ލަންޑަން (ޖޫން 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރުން ހުއްޓާލަން ނެގި ވޯޓުގައި އެކަމަށް ތާއީދުކޮށް ވޯޓު ދިން ހަމައެކަނި ޓީމަކަށް ޕްރޮޮޕޯސަލް ހުށަހެޅި ވުލްވްސް ވެއްޖެ އެވެ.
ވުލްވްސް އިން އިސްނަގައި، ހުށަހެޅި މި ޕްރޮޕޯސަލްގެ ވޯޓަށް އެހީ އިއްޔެ އޮތް ޕްރިމިއާ ލީގުގެ ބައްދަލުވުމުގަ އެވެ. އެ ގޮތުން، އެ ވޯޓުގައި، 20 ކްލަބްގެ ތެރެއިން 14 ޓީމުގެ ތާއީދު ލިބިއްޖެނަމަ، އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުމެއް ނުކުރާ ގޮތަށް އޮތްއިރު، ވީއޭއާރް އުވާލަން ވޯޓު ދިން ހަމައެކަނި ޓީމަކީ ވުލްްވްސް އެވެ.
ވޯޓަށް ފަހު، ވުލްވްސްގެ އޮފިޝަލް މީޑިއާ އަށް ދިން އިންޓަވިއުގައި ބުނެފައިވަނީ، ވޯޓުން ނުކުތް ނަތީޖާއާ މެދު މާޔޫސްވާ ކަމަށާއި އެކަމަކު، މި ކަމުގައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ކްލަބްތަކުން ހުށަހެޅި ކަންތައްތަކަށް ވިސްނައި، ވީއޭއާރް ބޭނުންކުރުމުގައި އިތުރަށް ކަންކަން ބަދަލުކުރަން ޕްރިމިއާ ލީގުން ނިންމުމެވެ.
ދުނިޔޭގެ އެންމެ ފޯރިގަދަ ލީގު، އިނގިރޭސި ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުންކުރަން ފެށީ، 2019/2020 ސީޒަނުން ފެށިގެންނެވެ.
ޕްރިމިއާ ލީގުން ވަނީ އިތުރު މަޝްވަރާ އަށް ފަހު، ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީގެ އިތުރުން، މެޗުގެ ތެރެއިން ވީއޭއާރް ބެލޭ ހާލަތްތައް އިތުުރުކުރުމާއި ދަނޑުގައި ވީއޭއާރްގެ ނިންމުން އެނައުންސްކުރަން ފައްޓަށް ތައްޔާރުވަމުން އަންނަ ކަމަށް ހާމަކޮށްފަ އެވެ.












