އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބް އީގަލްސް އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ފަސޭހަކަމާ އެކު 4-1 އިން ނަތީޖާ އަކުން ބަލިކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.
އެފްއޭއެމް އިން ބާއްވާ އުމުރުފުރާތަކުގެ މުބާރާތްތަކުގައި އެންމެ ކާމިޔާބު ޓީމަކީ ވެސް އީގަލްސް އެވެ. އެންމެ ފަހުން، 2022 ވަނަ އަހަރު ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން ދަށަށް ބޭއްވިއިރު އީގަލްސް އިން ޗެމްޕިއަންކަން ހޯދީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފައިނަލުގައި ބަލިކޮށްފަ އެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. ޔޫވީގެ ކީޕަރު އިބްރާހީމް ފައިރޫސް ފައިސަލް, އީގަލްސްގެ މުހައްމަދު އައިމަން ހަސަން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން މި ގޯލު އީގަލްސް އަށް ކާމިޔާބު ކޮށްދިނީ އަހުމަދު އަފްލާޒް އެވެ.

އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / ނައުޝަމް ވަހީދު
އޭގެ ހަތަރު މިނެޓު ފަހުން އަފްލާޒް ދިން ބޯޅައަކުން އައިމަން ވަނީ ގޯލު ޖަހާ އީގަލްސްގެ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލާ އެކު ފުރަތަމަ ހާފުގެ ފަހު ކޮޅު ގިނަ ފައުލުތަކެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ފަސް މިނެޓުގެ ތެރޭގައި އީގަލްސް އިން ވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ދެ ވަަނަ ގޯލު ޖެހީ އައިމަން އެެވެ.
އެކަމަކު، މެޗުގެ 63 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން ޝަނާން ރަޝާދު ވަނީ މޮޅު ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މި ގޯލު ޝަނާން ޖެހީ އީގަލްސްގެ ކީޕަރު، ލޫތު އިސްމާއިލް ކައިރިން ވެސް ނައްޓާލުމަށް ފަހުގަ އެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ހުމާމް ހުސެއިން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލލާ އީގަލްސްގެ ކީޕަރު ލޫތު ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފަ އެވެ.
އޭގެ ހަ މިނެޓު ފަހުން އީގަލްސް އިން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން މި ގޯލު އެ ޓީމަށް ޖަހާދިނީ އަލީ ރިޝްވާން އެވެ.













