އިބީޒާ، ސްޕެއިން (ޖޫން 17) - މެންޗެސްޓާ ޔުނައިޓެޑުން އާ ކޯޗެއް ހޯދަން މަސައްކަތް ކުރި ކަމަށާއި އެކަމަކު، ފަހުން އެ ޓީމަށް ވިސްނުނީ އެ ކްލަބަށް އެންމެ ރަނގަޅު ކޯޗަކީ އޭނާ ކަމަށް މި ވަގުތު އެ ޓީމާ ހަވާލުވެހުރި ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަމުގެ ޒިންމާއާ ހަވާލުވި އިނިއޯސް ކުންފުނިން ކުރިއަށްގެންދިޔަ ރިވިއު ނިންމާލުމަށް ފަހު ނިންމީ ޓެން ހާގް ޔުނައިޓެޑްގެ ކޯޗުކަމުގައި ބެހެއްޓުމަށެެވެ. އެ ގޮތުން، ޔުނައިޓެޑުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ޓެން ހާގް، 54، ގެ ކޮންޓްރެކްޓް އާ ކުރުމަށެވެ.
ޓެން ހާގް، ސްޕެއިނުގެ އިބީޒާގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، އިނިއޯސް ކުންފުނިން ވަނީ އޭނާއާ ބައްދަލުކޮށްފަ އެވެ. ޓެން ހާގް ވަނީ އެ ބައްދަލުވުމާ ގުޅޭގޮތުން ނެދަލެންޑްސްގެ ޓީވީ އަކަށް އިންޓަވިއުއެއް ދީފަ އެވެ.
އޭނާ ބުނީ، ޔުނައިޓެޑްގެ އޮފިޝަލުން އިބީޒާ އަށް އަތުވެ، ބައްދަލުކުރި ކަމަށެވެ.
"ޔުނައިޓެޑުން އަހަރެން ގާތުގައި ބުނި، އެ މީހުން ތޯމަސް ޓުޗެލް ގެންނަން ވާހަކަ ދެއްކިކަމަށް. އެކަމަކު، އެ މީހުންނަށް އެންމެ ފަހުން ވިސްނުނީ އަހަންނަކީ މި ކަމަށް އެންމެ ރަނގަޅު ކޯޗުކަމަށް،" ޓެން ހާގް ބުންޏެވެ.
"އިނިއޯސް އިން މި ނިންމުން ނިންމަން ވަގުތު ނެގި. އެ މީހުންނަކީ ފުޓްބޯޅައިގެ މި ހުރިހާ ކަންކަމަށް އާ ބަޔެއް. އެެހެންވީމަ ހަމަ އާންމުކަމެއް ސީޒަން ނިންމާފައި ކަންކަން ބެލުމަކީ. އަހަންނަށް އެނގޭ އެ މީހުން ގިނަ ކޯޗުންނާ މަޝްވަރާކުރިކަން،"
ޔުނައިޓެޑާއި އޭނާއާ ދެމެދު އާ ކޮންޓްރެކްޓެއްގެ ވާހަކަތައް ފެށިފައިވާ ކަމަށާއި އެކަމަކު މިހާތަނަށް އެއްވެސް ކަމެއް އެއްބަސްވެވިފައިނުވާ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެެވެ.
ޓެން ހާގް، މި ވަގުތު ޔުނައިޓެޑާ އެކު ހުރި ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެ އެއްބަސްވުމުގައި، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރަން ވަނީ ހިމަނައިފަ އެވެ.
ބަޔާން މިއުނިކްގައި ވެސް ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރި، އަޔަކްސްގެ ކުރީގެ ކޯޗު، ޓެން ހާގް ވަނީ ޔުނައިޓެޑާ އެކު މަސައްކަތްކުރި ދެ ސީޒަނުގައި ވެސް ތަށި ހޯދައިފަ އެވެ. ފުރަތަމަ ސީޒަނުގައި ލީގު ކަޕް ހޯދިއިރު، ދެ ވަނަ ސީޒަން ނިންމާލީ އެފްއޭ ކަޕްގެ ތަށްޓާ އެކު އެވެ.












