ޓިއުރިން (ޖޫން 8) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، މޭސަން ގްރީންވުޑް ގަންނަން އިޓަލީގެ ގަދަ ބާރު ޔުވެންޓަސް އިން ރަނގަޅު ޑީލެއް ހުށަހަޅައިފަ އެވެ.
ގްރީންވުޑް، 22، މީގެ ނުވަ މަސް ކުރިން ގެޓަފޭ އަށް ލޯނެއްގެ ދަށުން ބަދަލުވީ ޔުނައިޓެޑްގައި އޭނާ އަށް ފުރުސަތެއް ދެވެން ނެތުމުންނެވެ. ގްރީންވުޑަށް ޔުނައިޓެޑުން ފުރުސަތު ގެއްލުނީ، ގެވެށި އަނިޔާ މައްސަލައެއްގައި އޭނާ ތާށިވި ހިސާބުންނެވެ. އެ މައްސަލަ މިހާރު ކޯޓުން ބޭރުކޮށްލާފައިވާއިރު، ޔުނައިޓެޑުން ވަކިން އެ މައްސަލަ ބަލައި، ގްރީންވުޑަށް އެޅި ފިޔަވަޅަކީ، އެ ކްލަބުން ޖާގަ ނުދިނުމެވެ. އަންނަ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ހުރި ގްރީންވުޑްގެ އެއްބަސްވުން އާ ނުކުރިޔަސް، އެ ޓީމުން ދޫކޮށްލާ ލިސްޓަށް އޭނާ ނުލަ އެވެ.
ޔުނައިޓެޑުން ގްރީންވުޑް ވިއްކާލަން ކިޔާ އަގުއުޅެނީ، 45-55 މިލިއަން ޑޮލަރުގަ އެވެ. އެ އަގުގައި އޭނާ ގަންނަން އޭނާ ކުރިން ކުޅުނު ގެޓަފޭ އިން ބޭނުމެއްނުވެ އެވެ.
ގްރީންވުޑް ގަންނަން ރޭހަށް ވަން ޔުވެންޓަސް އިން ހުށަހަޅާފައިވާ ޑީލަކީ، ފައިސާގެ އިތުރުން ކުޅުންތެރިއެކެވެ. އެ ގޮތުން ކުޑަ ފީއެއް ދޭ ގޮތަށް ޔުވެންޓަސް އިން މި ޑީލުގައި ހިމަނާފައިވާ ކުޅުންތެރިއަކީ ފެޑެރީކޯ ކިއޭސާ އެވެ. ކިއޭސާ ވެސް ހުރީ ޔުވެންޓަސްގެ ކޮންޓްރެކްޓްގެ ފަހު އަހަރުގަ އެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްގެ މި ޑީލަށް ޔުނައިޓެޑުން އޮތީ ރުހޭ ގޮތަށެވެ. އެކަމަކު، ފީ އަކާ މެދު ދެ ކްލަބުން މަޝްވަރާކުރަން ޖެހެ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގްރީންވުޑް އާއި ޔާއޯ ފެލިކްސް ބަދަލުކުރަން އެތުލެޓިކޯ މެޑްރިޑުން ވަނީ ޔުނައިޓެޑަށް އޮފާ ކޮށްފަ އެވެ. އެކަމަކު، ފެލިކްސް ބޭނުންވަނީ ކުރިއަށް އޮތް ސީޒަނުގައި ވެސް ލޯން އެއްބަސްވުމެއްގެ ދަށުން މިހާރު އޭނާ ކުޅެމުން އައި ބާސެލޯނާގައި މަޑުކުރާށެެވެ.












