ލަންޑަން (ޖޫން 6) - މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި އިންގްލެންޑްގެ ގައުމީ ޓީމުގެ ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ އާއި މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝް އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ ޖޭމްސް މެޑިސަން ބާކީކޮށްފި އެވެ.
މެގުއާ، 31، ގެ ފައިގެ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާއާ ހެދި ޔުނައިޓެޑުން އެފްއޭ ކަޕް ފައިނަލުގައި ކުޅުނުއިރު ވެސް އޭނާ ޓީމުގައި ނެތެވެ. އިނގިރޭސި ގައުމީ ޓީމުގެ ޕްރޮވިޝަނަލް ސްކޮޑުގައި މެގުއާ ހިމެނި ނަމަވެސް، ޓީމު ޓްރެއިނިންގައި ބައިވެރިނުވެވޭތީ، ކޯޗު ގަރެތު ސައުތުގޭޓް ނިންމާފައިވަނީ، އެންމެ ފަހުން މުބާރާތްތަކުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު މެގުއާ މި ފަހަރުގެ ސްކޮޑުން ބާކީކުރުމަށެވެ.
ޔޫރޯ އަށް ތައްޔާރުވާން އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ބޮސްނިއާއާ ދެކޮޅަށް ގްރީލިޝް ވަނީ ދެ ވަނަ ހާފުގައި ކުޅެން ނުކުމެފަ އެވެ. އެކަމަކު، އެ މެޗުގައި ގްރީލިޝް ދެއްކި ކުޅުމާއި އޭނާގެ ފިޓްނަސް ހުރި މިންވަރު ބެލުމަށް ފަހު މި ވަނީ ޓީމުން ބާކީކޮށްފަ އެވެ.
ޓޮޓެންހަމްގެ މެދުތެރޭގައި މިދިޔަ ސީޒަން ފަށައިގެން މޮޅު ކުޅުމެއް ދެއްކި މެޑިސަން، 27، އަށް އަނިޔާގެ މައްސަލަ ދިމާވެ ގިނަ މެޗުތަކެއް ގެއްލުނެވެ. އެކަމަކު، އަލުން ފިޓްވެ، ސީޒަނުގެ ފަހު ބައިގައި އޭނާ ވަނީ ކުޅެފަ އެވެ. އެހެން ނަމަވެސް އެ މެޗުތަކުގައި ދެއްކި ކުޅުމާއި، ބޮސްނިއާއާ ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗުގައި، މެޑިސަންގެ ފަރާތުން ފެނުނު ކުޅުމަށް ބަލާފައި، އިންގްލެންޑު ކޯޗިން ސްޓާފުން ނިންމީ، މެޑިސަން ބާކީ ކުރާށެވެ.
އަންނަ ހޮނިހިރު ދުވަހު، ޔޫރޯ އަށް ދާ 26 ކުޅުންތެރިންގެ ސްކޮޑު ފައިނަލް ކުރަން ޖެހޭއިރު، ސައުތުގޭޓް ވަނީ އިތުރު ފަސް ކުޅުންތެރިން ބާކީކޮށް، ޔޫރޯ އަށް ދާނެ ޓީމު ކަނޑައަޅައިފަ އެވެ. އެންމެ ފަހުން ބާކީވި ހަތަރު ކުޅުންތެރިންނަކީ ލިވަޕޫލްގެ ދެ ކުޅުންތެރިން ކަމަށްވާ، ކާޓިސް ޖޯންސް އާއި ޖަރެލް ކުއަންސާގެ އިތުރުން، ބާންލީގެ ކީޕަރު ޖޭމްސް ޓްރަފޯޑް އަދި އެވަޓަންގެ ޖަރަޑް ބްރަންތުވެއިޓް އެވެ.












