ރާއްޖޭގައި ބާއްވާ އޭޝިއާގެ ސާފިން މުބާރާތުން އޭޝިއަން ގޭމްސްގެ ފުރުސަތު

ރާއްޖޭގައި ބާއްވާ އޭޝިއާގެ ސާފިން މުބާރާތުން އޭޝިއަން ގޭމްސްގެ ފުރުސަތު

ރާއްޖޭގައި އަންނަ އޮގަސްޓް މަހު ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން، 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ހާމަކޮށްފި އެވެ.

މިދިޔަ އަހަރު ކ. ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ކާމިޔާބީއާ އެކު، މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްވެފައި މި ވަނީ، އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަން އިވެންޓަކަށެވެ.

މި އަަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ކުރިއަށްދާނީ، ކުރިން ފަހަރެކޭ އެއްގޮތަށް ކ. ތުލުސްދޫގަ އެވެ. އެއީ، 17-24 އޮގަސްޓް އަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި 18 ގައުމަކުން 90 އެތުލީޓުން ބައިވެރިވިއިރު، މި ފަހަރުގެ މުބާރާތަށް މިހާތަނަށް ވެސް ވަނީ 25 ގައުމުން 140 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފަ އެވެ.

"މިއީ 50 ޕަސެންޓަށް ވުރެ އިތުރު އަދަދެއް. އެހެންވީމަ މި މުބާރާތަކީ ހުރިހާ ގޮތަކުން ބެލިޔަސް، ދިވެހި ރާއްޖެ އަށް، އަދި ދިވެހި ރާއްޖޭގެ އިސްތިހާރު ވުމަށް ވެސް ވަރަށް ބޮޑު ބާރެއް އެޅިގެންދާ ކަމެއް،" މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވި އެވެ.

"މި ސަރުކާރުގެ ވިޒިޓާ އިކޮނޮމީ ކޮންސެޕްޓް، ރާއްޖެ އަށް ބޭރުގެ އެތުލީޓުން ގެންނަން ވަރަށް ބާރު އަޅާއިރު، މޫދުގެ ކުޅިވަރުގެ ތެރެއިން މުބާރާތް ބާއްވަން ހާއްސަ އަހައްމިއްޔަތުކަމެއް ދެން. ދެން، މި ކަމަށްޓަކައި، މި ކުޅިވަރަށް ލިބޭ ތަރުހީބު އިތުރުވުމަކީ ވެސް އަޅުގަނޑުމެންގެ މަސައްކަތަށް ލިބޭ ފަސޭހައެއް،"

އޭނާ ވިދާޅުވީ، ސާފިން މުބާރާތްތަކުގައި ރާއްޖޭގެ ރެކޯޑް ރަނގަޅު ކަމަށާއި އެ ގޮތުން މިދިޔަ އަހަރުގެ މުބާރާތުގެ މެންސް ކެޓަގަރީން ހުސެއިން އަރީފް (އިބޫ) އަށް ލޯ މެޑަލް ލިބި، ޖުމްލަ ރޭންކިން އިން ރާއްޖޭގެ ޓީމަށް ރިހި މެޑަލް ލިބުމަކީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އުންމީދަކީ މި މުބާރާތުގައި، އިތުރުކުރިއެރުންތައް ލިބި، އޭޝިއަން ގޭމްސްގައި އަޅުގަނޑުމެންގެ އެތުލީޓުން ކޮލިފައިވުމުގެ އެންމެ ބޮޑަށް ބޭނުންވާ ކަމަކީ،" ރާފިއު ވިދާޅުވި އެވެ.

ތުލުސްދޫގައި މި އަހަރު ވެސް ބޭއްވޭ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ލޯންޗްުކުރުމުގެ އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަދަދު

މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ސާފިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވީ، މި ފަހަރުގެ މުބާރާތް ހާއްސަވާ ސަބަބަކީ މިއީ ރާއްޖޭގައި އަލަށް ގޭމްސެއްގެ ކޮލިފައިން އިވެންޓެއް ކުރިއަށްދާތީ ކަމަށެެވެ.

"އެހެންވީމަ މިއީ ސާފިން އަށް އެކަންޏެއް ނޫން، ރާއްޖޭގެ ސްޕޯޓްސް ކޮމިއުނިޓީ އަށް ސްޕޯޓްސް ފެމިލީ އަށް ވަރަށް ހާއްސަ ވަގުތު ކޮޅަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރަނީ،" ސޮބާހު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އަށް ކުޅިވަރަކަށް ބަލާއިރު އެންމެ ފައިދާ ބޮޑު ކުޅިވަރަކީ ސާފިންކަން ފާހަގަކުރައްވައި، ސޮބާހު ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން ކުޅިވަރަކަށް ޒިޔާރަތްކުރާ ކުޅިވަރަކީ ރާޅާއެޅުން/ ސާފިން ކަމަށެވެ.

އެ ގޮތުން، މިދިޔަ އަހަރުގެ ބޭއްވި އޭޝިއަން ސާފިން މުބާރާތުން ހައިރާންވި އެއް ކަމެއް ފާހަގަކުރެވުނު ކަމަށާއި ދުނިޔޭގެ 40 ވަރަކަށް ގައުމުން އެ މުބާރާތް ބެލިއިރު، މިލިއަނަކަށް ވުރެ ގިނަ ވިއުސް ލިބުނު ކަމަށް ސޮބާހު ވިދާޅުވެފައިވެ އެވެ.

"މިދިޔަ އަހަރުގެ މުބާރާތް ފުރިހަމަވުމުގައި ވަރަށް ބައިވަރު ފެކްޓާސްތައް އެކުލެވޭ، ސާފިން އަކީ ވަަރަށް ތަފާތު ކުޅިވަރެއް، ބައެއް ފަހަރު އިންތިޒާމް ކަންތައް ހަމަޖެހިފައި ހުއްޓަސް، ރާޅު ސަކަރާތްވެއްޖިއްޔާ މުބާރާތް ވަރަށް ސަކަރާތް އެބަވޭ. ވަރަށް ގިނަ ކްރިޓިޒަމް އާދޭ، އަޅުގަނޑުމެންގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބޭއްވިއިރު ދެ ކަންތައް ވެސް ރަނގަޅަށް ދިމާވީ، އިންތިޒާމް ވެސް ވަރަށް ރަނގަޅު ސާފް ކަންޑިޝަން ވެސް ވަރަށް ރަނގަޅު،" ސޮބާހު ވިދާޅުވި އެވެ.

މިދިޔަ އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބޭއްވިއިރު، އެ ވަގުތު ދުނިޔޭގެ ސާފް ލީގުގެ މުބާރާތަކާއި އެހެން އިންޓަނޭޝަނަލް މުބާރާތެއް ވެސް ކުރިއަށްދިޔަ އެވެ.

"އެއް ދުވަސްވަރެއްގައި ކުރިއަށް ދިޔަ މި މުބާރާތްތަކުން މުޅި ސާފިން ވޯލްޑްގެ ނަޒަރު ހުއްޓިފައި ހުރީ ތުލުސްދޫގައި ކުރިއަށްދިޔަ މުބާރާތަށް. އޭގެ ސަަބަބަކީ ލައިވް ކަވަރޭޖް ރަނގަޅުވެފައި، އެ ދުވަސްކޮޅު ރާޅު ވެސް ވަރަށް އެކްސެޕްޝަނަލީ ރަނގަޅުވުން،" ސޮބާހު ވިދާޅުވި އެވެ.

މިއަދުގެ އިވެންޓްގައި ބައިވެރިވެވަޑައިގެންނެވި، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވަނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން، ސްޕޯޓްސް މިނިސްޓްރީ އަދި ތުލުސްދޫ ކައުންސިލަށް ޝުކުރު އަދާކޮށްފަ އެވެ.

އަދި މި ފަހަރުގެ މުބާރާތް އެއް ހަރުފަތް މައްޗަށް ދިއުމަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލިކަމުގެ ހެއްކެއް ކަމަށް ތަމޫހު ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް، މުހައްމަދު ޝަހީމް ވިދާޅުވީ، އެ ރަށުގައި މި ކަހަަލަ މުބާރާތެއް ބޭއްވޭތީ ވަރަށް ހިތްހަމަޖެހިގެން އަބަދުވެސް ތައްޔާރުވާ ކަމަށެެވެ. މިދިޔަ އަހަރު ވެސް ވަރަށް ރަނގަޅަށް ކަންކަން ގޮސްފައިވާތީ، މި ފަހަރު ވެސް ވަރަށް ފުރިހަމަ އަށް ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ސާފިން އެސޯސިއޭޝަނުން ވަނީ ތުލުސްދޫ ކައުންސިލާއި އެ ރަށުގެ ސާފިން ޖަމިއްޔާ އިން މި ސާފިންގެ ކަންކަން ކުުރުމަށް ދޭ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox