖޯޖިއާގެ ކީޕަރު މަމަޑާޝްވިލީ ވަނީ ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ.

ޖޯޖިއާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޗެކް ރިޕަބްލިކުން ރަނގަޅަށް ކުޅެމުން ދަނިކޮށް ޖޯޖިއާ އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ލީޑުނަގައިފަ އެވެ. މިއީ އޭރިއާތެރެއަށް ހިލޭ ޖެހުމެއްގައި އައި ބޯޅައެއްގައި، ޗެކް ރިޕަބްލިކްގެ ރޮބިން ހްރަންކް އަތްލުމުން ވީއޭއާރް އިން އަންގައިގެން، ދަނޑުގައި ހުރި މޮނީޓަރުން ބަލައިފައި ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ވައްދާލީ، ޖޯޖެސް މިކައުޓްޒޭ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޗެކް ރިޕަބްލިކަށް އެއްވަރުކޮށްދޭން އެ ޓީމުގެ ފޯވާޑް، ޕެޓްރިކް ޝިކް ފޮނުވާލި ޝޮޓް ވެސް ޖޯޖިއާ ކީޕަރު މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ. މިއީ ފުރަތަމަ ހާފުގައި އޭނާ ހުއްޓުވި ހަތް ވަނަ ހަަމަލާ އެވެ.

ޖޯޖިއާ އިން ދެ ވަނަ ހާފް ފަށައިގެން ކައުންޓަ އެޓޭކުގައި ފުރުސަތުތަކެއް ހޯދޭތޯ ބަލަމުން ދިޔައިރު، އެ ޓީމުގެ ތަރި ކްވިޗާ ކްރަވަޝްކޭލިއާ ދިން ބޯޅައަކުން، އަންޒޯރް މެކްވަބިޝްވިލީ ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.

ޗެކް ރިޕަބްލިކުން އެއްވަރުކުރީ މެޗުގެ 59 ވަނަ މިނިޓްގައި ޝިކް ޖެހި ލަނޑުންނެވެ. މިއީ ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ޗެކް ރިޕަބްލިކްގެ އޮންދްރޭއި ލިންގާ ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރަނގަޅު ތަނުގައި ހުރެ ޝިކް ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ފަހުން، އިތުރު ލަނޑެއް ޖެހޭތޯ ޗެކް ރިޕަބްލިކުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފަހު ސިކުންތުގައި ކައުންޓަ އެޓޭކުގައި ޖޯޖިއާ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. ޖޯޖިއާގެ ބަދަލަކަށް ކުޅެންއެރި ސަބާ ލޮބްޖަނިޑްޒޭ އަށް އޭރިއާތެރެއިން ލިބުނު ފުުރުސަތުން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox