އިންޑިއާގެ އިދިކޮޅު ލީޑަރަކަށް ރާހުލް ގާންދީ ނޮމިނޭޓުކުރަން އޭނާ ނިސްބަތްވާ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ނިންމައިފި އެވެ.
މިއީ 2014 ގެ ފަހުން އިންޑިއާގެ އިދިކޮޅު ލީޑަރެއް ކަނޑައަޅާ ފުރަތަމަ ފަހަރެވެ.
އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީއިން ބުނީ އެ ޕާޓީގައި ނެގުނު ސިއްރު ވޯޓުގައި އަލަށް ހުވާކުރާ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ލީޑަރަކަށް ރާހުލް ގާންދީ ނޮމިނޭޓު ކުރަން އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.
މި ހުށަހެޅުމަށް ރާހުލް ގާންދީ ނިސްބަތްވާ ކޮންގްރެސް ކޯލިޝަނުގެ 232 މެންބަރުންގެ މެދުގައި ވޯޓު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާހުލް ގާންދީއަކީ އިންޑިއަށް 1947 ގައި މިނިވަންކަން ލިބިގެން އިންތިހާބުވި ފުރަތަމަ ބޮޑުވަޒީރު ޖަވަހަރްލާލް ނެހުރޫގެ މުނިކާފަ ދަރިފުޅެވެ.
ރާހުލްގާންދީގެ މާމަ އިންދިރާ ގާންދީ އަދި ބައްޕާފުޅު ރާޖިވް ގާންދީ ވަނީ ކޮންގްރެސް ޕާޓީގައި މީގެކުރިން އިސް ރޯލެއް އަދާކުރައްވާފަ އެވެ.
އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވާ ބީޖޭޕީއަށް މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. ނަމަވެސް މޯދީގެ ކޯލިޝަނުން ވަނީ އިންތިހާބުގައި މެޖޯރިޓީ ނަގާފަ އެވެ.
އެ ކޯލިޝަނުގެ ލީޑަރަކަށް މޯދީ އަނެއްކާ ވެސް ނޮމިނޭޓު ކޮށްފައިވާއިރު، ތިންވަނަ ދައުރަކަށް މިއަދު ހުވާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.










