ފްރާންސާއި ނެދަލެންޑްސް އެއްވަރުވިއިރު ސަމާލުކަން ވީއޭއާރްގެ ނިންމުމަށް

Jun 21, 2024, 8:54 PM
ފްރާންސާއި ނެދަލެންޑްސް އެއްވަރުވިއިރު ސަމާލުކަން ވީއޭއާރްގެ ނިންމުމަށް

ލައިޕްޒިގު (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލެންޑްސް އާއި ފްރާންސާއި 0-0 އިން އެއްވަރުވި މެޗުގައި ނެދަލެންޑްސްގެ ޒަވީ ސިމޯންސް ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިނުގަތް ނިންމުމަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މިއީ އެންމެ ފަހުން ބޭއްވި ޔޫރޯގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާއި ސްކޮޓްލެންޑް 0-0 އިން އެއްވަރުވި މެޗަށް ފަހު ޔޫރޯގައި ލަނޑެއް ނުޖެހި މެޗެއް އެއްވަރުވި ފުރަތަަމަ ފަހަރެވެ. ޔޫރޯގައި މި ނަތީޖާ އިން މެޗެއް އެއްވަރު މި ވީ 50 މެޗަށް ފަހު އެވެ.

މިރޭގެ ނަތީޖާއާ އެކު، ފްރާންސާއި ނެދަލެންޑްސް އިން ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ދެ ޓީމަށް ވެސް މި ގްރޫޕުން ގަދަ 16ގެ ފުރުސަތު ހޯދުމުގެ އަމިއްލަ ބާރު އެބައޮތެވެ. ތިން ވަނައިގައި އޮތް އޮސްޓްރިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ޕޮލެންޑް އޮތީ ޕޮއިންޓެއް ނުލިބި އެވެ. މި ގްރޫޕުން އަނެއް ބުރަށް ދިއުމުގެ ފުރުސަތު ގެއްލުނީ ޕޮޮލެންޑް އަށެވެ. އެ ޓީމަކީ މި ފަހަރުގެ ޔޫރޯ އިން ކެޓި ފުރަތަމަ ޓީމެވެ.

އެންމެ ފަހުން މެޗުގައި ނޭފަތުގެ ކަށިގަނޑަށް ލިބުނު އަނިޔާއާ ހެދި ބަދަލުކުރި ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ މިރޭގެ މެޗުގައި ނުކުޅެ އެވެ. އޭގެ ބަދަލުގައި ފްރާންސްގެ ކެޕްޓަން، ބޭންޑް އެޅީ އެންޓޮއިން ގްރީޒްމަން އެވެ.

އެމްބާޕޭ މި މެޗުގައި ކުޅެން، ފުރަތަމަ ފަރުމާކުރި ފްރާންސްގެ ދިދައިގެ ކުލަތައް ހިމެނޭ ބޭންޑް ބޭނުންކުރަން ޔުއެފާ އިން ހުއްދަނުދިނެވެ. އެހެންވެ، އޭނާ ބޭނުންކުރީ ކަޅު މާސްކެކެވެ.

ލައިޕްޒިގު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ މިނިޓްގައި ނެދަލެންޑްސްގެ ޖެރެމީ ފްރިމްޕޮން ޖެހި ޝޮޓެއް ފްރާންސްގެ ކީޕަރު، މައިކް މައިންގްނޯން ވަނީ މަތަކޮށްފަ އެވެ. ފްރާންސްގެ ފުރަތަމަ ޝޮޓް ޖެހީ އޭރިއާބޭރުން ގްރީޒްމަން އެވެ. އެ ބޯޅަ ނެދަލެންޑްސްގެ ކީޕަރު، ބާޓް ވާބްރޫގެން ވަނީ މަތަކޮށްފަ އެވެ.

ނެދަލެންޑްސްގެ ޝައުޓެން (ކ) ކައިރިން ގްރީޒްމަން ބޯޅަ ހިފައިގެންދަނީ.

ދެ ޓީމުން ވެސް މެދުތެރޭގެ ކޮންޓްރޯލް ނަގައިގެން އެޓޭކް ކުރެވޭތޯ ބަލަމުންދިޔައިރު، ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ ވަނީ އޭރިއާބޭރުން ރަނގަޅު ޝޮޓެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ ކީޕަރު މައިންގްނޯން ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ފްރާންސަށް ލިބުނު އެންމެ ހުސް ފުރުސަތު ނަގާލީ ގްރީޒްމަން އެވެ. ނެދަލެންޑްސްގެ އޭރިއާތެެރެއިން ފްރާންސްގެ މިޑްފީލްޑަރު، އެޑްރިއަން ރަބިއޯ އަށް ލިބުނު ބޯޅަ އޭނާ ނިންމީ ގްރީޒްމަން އަށް ދޭށެވެ. އެކަމަކު، ގްރީޒްމަން ފައިގައި ރަނގަޅަށް އެ ބޯޅަ ލައްވާލާ ގޮތެއްނުވެ ފުރުސަތު ގެއްލުނީ އެވެ.

ފްރާންސްގެ ފޯވާޑް މާކަސް ތުރާމް ޖެހި ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފްރާންސް އިން ދެ ވަނަ ހާފު ފެށިގެން ވެސް އެޓޭކްތަކެއް ކުރިއިރު، މެޗުގެ 65 ވަނަ މިނިޓްގައި، އޭރިއާތެެެރެއިން ގްރީޒްމަން އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ކީޕަރު ވާބްރޫގެން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، އޮސްމާން ޑެމްބެލޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ނެދަލެންޑްސްގެ ގަކްޕޯ (ވ) ކައިރިން ބޯޅަ ހިފައިގެންދާން ފްރާންސްގެ ޑެމްބެލޭ މަސައްކަތްކުރަނީ.

ދެ ވަނަ ހާފުގައި ނެދަލެންޑްސް އިން ކުރި ފުރަތަމަ އެޓޭކުގައި ލަނޑެއް ޖެހި އެވެ.

އެ ގޮތުން، މެޗުގެ 68 ވަަނަ މިނިޓްގައި ޒަވީ ސިމޯންސް ވަނީ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. އެއީ، ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ޖެހި ބޯޅައެއް، ފްރާންސް ކީޕަރު މައިންގްނޯން ފައިގައި ޖެހިފައި އައި ވަގުތު ސިމޯންސް ވަނީ ގޯލު ކަނަށް އަމާޒުކޮށްލައިފަ އެވެ. އެކަމަކު، މެޗުގެ ރެފްރީ އެންތަނީ ޓޭލާ ނިންމީ އޮފްސައިޑްގައި ހުރި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް ހަރަކާތްކުރުމުން އޮފްސައިޑް ކަމަށެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ވެސް ނިންމީ އެ ގޮތަށެވެ.

އޭގެ ފަހުން ފްރާންސުން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ހޯދައި، ހަމަލާތަކެއް ފޮނުވައިނުލެވުނެވެ.

ނެދަލެންޑްސް އިން ވަނީ ފްރާންސް އިން އެޓޭކްކުރަން ޖާގައެއް ނުދީ މެޗުގެ ފަހުކޮޅުގައި ރަނގަޅު ޑިފެންސެއް ކޮށްފަ އެެވެ.

މިއީ ޔޫރޯގައި ނެދަލެންޑްސް އާއި ފްރާންސްގެ ހަތަރު ވަނަ ކުރިމަތިލުމެވެ. އެ ގޮތުން، 1996 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ފްރާންސް އިން ނެދަލެންޑްސް ބަލިކުރި އެވެ. އެކަމަކު، ގްރޫޕް ސްޓޭޖުގައި މިރޭގެ ކުރިން މި ދެ ޓީމު މީގެ ކުރިން ކުޅުނު ދެ ފަހަރު ވެސް ކުރިހޯދީ ނެދަލެންޑްސް އިންނެވެ. އެއީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެކަމަކު، މިރޭގެ މެޗު ނިމިފައި މި ވަނީ އެއްވަރުވެގެންނެވެ. މިއީ ޔޫރޯގައި ނެދަލެންޑަސް އާއި ފްރާންސް އެއްވަރުވި ފުރަތަަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox