ޕެރިސް (ޖޫން 6) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު މެޗުތަކުން ބެލްޖިއަމް، ފްރާންސް އަދި ސްޕެއިނުން ފަސޭހަ މޮޅެއް ހޯދައިފި އެވެ.
ސްޕެއިނުން އެންޑޯރާ އަތުން 5-0 އިން މޮޅުވިއިރު، ލަގްޒެމްބާގްގެ މައްޗަށް ފްރާންސް ކުރިހޯދީ 3-0 އިންނެވެ.
ބެލްޖިއަމް އިން މޮންޓެނެގްރޯ އަތުން މޮޅުވީ 2-0 އިންނެވެ.
ރޭގެ މެޗުގައި ބެލްޖިއަމް އަށް ލީޑުނަގައިިދިނީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޓީމުގެ ކެޕްޓަން، ކެވިން ޑި ބްރޭނާ އެވެ. މިއީ ޑި ބްރޭނާ، ބެލްޖިއަމް ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. މި ހާއްސަ މެޗު އޭނާ ފާހަގަކުރީ ގޯލަކާ އެކު އެވެ.

ބެލްޖިއަމްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ޑި ބްރޭނާ އުފާފާޅުކުރަނީ.
މޮންޓެނެގްރޯގެ މިލޯސް ބޯނަވިޗަށް މެޗުގެ 88 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ. އެ ޓީމު ކޮޅަށް ބެލްޖިއަމުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ލެއަންޑްރޯ ޓްރޮސާޑް އެވެ.
އެންޑޯރާ ކޮޅަށް ސްޕެއިނަށް ލީޑުނަގައިދިނީ، ފުރަތަމަ ހާފުގައި އަޔޯޒީ ޕެރޭޒް އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި މިކޭލް އޮޔާޒަބާލް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑު ޖެހީ، ފެރަން ޓޮރޭޒް އެވެ. މި މެޗުގައި ސްޕެއިނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.
ފްރާންސް އިން ރޭގެ މެޗުގައި ލަގްޒެމްބާގް ކައިރިން ކުރިހޯދިއިރު، އެ ޓީމުން ލީޑުނެގީ، ރަންޑަލް ކޯލޯ މުއާނީ ޖެހި ލަނޑުންނެވެ. ފްރާންސްގެ އަނެއް ދެ ލަނޑު ޖެހީ ޓީމުގެ ކެޕްޓަން، ކީލިއަން އެމްބާޕޭ އާއި ޖޮނަތަން ކްލޯސް އެވެ. ކްލޯސް ލަނޑު ޖެހީ އެމްބާޕޭ ދިން ބޯޅައަކުންނެވެ.
ރޭ ޑެންމާކުން ވަނީ 2-1 އިން ސްވިޑެން ބަލިކޮށްފަ އެވެ. މި މެޗުގައި ޑެންމާކުން ޕިއޭ އެމީލް ހޮއިބިއާގެ ގޯލުން ލީޑުނަގައިފައިވަނިކޮށް، އަލެކްސަންޑަ އިސާކް ސްވިޑެން އަށް އެއްވަރުކޮށްދިނެވެ. ޑެންމާކް މޮޅުވީ، އޭރިއާބޭރުން ކްރިސްޓިއަން އެރިކްސަން ޖެހި ލަނޑުންނެވެ.












