މަޔޯކާ، ސްޕެއިން (ޖޫން 9) - ފަހަތުން އަރައި 5-1 އިން ނޮތަން އަޔަލެންޑް އަތުން މޮޅުވެ، ސްޕެއިނުން ފެންވަރު ދައްކާލިއިރު، ކްރޮއޭޝިއާ އިން 2-1 އިން ޕޯޗުގަލް ބަލިކޮށްފި އެެވެ.
ސްޕެއިނަށް މެޗު ފަށައިގެން ހަމަޖެހިނުލެވެނިސް ނޮތަން އަޔަލެންޑުން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ދެ ވަނަ މިނިޓްގައި ޑެނިއަލް ބަލާޑް ބޮލުންނެވެ.
ފުރަތަމަ ހާފުގައި ސްޕެއިނުން ނަތީޖާ އަނބުރާލީ 23 މިނިޓް ތެރޭގައި ހަތަރު ލަނޑު ޖަހައިގެންނެވެ. އެ ގޮތުން ސްޕެއިނުން އެއްވަރުކުރީ 12 ވަނަ މިނިޓްގައި އޭރިއާބޭރުން ތިރިތިރިން ޖެހި ޝޮޓަކުން ޕެޑްރީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަ މިނިޓް ފަހުން، ސްޕެއިނުން ލީޑުނެގި އެވެ. މެޗުގެ 18 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، ޖެސޫސް ނަވާސް ނެގި ހުރަހަކުން ޓީމުގެ ކެޕްޓަން އަލްވާރޯ މޮރާޓާ އެވެ.
ސްޕެއިނުން ވަނީ 29 ވަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. އަރިމަތިން އަރައި ނިކޯ ވިލިއަމްސް ނެގި ހުރަހަކުން ޕެޑްރީ ވަނީ ސްޕެއިނުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، 16 އަހަރުގެ ލަމީން ޔަމާލް ނެގި ބޯޅައަކަށް އަރައި، ފަބިއަން ރުއީޒް ވަނީ ސްޕެއިނުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.
ބަދަލުތަކެއް ގެނެސްގެން ދެ ވަނަ ހާފުގައި ކުޅުނުއިރު، ސްޕެއިނުން އިތުރު ލަނޑެއް ޖެހި އެވެ. މި ލަނޑު ޖެހީ، މިކޭލް އޮޔާޒަބާލް އެވެ. އެންމެ ފަހުން ދެ މެޗުގައި އޮޔާޒަބާލް ވަނީ ހަަތަރު ލަނޑު ޖަހައިފަ އެވެ.
ސްޕެއިނުން ޔޫރޯގެ ފުރަތަމަ މެޗުގައި 15 ވަނަ ދުވަހު ކުޅޭ ކްރޮއޭޝިއާ އިން ވެސް ވަނީ ބޮޑު މޮޅެއް ހޯދައިފަ އެވެ.
ޕޯޗުގަލްގައި ރޭ ކުޅުނު މެޗުން ކްރޮއޭޝިއާ ވަނީ އަށް ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް ޖެހި ޕެނަލްޓީން ލީޑުނަގައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނިޓްގައި ނެލްސަން ސެމޭޑޯ ދިން ބޯޅައަކުން ގޯލެއް ޖަހައި، ޑިއޯގޯ ޖޮޓާ ވަނީ ޕޯޗުގަލް އަށް އެއްވަރުކޮށްދީފަ އެވެ.
ކްރޮއޭޝިއާ މޮޅުވީ، އަންޓޭ ބުޑިމިއޭ ޖެހި ގޯލުންނެވެ.
ނަތީޖާ ހަަަމަހަމަކުރަން ޕޯޗުގަލް އިން ކުރި މަސައްކަތް ކާމިޔާބެއްނުވެ އެ ޓީމު މެޗުން ބަލިވީ އެވެ.












