ރާއްޖެއަށް އިންޑިއާއިން ދޫކޮށްފައިވާ ލޯނަކަށް އިންޓްރެސްޓްގެ ގޮތުގައި ދައްކަން ނުޖެހޭ ފައިސާތަކެއް އެ ގައުމަށް ދެއްކުމަށް ފަހު އެ ފައިސާ އަނބުރާ ހޯދަން ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
މިއީ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ ޓްރެޝަރީ ބޮންޑުތަކަށް ދައްކަން ޖެހޭ ފައިސާ އެވެ. ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ފަހަރަކު 50 މިލިއަން ޑޮލަރު މަގުން ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައިވެ އެވެ.
"އަޅުގަނޑުމެން މިއަދު ގޮސްފައި އޮތް މާލީ ދަތިކަމުގެ ތެރެއަށް ދިޔުމުގެ އެންމެ ބޮޑު އެއް ތާއްޓަކީ މިދިޔަ އަހަރު ދައްކަން ޖެހިފައި އޮތް 50 މިލިއަން ޑޮލަރު އަނބުރާ ދެއްކެވިކަން. ދައްކާކަށް ނުޖެހޭ. ހަމަ މި 50 މިލިއަނަށް ހެއްދެވި ގޮތަށް މުއްދަތު އިތުރުކުރުމަށް އެދިވަޑައިގެންނެވިނަމަ އިތުރުކޮށްދިނީސް," މި ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވި އެވެ.
މި ބޮންޑުތައް ކުރީ ސަރުކާރުގައި ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ނިމުނު ޖެނުއަރީގައި މީގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކައިފަ އެވެ.
"ދެއްކެވީ ވެސް އިންޓަރެސްޓާ އެކީގައި. އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނު, 50 މިލިއަނުގެ ދެ ޓްރާންޗު އެއީ އިންޓްރެސްޓް ފްރީ. އޭގެ އިންޓްރެސްޓް ދައްކަމުންދިޔައީ އިންޑިއާ ސަރުކާރުން," އެކަމުގެ ތަފްސީލު ދެއްވަމުން މިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޖެނުއަރީގައި އެ ފައިސާ ސަރުކާރުން ދެއްކީ "ޖޯޝުގައި ތިބެ ލިޔެކިޔުން ނުބަލަ" އެވެ.
"އެކަމަކު ޑިސެމްބަރު މަހާ ހަމައަށް އައިއިރު އޭރު އަދި ތަންކޮޅެއް ޖޯޝުގައި ކަންކަމުގެ ތެރެއަށް ވަދެވަޑައިނުގެން ތިއްބެވީ, ލިޔެކިޔުންތައް ނުބައްލަވާ. އެހެންވީމާ އެ 50 ދައްކާލިއިރު އިންޓްރެސްޓް ވެސް އަނބުރާ ދެއްކެވީ," އޭނާ ވިދާޅުވި އެވެ.
"ދެން މިފަހަރު މިނިސްޓަރު ޒަމީރު ވަޑައިގެން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންނެވި ކަމަށް ވަނީ އެއީ އޮޅިގެން ދެއްކިފައި އޮތް އިންޓްރެސްޓް އަނބުރާ ދެއްވާށޭ."
މެއި މަހު އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ރޯލްއޯވާ ކޮށްފައިވާއިރު، ސެޕްޓެމްބަރުގައި ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ގްރާންޓަކަށް ބަދަލުކުރަން ދިވެހި ސަރުކާރުން ހުށަހަޅާނެ ކަމަށް މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން އިންޑިއާ ސަރުކާރުން އަދި ގޮތެއް ނިންމާފައި ނުވެ އެވެ.













