އުމުރުން ދުވަސްވީ ދިވެހިންނަށް އަވައްޓެރި ސްރީ ލަންކާގައި ދިރިއުޅެވޭނެ ޕާމަނަންޓް ރެސިޑެންސީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ދިވެހި ސަރުކާރުން އެ ގައުމުގެ ސަރުކާރުގައި އެދެފި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދާއިމީ ރެސިޑެންސީ ދިނުމަށް ރާއްޖޭގެ ފަރާތުން ލަންކާގެ ސަރުކާރުގައި އެދުނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިންނެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހިންނަށް އެ ގައުމުން ޕާމަނަންޓް ރެސިޑެންސީ ދޭން ރާއްޖެއިން އެދިފައިވަނީ އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސް އާއެކު ފޮރިން މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީއަކީ އެ ގައުމުގެ ފުލުހުންނާއި އިމިގްރޭޝަން އަދި ބޯޑަރު ބެހެލެއްޓުން ހަވާލުކޮށްފައިވާ ވުޒާރާ އެވެ.
ޕާމަންޓް ރެސިޑެންސީގެ އިތުރުން ލަންކާގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ހަމަޖެއްސޭނެ ގޮތްތަކާއި އިމިގްރޭޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ވެސް ލަންކާގެ ޑެއިލީ މިރާއިން ބުނެފައިވެ އެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކޮށް، ލަންކާއިން އަބަދުވެސް ދިވެހިންނާމެދު ބާއްވާ ގާތް ގުޅުމަށް މިނިސްޓަރު ޒަމީރު ޝުކުރު އަދާކުރެއްވި ކަމަށްވެ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.












